ޓްރާންސްފޯމަރުތަކެއް ބެހެއްޓުމަށް ބޭނުންވާ ބިން ސިޓީ ކައުންސިލުން ހަމަޖައްސައިދީފައިނުވާތީ، ކުރިއަށް އޮތް ދުވަސްތަކުގައި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަންޖެހިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ (ސްޓެލްކޯ)އިން ބުނެފިއެވެ.

ސިޓީ ކައުންސިލާއި ސްޓެލްކޯއާ ދެމެދު "އަރާރުވުންތަކެއް" ހިނގައި، މީޑިއާއަށް އެކަން ތިލަވެފައިވާތާ ދުވަސްތަކެއް ވެއްޖެއެވެ. މަގު ކޮނުމާއި މަގު ބަންދުކުރަން ނަގާ ފީތައް ދެ ގުނަ ބޮޑުކުރުމުން، ސްޓެލްކޯއިން ވަނީ އެ މައްސަލާގައި ސިޓީ ކައުންސިލާ ދެކޮޅަށް ހައި ކޯޓަށް މައްސަލަ ވެސް ހުށަހަޅާފައެވެ. މީގެ އިތުރުން ކަރަންޓް ބިލުތަކަށް ސިޓީ ކައުންސިލުން ފައިސާ ނުފައްކާ މައްސަލަ ވެސް ވަނީ ބޮޑުވެފައެވެ.

ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސްޓްރާންފޯމަރު ބަހައްޓަން ބިން ބޭނުންވެފައިވާ ތިން ސަބްސްޓޭޝަނަކީ، ގާކޮށި، ސިނަމާލޭ ދޭއްގެ ގޯތި ތެރޭގައި ހަދާފައިވާ ސަބްސްޓޭޝަނާއި، މަޖީދިއްޔާ ސްކޫލު ކުރިމައްޗަށްވާ ގޮތައް ހުރި ޕާކިންޒޯނާއި ދިމާލުގައި ހަދާފައިވާ ސަބްސްޓޭޝަނުގެ އިތުރުން، ވިޔަފާރިވެރިންގެ މިސްކިތާއި އިންވެގެން އޮތް ޕާކިން ޒޯނުގައި ހަދާފައިވާ ސަބްސްޓޭޝަން ކަމަށެވެ.

އޭގެ ތެރެއިން، ސިނަމާލޭ 2 ގޯތި ތެރޭގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރަކީ މިހާރުވެސް، އޯވާލޯޑްވުމުގެ ސަބަބުން ކައިރީގައި ހުރި އެހެން ޓްރާންސްފޯމަރުތަކަށް އޭގެ، ލޯޑް ޓްރާންސްފާ ކުރަންޖެހިފައިވާ ޓްރާންސްފޯމަރެއް ކަމަށް ސްޓެލްކޯއިން ބުންޏެވެ.

[caption id="attachment_47211" align="alignnone" width="1280"] ސްޓެލްކޯއިން ބޭއްވި ޕްރެސް ކޮންފަރެންސް: ސިޓީ ކައުންސިލުން ދަތިކުރަމުން ގެންދާ ކަމަށް ބުނެފައިވޭ-- ފޮޓޯ/ ހަތާވީސް އޮންލައިން[/caption]

އަދި މިހާރު އެ ލޯޑް ޓްރާންފާ ކުރި ޓްރާންސްފޯމަރުތައް ވެސް ވަނީ އޯވާލޯޑްވުމާއި ގާތަށްގޮސްފައި ކަމަށާއި މި ސަބްސްޓޭޝަނުގައި އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، އެ ސަބްސްޓޭޝަނަށް ބޭނުންވާ ބިން ހޯދުމަށް 2 މެއި 2021ގައި ސިޓީ ކައުންސިލްގައި ރަސްމީކޮށް އެދިފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

އެ ސިޓީއަށް ޖަވާބެއް ނުލިބުމާއި ގުޅިގެން އިތުރު ސިޓީތަކެއްވެސް ފޮނުވި ކަމަށާއި އެ ސިޓީތަކަށްވެސް ޖަވާބު ލިބިފައިނުވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

"ވިޔަފާރިވެރިންގެ މިސްކިތާއި އިންވެގެން ހުރި ޕާކިންޒޯން ހުރި ބިމުގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރަކީ 81 އިންސައްތަ ޔުޓިލައިޒްކުރެވިފައިވާ ޓްރާންސްފޯމަރަކަށް ވުމާއެކު، އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، އެ ސަބްސްޓޭޝަން ބޮޑު ކުރުމަށް ބޭނުންވާ ބިން އެތަނުން ހަމަޖެއްސައިދިނުން އެދި، 13 ސެޕްޓެމްބަރ 2021ގައި ވަނީ ސިޓީ ފޮނުވިފައި. މި ސިޓީއަށްވެސް ޖަވާބެއް ލިބިފައެއް ނުވޭ" ސްޓެލްކޯއިން ބުންޏެވެ.

