މިދިޔަ އަހަރުގެ ތިން ވަނަ ދައުރުގެ ހުރިހާ ޖަލްސާއަކަށް ހާޒިރުވެވަޑައިގެންނެވީ އެންމެ ފަސް މެމްބަރުންކަން ރައްޔިތުންގެ މަޖިލީހުގެ ހާޒިރީ ރިޕޯޓުން ދައްކައިފިއެވެ.

މިދިޔަ ދައުރުގައި ބޭއްވި 43 ޖަލްސާއަށް ވަޑައިގެންނެވި ފަސް މެމްބަރުންނަކީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހްސިން ހަމީދު (ޖޭފޯ)ގެ އިތުރުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އެވެ.

އޮގަސްޓު މަހުން ފެށިގެން، ނޮވެމްބަރު މަހުގެ ނިޔަލަށް ބޭއްވި ތިން ވަނަ ދައުރުގެ ހުރިހާ ޖަލްސާތަކަށް ވަޑައިގެންނެވި މެމްބަރުންގެ ތެރޭގައި އިދިކޮޅު އެއްވެސް މެމްބަރަކު ހިމެނިވަޑައިނުގަންނަވައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކޮންމެ މަހަކު މެމްބަރުންގެ ހާޒިރީ ރިޕޯޓު މަޖިލީހުގެ ވެބްސައިޓުގައި އާންމުކުރެއެވެ.

ހާޒިރީ ރިޕޯޓުން ދައްކާ ގޮތުން ނިމިދިޔަ ދައުރުގެ ހާޒިރީގެ ފުލުގައި އޮތީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ތިން ވިޔަފާރިވެރިއެކެވެ. އެއީ އަބަދުވެސް ހާޒިރީގެ ފުލުގައި އޮންނަ، ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމާއި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ)އެވެ.

މަޖިލީހުގެ ޖަލްސާތައް ބާއްވަނީ ކޮންމެ ހަފްތާއެއްގެ ތިން ދުވަހުއެވެ. އެއީ ހޯމަ، އަންގާރަ އަދި ބުދަގައެވެ. ކޮންމެ އަހަރެއްގައި ވެސް މަޖިލިސް ކުރިއަށް ގެންދަނީ ތިން ދައުރަކަށް ބަހާލައިގެންނެވެ. އަހަރުގެ ފުރަތަމަ ދައުރު ފެށޭނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލްގެ ނިޔަލަށެވެ. ދެ ވަނަ ދައުރު ހިނގާނީ މޭ މަހުގެ މެދުތެރެއިން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. އެންމެ ފަހު ދައުރު، ތިން ވަނަ ދައުރު ހިނގާނީ އޮގަސްޓް މަހުގެ މެދުތެރެއިން ފެށިގެން ނޮވެމްބަރުގެ ނިޔަލަށެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާ އަންނަ ހޯމަ ދުވަހު އޮންނާނެއެވެ.