ވެރިކަން ކުރަން ލިބިއްޖެނަމަ، "ސުވަރުގެއަށް ދެވޭ ވަރަށް،" ވެރިކަން ކުރައްވާނެ ކަމަށް، ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި އުމަރު ވާދަ ކުރައްވާނެކަން ރަސްމީކޮށް، އިއުލާން ކުރީ ސަލްޓަންޕާކުގައި މިރޭ ބޭއްވި "އާ މިސްރާބަކަށް" ޖަލްސާގައެވެ.

ހޯމް މިނިސްޓަރުކަން ވެސް ކުރެއްވި އުމަރު މިރޭ ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އިސްލާމީ ޝަރީއަތް ވެގެންދާނީ ދިވެހި ދައުލަތުގެ އެންމެ މަތީ އުންސުރަށް ކަމަށެވެ. އަދި އިސްލާމީ ދައުލަތެއްގެ ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް އޭނާގެ ފަރާތުން ފެންނާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

"އޭނާ ދޮގެއް ނަހަދާނެ. އޭނާ ރަލެއް ނުބޯނެ. އޭނާ ވައްކަމެއް ނުކުރާނެ. އޭނާ ޝަހުވަތުގެ ފަހަތަކުން ނުދުވާނެ. އެއީ އިސްލާމީ ވެރިއެއްގެ ގައިގައި ހުންނާނެ ސިފައަކީ. ﷲ އިރާދަ ކުރެއްވިއްޔާމު ތިބޭފުޅުންނަށް އެ ސިފަތައް އަޅުގަނޑުގެ ކިބައިން ދައްކާނަން،" އުމަރު ވިދާޅުވިއެވެ.

[caption id="attachment_47216" align="alignnone" width="1024"] އުމަރު ނަސީރު ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި "އާ މިސްރާބަކަށް" ޖަލްސާގެ ތެރެއިން-- ފޮޓޯ/ ސަންގުޓީވީ[/caption]

އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ދިވެހިންގެ ހިތްތައް އަލިކޮށްދޭނީ އިސްލާމީ ނޫރުން ކަމަށާއި އިސްލާމީ ޝަރީއަތުގައި ހިފައި، ގުރުއާނަށް އަމަލު ކުރާނެ ކަމަށެވެ.

"ދިވެހިންގެ ރޫހާނީ ބާރުގަދަކޮށް، ނަފްސުތައް ސީދާކޮށް، ދީނީ ތައުލީމާއި ތަރުބިއްޔަތުން ދިވެހި މުޖުތަމައު ފައްކާކުރެވޭނެ،" އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދު އެ ވާހަކަތައް ދައްކަނީ މަހުޝަރުގެ ބިމުގައި ޖަވާބުދާރީވާން ޖެހޭނެކަން ހަނދާކޮށްގެން ކަމަށެވެ.

"ވެރިކަންކޮށްފައި އިރާދާ ކުރެއްވިއްޔާ އަޅުގަނޑު ދާނީ ސުވަރުގެއަށް ދެވޭ ވަރަށް ވެރިކަންކޮށްފައި ދާނީ،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ދިވެހިންގެ މިހާރުގެ ޖީލަކީ "ފަތިހަށް ހޭލައި މުރާލި ހީވާގި" ބަޔަަކަށް ހަދާނެ ކަމަށާއި އެ ނަމޫނާ އޭނާގެ ފަރާތުން ފެންނާނެ ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ ތިބޭފުޅުންނަށް، އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަ ދުވަހު ކޮންމެ ދުވަހު ތިބޭފުޅުންނަށް ﷲގެ ވާގިފުޅާއެކުގައި ކޮންމެ ވެސް މިސްކިތަކުން އަޅުގަނޑު ފެންނާނެ. އެހެންވީމަ ދިވެހި މުޖުތަމައުއިން ފެންނަމުންދާނީ އިސްލާމީ ވެރިއެއް. ފަތިހު ހޭލައިގެން 6:30ގައި މަސައްކަތް ކުރާ ވެރިއެއް. މިސްކިތްތަކުން ފެންނަ ވެރިއެއް. ދޮގު ނަހަދާ ވެރިއެއް. ބުނާ ބަހުގައި އިތުބާރު އޮތް ވެރިއެއް،" އުމަރު ވިދާޅުވިއެވެ.

އުމަރުގެ ރިޔާސީ ބައެއް ވައުދުތައް:

ސްކޫލް ނިންމުމަށްފަހު، ސިފައިންގެ ހިދުމަތަށް
ފުލުހުންނަށް ފިސްތޯލަ ދިނުން
ޑްރަގު އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު
ސަރުކާރު 30 ޕަސެންޓް ކުޑަކުރާނަން
ޓެކްސް ކުޑަކުރާނަން
ވެރިކަން ކުރާ ރަށުގެ، ސިޓީ ކައުންސިލް އުވާލުން
އިންޑިއާ ސިފައިން ބޭރުކުރުން
މިފްކޯ ޕްރައިވަޓައިޒް ކުރުން
ޕާޓީ ނިޒާމު އިސްލާހުކުރުން
ދޮގު ނެހެދުމަށް ނޫސްވެރިން ލައްވާ ހުވާ ކުރުން
މަޖިލިސް މެމްބަރުންގެ އަދަދު 50އަށް ތިރިކުރުން
މަޖިލިސް މެންބަރުން ވަކިކުރެވޭނެ ގޮތް ހެދުން
ބިދޭސީން ހިންގާ ކަންމަތީ ފިހާރަ ބަންދުކުރުން