މާލޭގެ މަގު ކޮނުމުގެ މަސައްކަތުގެ ފީ ބޮޑުކޮށް މާލޭ ސިޓީ ކައުންސިލުން ހެދި އުސޫލު ބާތިލްކުރަން ސްޓެލްކޯ އިން ހައި ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
މި ފަހުން ސިޓީ ކައުންސިލުން ވަނީ މަގު ބަންދުކުރުމާއި މަގު ކޮނުމުގެ އަގުތައް ދެ ގުނައަށް ވުރެ ބޮޑުކޮށްފައެވެ. އެ ކަމާއި މެދު ސްޓެލޯކުއިން ވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.

ސްޓެލްކޯ އިން މިއަދު ބުނީ، މާލެ ސިޓީގެ މަގުމަތީގައި މަގު ބަންދު ނުކޮށް އަދި މަގު ބަންދުކޮށްގެން މަސައްކަތްކުރުމާ ބެހޭ އުސޫލާއި، މަގު ކޮނުމާއި، ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިއިގެން އާއްމުކޮށް މަސައްކަތް ކުރުމުގެ އުސޫލަށް އަމަލުކުރަން ފަސް ކުރުމުގެ ވަގުތީ އަމުރަކަށް ހައިކޯޓުގައި އެދިފައިވާ ކަމަށެވެ.
ސްޓެލްކޯއިން ހުށަހެޅި މައްސަލަ މިހާތަނަށް ބަލައިގަަތްކަން އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.
މި ފަހުން ބޭއްވި ޕްރެސްކޮންފަރެންސެއްގައި ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފު ވިދާޅުވީ ސިޓީ ކައުންސިލުން ކުރިން ނަގަމުން ގެންދިޔަ ފީތައް 154 ޕަސެންޓަށް ބޮޑުކޮށްފައިވާ ކަމަށެވެ. އެގޮތުން މަގު ބަންދުކުރުމަށް ބަހައްޓާ ބޯޑުގެ އަގު 150 ރުފިޔާ އިން 300 ރުފިޔާއަށް ބޮޑުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ޕޭވްމަންޓު ކޮނެގެން އެއްޗެއް ވަޅުލާނަމަ، ކޮންމެ ފޫޓަކަށް 25 ރުފިޔާ ނަގާ ކަމަށާއި އެއީ މީގެ ކުރިން އަގު ނަގާފައި ނުވާ ކަމެއް ކަމުގައި ޝަރީފު ވިދާޅުވިއެވެ.

ސިޓީ ކައުންސިލްގެ ދަށުގައި ހުރި ބައެއް ތަންތަނުން ބިލް ނުދައްކާތީ ސްޓެލްކޯ އިން ވަނީ ދާދި ފަހުން އެ ތަންތަނުން ކަރަންޓް ކަނޑާލައިފައެވެ. އެއާއެކު ސްޓެލްކޯއާ ސިޓީ ކައުންސިލާ ދެމެދު ވަނީ މައްސަލަތަކެއް ޖެހިފައެވެ.
ސިޓީ ކައުންސިލުން ބުނާގޮތުންނަމަ ސްޓެލްކޯގެ އިމާރާތްތަކުގެ ކުލީގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ސިޓީ ލިބެންޖެހެއެވެ. ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކާފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.