އެމްޑީޕީ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދުގެ ވަކި ފެކްޝަނެއް ހައްދަވައި، ގޮފިތަކެއް ހައްދަވަމުން ގެންދަވާ މައްސަލާގައި އެމްޑީޕީން މިއަދު ވާހަކަ ދައްކައިފިއެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވީ ޕްރައިމަރީން ކާމިޔާބު ހޯއްދެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާ ދެކޮޅަށް ރައީސް ނަޝީދު މަސައްކަތް ކުރައްވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑަކަށް ހިއެއް ނުވޭ، ނަޝީދު އެކަހަލަ ކަމެއް ކުރައްވާހެން، އަދި ކުރައްވާނެ ކަމަކަށް." އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބްރޭ ވިދާޅުވިއެވެ. މިއަދު ޕްރެސް ކޮންފަރެންސް ބޭއްވީ އިންތިހާބާ ބެހޭ ކޮމެޓީންނެވެ. މިއަދު ވަނީ ޕްރައިމަރީގެ ރަސްމީ ނަތީޖާ ވެސް އިއުލާންކޮށްފައެވެ.

އިންތިހާބާ ބެހޭ ކޮމެޓީގެ މުގައްރިރުކަން ވެސް ކުރައްވާ އިބްރޭ ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތަށް "ފިކުރީ ގޮފި" ހެދޭނެ ކަމަށެވެ. އަދި އެފަދަ ގޮފި ހެދުމަކީ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހާ ދެކޮޅަށް މަސައްކަތް ކުރުން ކަމަށް ގަބޫލުނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީ ގޮފީގެ ގަވާއިދުގައި ބުނެފައިވާ ގޮތުން އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ވަކި ފިކުރެއްގެ މައްޗަށް ބަރޯސާކޮށް ގޮފި އުފެއްދިދާނެ ކަމަށެވެ. އަދި އެ ގޮތްޕެއް އުފައްދާފައިވާ ފިކުރު ކުރިއެރުވުމަށާއި ތަރައްގީ ކުރުމަށް އުފެއްދިދާނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވެއެވެ.

"ގޮތްޕެއް އުފެއްދުން އަޅުގަނޑުމެން ނުބަލަން އެއީ ރިޔާސީ ކެންޑިޑޭޓާ ދެކޮޅަށް ކަމެއް ކުރުން ކަމަކަށް. އެހެންނަމަވެސް ގޮފި އުފައްދައިގެން ކުރާ ކަމަކުން ކަންނޭނގޭ ތިޔަ ބުނާ ކަހަލަ ކަމެއް ކުރި ކަމަށްވަންޏާ އަޅުގަނޑުމެން އެ ހިސާބަށް [ފިޔަވަޅު އެޅުމަށް] ދާނީ. އަދި ވިސްނާކަށް ނުޖެހޭ،" އިބްރޭ ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ޕާޓީގެ ރައީސް، ޕާޓީގެ ކެންޑިޑޭޓާ އިދިކޮޅަށް އެއްވެސް ކަމެއް ކުރަައްވާނެ ކަމަކަށް. ކުރައްވަންޏާ އަޅުގަނޑުމެން އެންމެންނަށް ފެންނާނެ."

ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވި، ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ އެމަނިކުފަށް ތާއިދު ކުރާ މީހުން ބައިވެރިކޮށްގެން، 50،000 މީހުންގެ ގޮތްޕެއް ހެދުމަށް މަސައްކަތް ކުރަމުންނެވެ. "ފިކުރެއްގެ ދިރުން" ނަމުގައި ކުރިއަށް ގެންދާ މި ގޮފީގެ ބޭނުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެ ގޮފިން ތާއިދު ކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުން ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ޕްރައިމަރީގެ ރަސްމީ ނަތީޖާއިން ދައްކާ ގޮތުން ރައީސް ސާލިހު އިންތިހާބު ކާމިޔާބު ކުރެއްވީ 24،566 ވޯޓުންނެވެ. އެއީ ވޯޓުލީ މީހުންގެ 61.1 ޕަސެންޓެވެ. ނަޝީދަށް ލިބިވަޑައިގެންނެވީ 15،641 ވޯޓެވެ. އެއީ 38.9 ޕަސެންޓް ވޯޓެވެ. ޕްރައިމަރީގައި 40،887 މީހުން ވޯޓުލާފައިވެއެވެ. ބާލިތު ވޯޓުގެ އަދަދަކީ 680 އެވެ.

ޕްރައިމަރީގައި ވޯޓުލާން ނުކުތީ އެމްޑީޕީގެ 71 ޕަސެންޓް މީހުންނެވެ.