މަޖީދިއްޔާ ސްކޫލް ކުރިމަތީ ޕާކިންޒޯން ކައިރީގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރުގެ 73 އިންސައްތަ ޔުޓިލައިޒް ކުރެވިފައިވާއިރު، އެ ސަބްސްޓޭޝަނުގައި އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، އެ ސަބްސްޓޭޝަނާއި އިން ވެގެންއޮތް ހުސް ބިންކޮޅެއް ހަމަޖައްސައިދިނުމަށް 23 މެއި 2021 ގައި ވަނީ ސިޓީކައުންސިލަށް ހުށަހަޅާފައެވެ.

"އެ ސިޓީގެ ޖަވާބު ހޯދުމަށް އޭގެ ފަހުން ފޮނުވާފައިވާ ސިޓީތަކަށްވެސް މިއަދާ ހަމަޔަށް އެއްވެސް ޖަވާބެއް ލިބިފައެއްނުވޭ މި ސަބްސްޓޭޝަން ތަކުގެ ހާލަތު ބަޔާންކޮށް، ސިޓީކައުންސިލަށް ފޮނުވާފައިވާ ސިޓީތަކުގައި، އެ ޓްރާންސްފޯމަރުތައް އަވަސް ގޮތެއްގައި ނުބެހެއްޓިއްޖެނަމަ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިއަށްއޮތް ދުވަސްތަކުގައި ކަރަންޓު ކެނޑުންފަދަ ދަތިތަކާއި ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއް" ސްޓެލްކޯއިން ބުންޏެވެ.

މި ޓްރާންސްފޯމަރުތަށް ބެހެއްޓުމަށްޓަކައި ބޭނުންވާ ބިންތަކުގެ ކުރެހުންތައްވެސް ސްޓެލްކޯއިން ވަނީ ކައުންސިލާ ހިއްސާކޮށްފައެވެ. އަދި ކުރިއަށް މިއޮތް ދުވަސްތަކަކީ ހޫނު މޫސުމުގެ ދުވަސްތަށް ކަމުގައިވާތީ އާއި، އަދި ރޯދަމަހު މި ޓްރާންސްފޯމަރުތައް އޯވާލޯޑްވެ، ކަރަންޓު ކެނޑުންފަދަ ކަންކަން ދިމާވެދާނެތީ، އެ ބިންތައް ހަމަޖެހި މި ޓްރާންސްފޯމަރުތައް ވީ އެންމެ އަވަހަކަށް ބެހެއްޓުމަށް ސްޓެލްކޯއިން ބޭނުންވެއެވެ. އަދި މިކަމަށްޓަކައި ބޭނުންވާ ޓްރާންސްފޯމަރުތަކާއި، އެހެނިހެން އާލާތްތައްވެސް ކުންފުނީގައި ހުރިކަން ސްޓެލްކޯއިން ވަނީ ފާހަގަކޮށްފައެވެ.

ސްޓެލްކޯއިން ފޮނުވާފައިވާ ސިޓީތަކަށް އެއްވެސް ޖަވާބެއް ލިބިފައިނުވާއިރު، ސިޓީކައުންސިލްގެ އިސްނެންގުވުމުގެ މަތިން މާލޭގެ ރައީސް ޔާމީންގެ ގެކޮޅު، ހ. ދޫވެހި ހުންނަ ސަރަހައްދުގައި އިމާރާތްކުރަމުންދާ ފަރާތްތަކުން އެ ފަރާތްތަކަށް ކަރަންޓު ކަނެކްޝަން ހެދުމަށް ބޭނުންވާ ޓްރާންސްފޯމަރެއް ބަހައްޓައިދިނުމަށް އެދެމުންދާކަމަށް ބުނެ، އާޓިފިޝަލް ބީޗްގައިވާ ވޮލީކޯޓާއި އިންވެގެން އޮތް ސަރަހައްދުން ކަނޑައަޅުއްވައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ސިޓީ ކައުންސިލުން ސްޓެލްކޯގައި އެދުނެވެ.

ނަމަވެސް އެ ސަރަހައްދުން ކަރަންޓަށް އެދި ހުށަހަޅާ އެއްވެސް ފަރާތަކަށް ކަރަންޓު ނުދެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ބިންތައް ހަމަޖައްސައިދިން ނަމަވެސް، އެކަމުގެ ސަބަބުން އެއްވެސް ބަޔަކަށް ނުވަތަ ބައެއްގެ ބިމަކަށްވެސް ގެއްލުމެއް ވެސް އަދި އަސަރެއް ވެސް ނުކުރާނެކަން ސްޓެލްކޯގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ރައްޔިތުންނަށް ކުންފުނިން ދެމުންގެންދާ ހިދުމަތް އޭގެ އެންމެ ފުރިހަމަގޮތުގައި އަދި މެދު ނުކެނޑި ފޯރުވައިދިނުމަށް ކަމާއިބެހޭ އެންމެހާ ފަރާތްތަކުންވެސް އެއްބާރުލުން ދިނުމަށާއި ޒިންމާދާރުކަމާއެކު، ކުންފުންޏާއި ގުޅިގެން އެކީގައި މަސައްކަތްކުރަން ސްޓެލްކޯއިން ވަނީ އެދިފައެވެ.