ބަހްރޭނުގައި މިހާރު ކުރިއަށްދާ 33 ވަނަ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ)ގެ ކޮންގްރެސްގައި އެ އިދާރައިގެ އެގްޒެކެޓިވް ކޮމިޓީއަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އައްޔަން ކޮށްފިއެވެ.

ކުރިއަށް އޮތް ޓާމަށް އޭއެފްސީގެ މަގާމުތަކަށް އިންތިހާބުކުރުމަށް މިހާރު ބަހްރޭނުގައި ކުރިއަށްދާ ކޮންގްރެސްގައި އެ އިދާރައިގެ މުހިއްމު ގިނަ މަގާމުތަކަކަށް ބޭފުޅުން ވަނީ އިންތިހާބުކޮށްފައެވެ. އެގޮތުން އޭއެފްސީގެ ރައީސްގެ މަގާމަށް ތިންވަނަ ދައުރަކަށް މިހާރު ވެސް އެ މަގާމު ފުރުއްވަމުން އަންނަ ޝެއިޙް ސަލްމާން ބިން އިބްރާހިމް އަލް ޙަލީފާ ވަނީ އިންތިހާބުކޮށްފައެވެ. އޭނާ އެ މަގާމު ފުރުއްވަމުން އަންނަނީ 2013 އިން ފެށިގެންނެވެ.

މިއަދުގެ ކޮންގްރެސްގައި ބައްސާމް އެކްސްކޯ މެމްބަރަކަށް އިންތިހާބުވީ އެ މަގާމަށް ވާދަކުރި 10 މެމްބަރުންގެ ތެރެއިންނެވެ. އެކްސްކޯގެ ނުވަ ގޮނޑިއަކަށް ބޭފުޅުން އިންތިހާބު ކުރި އިރު ބައްސާމް ހޮވިވަޑައިގަތީ އޭއެފްސީގެ ސައުތު ޒޯންގެ މެމްބަރު ކަމަށެވެ. ބައްސާމްއާއެކު ސައުތު ޒޯނަށް ދެން އިންތިހާބުވީ ނޭޕާލްގެ ފުޓުބޯޅައިގެ ރައީސް ޕަންކާޖް ބިކްރަމް ނެންބަންގްއެވެ.

މި ކޮންގްރެސްގައި އޭއެފްސީގެ ރައީސަކާއި ފަސް ޒޯނަކަށް ބަހާލައިގެން އޭއެފްސީގެ ނައިބު ރައީސުންނާއި ފީފާގެ ހަ ކައުންސިލް މެމްބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި އެއް އަންހެން މެމްބަރަކު ވެސް ހިމެނެއެވެ.

މީގެއިތުރުން އޭއެފްސީ އަންހެން އެގްޒެކްޓިވް ކޮމިޓީ އަށް ފަސް މެމްބަރުން އިންތިހާބު ކުރާއިރު، އޭގެ ތެރެއިން އެކަކު ވާން ޖެހޭނީ ފީފާގެ ކައުންސިލް މެމްބަރަކަށެވެ.

ބައްސާމް ވަނީ މީގެ ކުރިން ވެސް އޭއެފްސީގެ އެކި މަގާމުތައް ފުރުއްވައިފައެވެ. އެގޮތުން 2019 ވަނަ އަހަރުން ފެށިގެން ބައްސާމް އަންނަނީ އޭއެފްސީގެ އެސޯސިއޭޝަން ކޮމިޓީގައި މަސައްކަތް ކުރައްވަމުންނެވެ. އޭގެ ކުރިން ވެސް އެ އިދާރައިގެ ނޯމަލައިޒޭޝަން ކޮމިޓީއާއި ފުޓްސަލް އެންޑް ބީޗް ސޮކަރ ކޮމިޓީއަށް ބައްސާމް ވަނީ އިންތިހާބުވެފައެވެ.