ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި، "ފިކުރެއްގެ ދިރުން" ނަމުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި އެމްޑީޕީގެ ވަކި ގޮފިތަކެއް ހަދަން އުޅޭތީ، އެއީ އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފު ކަމެއްކަން ލީޑާޝިޕުން އެމަނިކުފާނަށް ހަނދާންކޮށްދީފިއެވެ.

ނަޝީދު އެ ވާހަކަތަކަށް އެންމެ ފުރަތަމަ ރައްދު ދެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލެވެ. ފައްޔާޒު ވިދާޅުވީ އެކަމާމެދު ނަޝީދު އަލުން ވިސްނާވަޑައިގެންނެވުމާއި ޕާޓީގެ އުސޫލުތަކާއި ގަވާއިދުތައް ބަދަލުކޮށްގެން ނޫނީ އެފަދަ ހަރާކާތެއް ނުހިންގޭނެ ކަމަށެވެ. ފައްޔާޒު އެހެން ވިދާޅުވީ ވަޓްސްއެޕް ގްރޫޕުތަކަށް ނަޝީދު ފޮނުއްވެވި މެސެޖާ ގުޅިގެންނެވެ.

ނަޝީދުގެ އެ ވާހަަކަށް ނުސީދާކޮށް، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަދި އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު (އިބުރޭ) ވަނީ ރައްދު ދެއްވާފައެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއިދު ކުރުމާއި، ވޯޓު ހޯދައިދިނުމަށް މަސައްކަތް ކުރުމާއި ވޯޓުދިނުމަކީ ޕާޓީގެ ހުރިހާ މެމްބަރުންގެ މަސްއޫލިއްޔަތެއް ކަމަށެވެ. އެކަން ފާހަގަކޮށް، އެމްޑީޕީގެ އަސާސީ ގަވާއިދުގެ 16 ވަނަ މާއްދާގައި ބުނާ އެމްޑީޕީ މެމްބަރުންގެ މަސްއޫލިއްޔަތުތައް އިބުރޭ ވަނީ އާންމު ކުރައްވާފައެވެ.

https://twitter.com/ibreys/status/1619936362358247426?s=20&t=3p24vet2UYnSVgkk2ajfPQ

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް ސާލިހަށް ކާމިޔާބު ނުކުރެވޭނެ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕުތަކަށް ނަޝީދު މިއަދު ވަނީ މެސެޖެއް ފޮނުއްވާފައެވެ.

ނަޝީދު ވިދާޅުވީ “ފިކުރެއްގެ ދިރުން” ނަމުގައި އެމްޑީޕީގެ ގޮފިތަކެއް ހުރިހާ ރަށެއްގައި ވެސް ހެދުމަށް ހުށަހަޅުއްވާ ކަމަށެވެ. އަދި ވިދާޅުވީ ޕާޓީގެ ދަފްތަރުން އުނިކުރި ކަމަށް ބުނާ 39،000 މެމްބަރުންނަށް އަލުން އެމްޑީޕީއާ ގުޅި، އެ މީހުންނާ އެކު “އަޅުގަނޑުމެންނަށް ފެންނަ ގޮތް” ނިންމެވުމަށެވެ.

ނަޝީދު ވިދާޅުވީ “ފިކުރެއްގެ ދިރުން”ގެ ފަރާތުން ތާއިދު ކުރާ ކެންޑިޑޭޓު ކަނޑައަޅާނީ ފަހުން ކަމަށެވެ. އަދި އެ ކެންޑިޑޭޓް ކަނޑައެޅުމުގައި ޝަރުތެއްގެ ގޮތުގައި ނަޝީދު ހުށަހެޅުއްވީ ބަރުލަމާނީއަށް ތާއިދު ކުރާނަމަ، އެ ކެންޑިޑޭޓަކަށް ތާއިދު ކުރުމަށެވެ.

ސާޅީސްހާހަށް ވުރެ ގިނަ މެމްބަރުން ވޯޓުލި އިންތިހާބުގައި ނަޝީދަށް ލިބިވަޑައިގެންނެވީ 15،612 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 39 ޕަސެންޓެވެ. ރައީސް ސާލިހު ވަނީ 24،572 ވޯޓު ހޯއްދަވައި މުޅި އިންތިހާބުގެ 61 ޕަސެންޓް ހޯއްދަވާފައެވެ.