ހުޅުމާލޭގައި އަޅާފައިވާ ވިނަރެސް ފްލެޓް ލިބުނު މީހުންގެ ތެރޭގައި ގިނައީ މާލޭގައި ދިރިއުޅޭ އަތޮޅު ތެރޭ މީހުންކަން ދާއިމީ ލިސްޓުން ހާމަވެއްޖެއެވެ.

ވިނަރެސް ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އެޗްޑީސީން މިއަދު ވަނީ އާއްމުކޮށްފައެވެ. އެ ލިސްޓުގައިވާ ގޮތުން މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ތެރެއިން 1094 މީހުން ވިނަރެސްއަށް ޝަރުތު ހަމަވެއެވެ. އަދި މާލޭގައި ރަށްވެހިވެފައިވާތާ 15 އަހަރުވެފައިވާ 267 މީހަކަށް ވިނަރެސްއިން ފްލެޓް ކަށަވަރުވެފައިވެއެވެ.

ދާއިމީ ލިސްޓު ބަލާލުމަށް ލިންކަށް ފިއްތާލާ:

ވިނަރެސް ފްލެޓް ލިބުނު އަތޮޅުތެރޭ މީހުން

ވިނަރެސް ފްލެޓް ލިބުނު މާލެ މީހުން

ސަރުކާރުން ވިނަރެސް ފްލެޓުތައް ހާއްސަކޮށްފައި ވަނީ ވެސް މާލެ މީހުންނަށެވެ. މިއަދު އާންމު ކުރި ލިސްޓުގައި ސީލައިފް، ހިޔާ، އަދި ގުޅީފަޅުން ފްލެޓް ލިބުނު މީހުންގެ ނަމެއް ނުހިމެނެއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކޯ.އެޕްލިކަންޓްގެ ގޮތުގައި އެއް ފޯމަށްވުރެ ގިނަ ފޯމުގައި ނަން ހިމަނާފައިވާ ފަރާތްތަކަށް ކުރިއަށް ދެވެނީ އެންމެ ފޯމަކާއެކު ކަމަށެވެ. ދެމަފިރިން ވަކިން ފޯމު ހުށަޅާފައި ވީނަމަވެސް، އެފަދަ ފަރާތްތަށް ދެވޭނީ އެންމެ ފްލެޓެއް ގަތުމުގެ ފުރުސަތު ކަމުގައި އެޗްޑީސީން ބުންޏެވެ.

އެހެންކަމުން، އެ ފަރާތްތަކަށް މިކަން ހައްލުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ވިނަރެސް ހައުސިން މަޝްރޫއިން އެޕާޓްމަންޓް ގަތުމުން ދެން ކުރިއަށް އޮތް މަރުހަލާ އަކީ، އާންމު އުސޫލުގެ ދަށުން އަލަށް ޝަރުތު ހަމަވެފައިވާ ފަރާތްތަކުގެ މާލީ ގާބިލިއްޔައްތުކަން ބެލުމަށް ބޭނުންވާ ލިޔެކިޔުންތައް ހަމަކުރުމުގެ މަރުހަލާއެވެ.

އަދި މި މަރުހަލާ ފުރިހަމަވުމުން ބުކިންް ފީ ނެގުމާއި ވިނަރެސް އެޕާޓްމެންޓު އިހްތިޔާރު ކުރުމުގެ ކަންތައް ކުރިއަށް ގެންދާނެކަމަށް ބަޔާނުގައި ބުންޏެވެ.

އެޗްޑީސީން ބުނީ އެޕާޓްމެންޓު އިހްތިޔާރު ކުރުމަށްފަހު "ލިސްޓުއޯން" އަދި ފުލް ޕޭމަންޓަ ޑީލް ހިޔާރުކޮށްފައިވާ ފަރާތްތަށް ބެލުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް މާލި ގާބިލިއްޔަތުކަން ކަށަވަރު ކުރުމަށް ތިން ވަނަ ފަރާތެއް މެދުވެރިކޮށް އިވެލުއޭޝަން ކުރިއަށް ގެންދެވޭނެ ކަމަށެެވެ.

"މި ޕޭމަންޓު މޮޑެލްތައް ހިޔާރުކުރެއްވި ފަރާތަށް ވިނަރެސް އެޕާޓްމެންޓް ކަށަވަރުވާނީ ހުށަހަޅާފައިވާ ލިޔެކިޔުންތައް ބެލުމަށް ފަހު މި ކޯޕަރޭޝަނުން މާލީ ގާބިލުކަން ފުރިހަމަވާކަން ތާޑް ޕާޓީ އިވެލުއޭޓަރުން ނިންމުމުން" އެޗްޑީސީން ބުންޏެވެ.

އެންޑް ޔުސާ މޮޑެލް ހިޔާރު ކޮށްފައިވާ ފަރާތްތައް ބުކިން ފީ ދައްކާ އެޕާޓްމެންޓު އިހްތިޔާރުކުރުމުގެ މަރުހަލާ ނިމުމުން، މާލި އިދާރާތަކަށް ހުށަހަޅަން ޖެހާ ލިޔެކިޔުންތައް އެފަރާތްތަކާއި ހިއްސާ ކުރާނެއެވެ.

އަދި އެ ޕޭމެންޓު ޑީލްގެ ދަށުން ވިނަރެސް އެޕާޓްމެންޓު ކަށަވަރުވާނީ، މާލި އިދާރާއަކުން ލޯނު ހަމަޖެހުނު ކަމުގެ ލިޔުން އެޗްޑީސީއަށް ހުށަހެޅުމުންނެވެ. އެކަމާ ގުޅޭގޮތުން އެޗްޑީސީގެ ނަންބަރު 3353535 ގުޅާނެއެވެ.

އެ ނަންބަރުގެ އިތުރުން އެޗްޑީސީން އެއްވެސް މޯބައިލް ފޯނު ނަންބަރަކުން ވިނަރެސް ހައުސިންގް މަޝްރޫއު އާއި ގުޅޭގޮތުން އެއްވެސް ފަރާތަކަށް ނުގުޅާނެ ކަމަށާއި އަދި އެސްއެމްއެސް އެއްވެސް ނުފޮނުވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ވިނަރެސް މަޝްރޫގެ ދަށުން ތަރައްގީކޮށްފައި ވަނީ 10 ޓަވަރެވެ. ކޮންމެ ޓަވަރެއްގައި ވެސް ހިމެނެނީ ތިން ކޮޓަރީގެ އެޕާޓްމަންޓުތަކެކެވެ. އެގޮތުން 1344 ފްލެޓަށް 1413 މީހުން ކުރިމަތިލިއެވެ. މި އެޕާޓްމަންޓުތަކުގެ އަގު އުޅޭނީ 2.5 މިލިއަނާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގައެވެ.