އައްޑޫ ސިޓީ ހިތަދޫ ދެކުނު ފަރާތު، ރުއްޖެހެރެ ސަރަހައްދުން ރުއްގަސް ކަނޑަައި، އެ ސަރަހައްދު ކޮނެގެން ވެލިނަގާފައިވުމުން ތިމާވެއްޓަށް ލިބުނު ގެއްލުމާ ގުޅިގެން، އެ ކައުންސިލް 30 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ނޫސްބަޔާން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން، މައްސަލަ ބަލައި ސިޓީ ކައުންސިލް ޖޫރިމަނާކޮށްފައި ވަނީ 30.8 މިލިއަން ރުފިޔާއިންނެވެ. އަދި އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ސިޓީ ކައުންސިލަށް އީޕީއޭއިން އިއްޔެ އަންގާފައިވެއެވެ.

އީޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އައްޑޫސިޓީ ހިތަދޫ ކުނިކޮށި ދެކުނުން އޮތް ރުއްޖެހެރެ ސަރަޙައްދުގެ ހޭޅިފަށުން ގިނަ އަދަދެއްގެ ރުއްގަސް ކަނޑައި، އެ ސަރަޙައްދުގައި ފެންގަނޑެއް ކޮނުމާއި، އަދި ގޮނޑުދޮށަށް ވެލި އަޅާފައިވާ ކަަމށެވެ. މިގޮތުން ޤަވާއިދާ ޚިލާފަށް އައްޑޫ ރުއްޖެހެރެ ސަރަޙައްދުގެ 17818.09 އަކަ މީޓަރުގެ ސަރަޙައްދަކުން ބިން ސާފުކޮށްފައިވާ ކަމާއި، އެ ސަރަޙައްދުން 1712.26 ކޮޑިމީޓަރު ވެލި ނަގައި ހިތުގެ ބައްޓަމަށް ފެންގަނޑެއް ކޮނެފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.

[caption id="attachment_47075" align="alignnone" width="1024"] ހައްޑޫ ސިޓީ، ހައްކެޑެ ސަރަހައްދު: ރުއްގަސް ކަނޑައި، ކޮނެފައި ވަނީ ހިތަދޫ އުތުރު ފަރާތު، ރުއްޖެހެރެ ސަރަހައްދު-- ހަތާވީސް ފޮޓޯ/ ޙުސައިން ޙަސަން[/caption]

ސިޓީ ކައުންސިލުމް މިކަންކޮށްފައިވުމުން، އެ ކައުންސިލް ޖޫރިމަނާ ކުރީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ބާރުލިބިދީފައިވާ ދެ ގަވާއިދެއްގެ ދަށުން ކަމަށެވެ. އެ ދެ ގަވާއިދަކީ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދާއި ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދެވެ.

"އައްޑޫސިޓީ ރުއްޖެހެރެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ކޮށްފައިވާ މަސައްކަތްތަކާއި ގުޅިގެން އެކު ޖުމްލަ 30,897,955.00 ރުފިޔާ އިން އައްޑޫސިޓީ ކައުންސިލް އިދާރާ ޖޫރިމަނާ ކުރެވިފައިވާ ކަމާއި، ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ޖޫރިމަނާ ފައިސާ، މި އެޖެންސީއަށް ދެއްކުމަށް 30 ޖެނުއަރީ 2023 ގައި އައްޑޫސިޓީ ކައުންސިލް އިދާރާ އަށް ދެންނެވިފައިވާނެއެވެ،" އީޕީއޭއިން ނެރުނު ބަޔާނުގައިވެއެވެ.