ކަރަންޓު ބިލް ނުދައްކާ ތިން އަހަރެއްހާ ދުވަސް ވުމުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިމާރާތުން ކަރަންޓު ކަނޑާލާފައި ވަނިކޮށް ކުޅިވަރާ ބެހޭ ވުޒާރާއިން އެކަމުގެ ޒިންމާ ނެގުމުން ސްޓެލްކޯއިން އަލުން އަނބުރާ އެ އިމާރާތަށް ކަރަންޓު ދީފިއެވެ.
ދަރަނީގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ އެފްއޭއެމުން 2019 އިން ފެށިގެން ކަރަންޓު ބިލް ނުދައްކައިގެން ސްޓެލްކޯއިން ވަނީ އެ މައްސަލައިގައި އެތައް ފަހަރަކު އެ އިދާރާއަށް އިންޒާރު ދީފައެވެ. ނަމަވެސް އެކަން އެފްއޭއެމްއިން ހައްލުކޮށްފައި ނުވާތީ ސްޓެލްކޯއިން ވަނީ މިދިޔަ އަހަރު އެ އިދާރައިގެ ބައެއް އޮފީސްތަކުން ކަރަންޓް ކަނޑާލައިފައެވެ. އޭރު ސްޓެލްކޯއަށް ދައްކަން ޖެހޭ 6.5 މިލިއަން ރުފިޔާ އެފްއޭއެމްއަށް އޮތް ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އެފްއޭއެމްގެ އިމާރާތްތަކުން ކަރަންޓު ކަނޑާލުމާ ގުޅިގެން އެ އިދާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސްޓެލްކޯއިން އެކަން ކުރީ އިހްލާސްތެރި ނިޔަތެއްގައި ނޫންކަމަށާއި، ކަރަންޓް ބިލް އިންސްޓޯލްމެންޓަށް ބަހާލައިގެން ދެއްކުމަށް އެ އިދާރާއިން ދިޔައީ ސްޓެލްކޯއާ އެކު މަޝްވަރާ ކުރަމުން ކަމަށެވެ. އަދި އެ އިދާރައިގެ އިމާރާތް ކޮވިޑް ތެރޭގައި ބޭނުން ކުރުމަށް އެހެން ބަޔަކަށް ދިން ކަމަށް ފާހަގަކޮށް އެފްއޭއެމުން ބުނީ އެ ދުވަސްތަކުގެ ޙަރަދަށް ޒިންމާ ނަގަން ނުޖެހޭނެ ކަމަށެވެ.
އެފްއޭއެމްއިން އަދާ ހަމައަށް ވެސް ކަރަންޓް ބިލް ދައްކާފައި ނުވި ނަމަވެސް ސްޓެލްކޯއިން މިހާރު ވަނީ އެ އިދާރައިގެ އިމާރާތްތަކަށް ކަރަންޓް ދީފައެވެ. ސްޓެލްކޯއިން ކަރަންޓް ދިނީ އެފްއޭއެމްއިން ދައްކަން ޖެހޭ ފައިސާ ކުޅިވަރާ ބެހޭ ވުޒާރާއިން ދައްކާނެ ކަމަށް ބުނުމުން ކަމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ޝަރީފް ވަނީ މިއަދު ވިދާޅުވެފައެވެ.
"އެފްއޭއެމްގެ މައްސަލަ ހައްލުވެއްޖެ، އިނގޭތޯ، ސަބަބަކީ އެފްއޭއެމްއާ އެކީގައި ޔޫތު މިނިސްޓްރީއާ އެކީގައި އަޅުގަނޑުމެންނަށް ބައްދަލުވުމެއް ބޭއްވިއްޖެ، އަދި އެފްއޭއެމުން ދައްކަން ޖެހޭ ފައިސާގެ ޒިންމާ ޔޫތު މިނިސްޓްރީން ނަގާނެކަމަށް އަޅުގަނޑުމެން ކައިރީގައި ޔޫތު މިިނިސްޓްރީން ވަނީ ވިދާޅުވެފައި،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ޔޫތު މިނިސްޓްރީއާ އެކީގައި ޕޭމަންޓް ޝެޑިއުލެއް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އެފްއޭއެމްގެ އެއްވެސް ތަނަކުން މިހާރު އެ މައްސަލައިގައި ކަރަންޓު ކަނޑާލާފައި ނުހުންނާނެ ކަމަށެވެ. އަދި އެކަން ކުރީ ސަރުކާރުގެ މުއައްސަސާ އަކުން އެކަމުގެ ޒިންމާ ނަގާނެ ކަމަށް ވިދާޅުވެފައިވާތީ ކަމަށް ޝަރީފް ވިދާޅުވިއެވެ.