ޒުވާނުންތަކެއް ނިކުމެ ރަށް ސާފުކުރަނީއެވެ. ފުރާވަރު އަންހެނުންނާއި ފިރިހެނުންނެވެ. ސާފުކުރުން އެކަންޏެއް ނޫނެވެ. ކުނިއަޅާނެ ޑަސްބިންތައްވެސް ބަހައްޓައިފިއެވެ. ކުނިން ތޮއްޖެހިފައި އޮތް އަތިރިމަތި ޗާލޫ ކޮށްލައިފިއެވެ. ރަށަށް އަރައިގެން ދާއިރުވެސް ފެންނަނީ އެ ޒުވާނުން ކުރި މަސައްކަތުގެ ނިޝާންތަކެވެ. މިއީ ހުއްޓުވޭނެ ބައެއް ނޫނެވެ. މި މީހުން ތިބީ ރަށް ސާފުކޮށްފައި ނޫނީ ހުއްޓާލާ ގޮތަކަށް ވެސް ނޫނެވެ. މި ދައްކަނީ ގއ. ވިލިގިލީގެ ޒުވާނުންތަކެއްވެގެން "ސާފު ވިލިނގިލި" ގެ ނަމުގައި ހިންގާ ހަރަކާތުގެ ވާހަކައެވެ.

[caption id="attachment_47129" align="aligncenter" width="960"] ވިލިގިލީ ގޮނޑުދޮށް ސާފުކުރުމުގައި ޒުވާނުން ހަރަކާތްތެރިވަނީ[/caption]

ހަރަކާތް ފެށުމުގެ އަސްލަކީ މާލޭގައި ކިޔަވަމުން ދިޔަ ވިލިނގިލީގެ ޒުވާނުންތަކެއް ރަށަށް ޗުއްޓީއަށް ދިޔުމެވެ. "ޗުއްޓީއަށް ރަށަށް ގޮސް އުޅެނިކޮށް ފެނުނީ ޕޯސްޓެއް ރަށެއްގެ ގޮނޑުދޮށް ސާފުކޮށްލާފައި، ކުނި ނަގާފައި ހުރި ތަނުގެ ފޮޓޯތަކެއް، އެއިން ލިބުނު ހިތްވަރެއް،" ހަރަކާތުގެ އިސްކޮށް އުޅޭ ޖައިޝް އަލީ ވަހީދު "ހަތާވީސް"އަށް ކިޔައިދިނެވެ. އެކަން ފެށީ ރަށުގެ ގޮނޑޮދޮށް ހިމާޔަތްކޮށް ސާފުކުރުމަށެވެ.

https://twitter.com/SaafuVillingili/status/1149996317831073794

ފުރަތަމަ ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ހަރަކާތް ވަރަށްވެސް ކާމިޔާބެވެ. އެއާއެކު ކޮންމެ ހަފްތާއަކު އެއް ފަހަރު ރަށް ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދަން ފެށިއެވެ. "ރަށް ސާފުކުރުމުގެ ޕްރޮގްރާމުގައި 15 ވަރަކަށް ކުދިން އުޅޭނެ. އިސްކޮށް އުޅޭ އެންމެންނަކީ ޒުވާނުން،" ޖައިޝް ކިޔައިދިނެވެ. އޭނާ ކިޔަދިން ގޮތުގައި ހަރަކާތަށް ސޮޕްންސާ ހޯދަން މަސައްކަތެއް ކުރާކަށް ނުޖެހެއެވެ. އެއީ ރަށު ރައްޔިތުންގެ އެއްބާރުލުން ލިބޭތީއެވެ.

[caption id="attachment_47130" align="aligncenter" width="2048"] ސާފުކުރުމުގެ ޕްރޮގްރާމްގައި 15 ވަރަކަށް ކުދިން ބައިވެރިވޭ[/caption]

"ރަށުގެ އާއްމު ފަރުދުން އިސްނަގައިގެން މި ހަރަކާތަށް ފައިސާދެނީ. އެ ފައިސާއިން އަޅުގަނޑުމެން ގަންނަނީ ބޭނުންވާ އަންގިފަދަ ތަކެތި،" ރަށު ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބޭކަން ފާހަގަކުރަމުން ޖައިޝް ބުންޏެވެ.

އެ ފައިސާއިން ޒުވާނުން ވަނީ ޑަސްބިންތަކެއް ވެސް ހަދާފައެވެ. ނަރުދަމާ އަޅަން ބޭނުންކުރި ހޮޅިތަކުން ބާކީވި އެއްޗެހި ބޭނުންކޮށްގެން ހަދާފައިވާ 100 އަށް ވުރެ ގިނަ ޑަސްބިން ވިލިނގިލީގެ އެކި ސަރަހައްދުތަކުގައި ވަނީ ބަހައްޓާފައެވެ. "ނަރުދަމާ އަޅަން ބޭނުންކޮށްފައި ހުރި ހޮޅިތައް ކަފާލަނީ އެއަށް ފަހު ހޮޅިގެ ބައި ފޫބައްދާއްލާފައި ކުލަ ލުމަށްފަހު މަގުމަތީގައި ބަހައްޓަނީ،" ޖައިޝް ބުންޏެވެ.

[caption id="attachment_47134" align="alignnone" width="682"] ވިލިގިލީގެ މި ޒުވާނުން ގެންދަނީ ރަށް ސާފުކޮށް ނަމޫނާ ދައްކަމުން[/caption]

ވިލިނގިއްޔަށް އަރައިގެންދާއިރު ފެންނަ "ވިލިގިނލިއަށް މަރުހަބާ" ބޯޑުގެ ކަނާތުން ފެންނަ ޑަސްބިނަކީ ވެސް އެ ޒުވާނުން ބެހެއްޓި ޑަސްބިނެކެވެ. ކޮންމެ އަހަރަކު އެ ޑަސްބިންތަކުގައި ކުލަލައި އިތުރަށް ކުރަން ޖެހޭ މަރާމާތުތައް ކުރެއެވެ.

މި ޒުވާނުން އެންމެ ބޮޑަށް އުފާވާނީ ސާފުކުރި ތަންތަން ފިނިވައި ޖައްސާލާ މައިޒާންތަކަށް ބަދަލުވެގެން ދިޔުމެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު ހަރަކާތަށް ހުއްޓުމެއް އައި ކަމަށްވިޔަސް އަނެއްކާވެސް އެކަން ކުރިއަށް ގެންދިޔުމަށް ވަނީ އަޒުމް ހިފާފައެވެ.

ޖައިޝް ބުނި ގޮތުންނަމަ މިހާރު މަސައްކަތް ކުރަނީ "ސާފު ވިލިނގިލި" ގެ ނަމުގައި ޖަމިއްޔާއެއް އުފެއްދުމުގެ މަސައްކަތެވެ. ޖަމިއްޔާ އުފައްދަން ލިބޭ ހުއްދައާ އެކު ރަށުގެ ސަރަހައްދުތައް އިތުރަށް ރީތިކުރުމަށް މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ޖައިޝް ބުންޏެވެ. "އެކި ސަރަހައްދުތަކުގައި ބެންޗު ބެހެއްޓުމައި، ޑަސްބިންތައް އިތުރުކުރަން އަމާޒު ހިފާ ފައި ވަނީ." އޭނާ ބުންޏެވެ.

"ކިތަންމެ ކުޑަކަމަކުންވެސް ރަށަށް ފައިދާވެދާނެ. ހިތްވަރާއެކު ކޮށްފިއްޔާ،" އިންޓަވިއު ނިންމާލަމުން ޖައިޝް ބުންޏެވެ.