އެމްޑީޕީ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަން ހިންގަން ވަކި އޮފީހެއް ހަދަން އުޅޭ ކަަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

"ދިވެހި ޗެނަލް"އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީން ވަކިކުރި ކަމަށް ބުނާ މެމްބަރުން އެ ޕާޓީއަށް އަލުން އަނބުރާ ގެނައުމަށް އިދާރާއެއް ހަދަންޖެހޭ ކަމަށެވެ. އެކަން ކުރަނީ ރަށްރަށުގައި ތިބި ކެމްޕެއިން ޓީމުތައް ބޭނުންވެގެން ކަމަށާއި ވެދިޔަ ތަނުގައި އެ މެމްބަރުންގެ ބައިވެރިވުން އެމްޑީޕީގައި ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ސެކަރެޓޭރިއަޓެއް، އިދާރާއެއް ހަދަންޖެހޭނެ. މަސައްކަތް ކުރާނެ ތަނެއް. ކޯޑިނޭޓަރެއް. މަސައްކަތް ކުރާނެ މީހެއް ހުންނަންޖެހޭނެ. އިދާރީ މަސައްކަތްތައް ހިންގާނެ. ދެން ރަށްރަށުގައި އެ އޮތީ ކެމްޕެއިން ޓީމުތައް. އަޅުގަނޑުމެންގެ ކެމްޕެއިން ނެޓްވޯކްތައް. އަޅުގަނޑުމެން މި ކެމްޕެއިނަށް ނުކުތީ ވެސް، ކޮންމެ ރަށެއްގައި ވެސް މީހުން ތިބެގެން،" އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ނަޝީދު ވިދާޅުވިއެވެ.

"އެހެންވީމަ އެ މީހުން ބޭނުންވެގެން މިކަމެއް މި ހިންގަނީ. އެ މީހުންގެ ބައިވެރިވުން ޕާޓީން ގެއްލިފައި އޮތީމަ، އެ މީހުން އެ މީހުން ހިތްހަމަނުޖެހޭތީ، އެ މީހުން ޕާޓީގެ ހަރާކާތް ރަށުގައި ހިންގަން ބޭނުންވާތީވެ. އެހެންވީމަ އިންތިޒާމު ވެލުމަކީ މިހާރު އަޅުގަނޑުމެންނަށް ވަރަށް ފަރިތަކަމެއް. ކުރީގަައި ވާހާ އުނދަގުލުން ވާކަމެއް ނޫން."

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީ ޕްރައިމަރީން ނަޝީދު ނާކާމިޔާބުވެވަޑައިގެންނެވީ 39 ޕަސެންޓް ވޯޓުންނެވެ. ސާޅީސްހާހަށް ވުރެ ގިނަ މީހުން ވޯޓުލި އިންތިހާބުގައި ނަޝީދަށް ލިބިވަޑައިގެންނެވީ 15،631 ވޯޓެވެ. ބަލި ގަބޫލު ކުރެއްވުމަށްފަހު، ނަޝީދު ގެންދަވަނީ އެމަނިކުފާނަށް ކެމްޕެއިން ޓީމުތައް ބައިވެރިކޮށްގެން "ފިކުރެއްގެ ދިރުން" ނަމުގައި ގޮފިތަކެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. އެ ގޮފިތަކުގެ ޖުމްލަ މެމްބަރުންގެ އަދަދު 50،000 އެރުވުމަކީ ނަޝީދުގެ އަމާޒެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އެބަ އޮތް ކަމަށާއި އެ ފެކްޝަންތައް ބަލައިގަންނަންޖެހޭނެ ކަމަށެވެ. އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލަކީ ދެ ފެކްޝަން ގެންގުޅެން އެނގޭނެ މީހެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ފުރަތަމަ ކަމަކީ ފެކްޝަންއަށް އިންކާރު ނުކުރުން. ފެކްޝަނަލިޒަމް އިންސްޓިޓިއުނަލައިޒް ކުރުން، މިއީ މިހާރު ކުރަންޖެހިފައި އޮތް ކަމަކީ. އެމްޑީޕީ ތެރޭގައި ގައިމު ވެސް ދެ ފެކްޝަން އެބަ އޮތް. އަޅުގަނޑު ދެކޭ ގޮތުގައި އެމްޑީޕީ ޗެއަރޕާސަންއަކީ ކުޅަދާނަ މީހެއް. އޭނައަށް އިނގެންޖެހޭނެ ދެ ފެކްޝަން ގެންގުޅެން. އޭނައަށް އެނގޭނެ ވެސްމެ،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ސާލިހަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށް ވިދާޅުވެ، ނަޝީދު ވާހަކަފުޅު ދެއްކެވީ ޕްރައިމަރީގެ ނަތީޖާ އިއުލާންކުރިތާ ދެ ވަނައަށް ވީ ދުވަހު، އެމްޑީޕީގެ ގްރޫޕުތަކަށް ފޮނުއްވެވި މެސެޖެއްގައެވެ.