މަޖިލީހުގެ މިދިޔަ އަހަރުގެ ފަހު ދައުރުގެ ޖަލްސާތަކަށް އެންމެ މަދުން ހާޒިރުވި މެމްބަރުންގެ ތެރޭގައި މަޝްހޫރު ތިން ވިޔަފާރިވެރިއަކު ހިމެނިއްޖެއެވެ.

މިދިޔަ އަހަރުގެ ތިން ވަނަ ދައުރުގައި މަޖިލީހުން ބޭއްވީ 43 ޖަލްސާއެވެ. އޮގަސްޓު މަހުން ފެށިގެން، ނޮވެމްބަރު މަހުގެ ނިޔަލަށް ބޭއްވި ތިން ވަނަ ދައުރުގެ ޖަލްސާތަކުގެ ހާޒިރީ ރިޕޯޓް، މަޖިލީހުގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފައެވެ.

މަޖިލީހުން އާންމުކުރި ހާޒިރީ ރިޕޯޓުތަކުން ދައްކާ ގޮތުން ހާޒިރީގެ އެންމެ ފުލުގައި އޮތީ މަޝްހޫރު ވިޔަފާރިވެރިޔާ ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމެވެ. މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ނަމުގައި ސިޔާސީ ޕާޓީއެއް ވެސް ހިންގަވާ ސިޔާމް މިދިޔަ ދައުރުގައި ވަޑައިގެންނެވީ ހަ ޖަލްސާއަކަށެވެ. ހަ ރިސޯޓުގެ ވެރިޔާ، ސިޔާމް ވަޑައިނުގަންނަވާ ޖަލްސާތަކުގެ އަދަދަކީ 37 އެވެ.

ހާޒިރީގެ ފުލުން ދެ ވަނައަށް އޮތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. ފަސް ރިސޯޓުގެ ވެރިޔާ، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް މިދިޔަ ދައުރުގައި ވަޑައިގެންނެވީ މަޖިލީހުގެ 10 ޖަލްސާއަކަށެވެ. އޭނާ ވަޑައިނުގަންނަވާ ޖަލްސާތަކުގެ އަދަދަކީ 33 އެވެ.

ހާޒިރީގެ ފުލުން ތިން ވަނައިގައި އޮތީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ)އެވެ. ކޮންސްޓްރަކްޝަން ކުންފުނި، ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ، ދޮންބެ މިދިޔަ ދައުރުގައި 19 ޖަލްސާއަކަށް ވަޑައިނުގަންނަވައެވެ. އޭނާ ވަޑައިގެންނެވީ 24 ޖަލްސާއަކަށެވެ.

މަޖިލީހުގެ ޖަލްސާތައް ބާއްވަނީ ކޮންމެ ހަފްތާއެއްގެ ތިން ދުވަހުއެވެ. އެއީ ހޯމަ، އަންގާރަ އަދި ބުދަގައެވެ. ކޮންމެ އަހަރެއްގައި ވެސް މަޖިލިސް ކުރިއަށް ގެންދަނީ ތިން ދައުރަކަށް ބަހާލައިގެންނެވެ. އަހަރުގެ ފުރަތަމަ ދައުރު ފެށޭނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލްގެ ނިޔަލަށެވެ. ދެ ވަނަ ދައުރު ހިނގާނީ މޭ މަހުގެ މެދުތެރެއިން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. އެންމެ ފަހު ދައުރު، ތިން ވަނަ ދައުރު ހިނގާނީ އޮގަސްޓް މަހުގެ މެދުތެރެއިން ފެށިގެން ނޮވެމްބަރުގެ ނިޔަލަށެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާ އަންނަ ހޯމަ ދުވަހު އޮންނާނެއެވެ.