އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ހިނގާފައިވާ އޮޅުވާލުންތައް ބަލައިފިނަމަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިންތިހާބު ކާމިޔާބު ކުރައްވާނީ "ކުޑަ ފަރަގަކުން" ކަމަށް ލަފާކުރެވޭ ކަމަށް އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވި މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ގްރޫޕްތަކަށް ފޮނުއްވެވި މެސެޖެއްގައެވެ. އެމަނިކުފާނު އިންނަވާ ވަޓްސްއެޕް ކޮންމެ ގްރޫޕަކަށް މި މެސެޖު ނަޝީދު ފޮނުއްވެވިއެވެ.

ނަޝީދު ވިދާޅުވީ ޕްރައިމަރީގައި ހިންގާފައިވާ ކަމަށް ބުނާ "އޮޅުވާލުންތައް" އެއްކިބާކޮށްފިނަމަ، ރައީސް ސާލިހަށް ލިބުނު ކަމަށް ބުނާ ގިނަ ވޯޓު މަދުވާނެ ކަމަށެވެ.

"އިންތިހާބުގެ އޮޅުވާލުންތައް އެއްކިބާކޮށްފިނަމަ، ރައީސް ސާލިހަށް ލިބުނު ކަމަށް ބުނާ ވަރަށް ގިނަ ވޯޓު އުނިވާނެ. އެހެނަސް އަޅުގަނޑު ލަފާ ކުރަނީ ވޯޓުލީ ވޯޓާސް ލިސްޓް އަށް ބަލައިފނަމަ، ކުޑަ ފަރަގަކުން ރައީސް ސާލިހު މޮޅުވެދާނެ ކަމަށް،" ނަޝީދު ވިދާޅުވެފައިވެއެވެ.

ސާޅީސްހާހަށް ވުރެ ގިނަ މެމްބަރުން ވޯޓުލި އިންތިހާބުގައި ނަޝީދަށް ލިބިވަޑައިގެންނެވީ 15،612 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 39 ޕަސެންޓެވެ. ރައީސް ސާލިހު ވަނީ 24،572 ވޯޓު ހޯއްދަވައި މުޅި އިންތިހާބުގެ 61 ޕަސެންޓް ހޯއްދަވާފައެވެ.