އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާ ވާދަ ކުރައްވައި، ނާކާމިޔާބުވެވަޑައިގެންނެވި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރިޔާސީ އިންތިހާބުގައި ތާއިދު ކުރާނެ ކެންޑިޑޭޓަކާމެދު ޝަރުތުތަކެއް ހުށަހަޅުއްވައިފިއެވެ.

"ރިޔާސީ އިންތިހާބުގެ ކުރިއަށް ޕާލަމެންޓްރީ ނިޒާމަށް ބަދަލު ކުރުމަށް އެއްބަސްވާ ކެންޑިޑޭޓްއަކީ ތާއިދު ކުރަން ފަސޭހަވާނެ،" މިއަދު ހެނދުނު 9:35ގައި އެމްޑީޕީގެ މެންބަރުން ތިއްބަވާ "އެމްޑީޕީ ކީ ގްރޫޕް"އަށް ނަޝީދު ފޮނުއްވެވި މެސެޖެއްގައިވެއެވެ.

ނަޝީދު ވިދާޅުވީ ޕްރައިމަރީގައި ހިންގާފައިވާ ކަމަށް ބުނާ “އޮޅުވާލުންތައް” އެއްކިބާކޮށްފިނަމަ، ރައީސް ސާލިހަށް ލިބުނު ކަމަށް ބުނާ ގިނަ ވޯޓު މަދުވާނެ ކަމަށެވެ.

“އިންތިހާބުގެ އޮޅުވާލުންތައް އެއްކިބާކޮށްފިނަމަ، ރައީސް ސާލިހަށް ލިބުނު ކަމަށް ބުނާ ވަރަށް ގިނަ ވޯޓު އުނިވާނެ. އެހެނަސް އަޅުގަނޑު ލަފާ ކުރަނީ ވޯޓުލީ ވޯޓާސް ލިސްޓް އަށް ބަލައިފނަމަ، ކުޑަ ފަރަގަކުން ރައީސް ސާލިހު މޮޅުވެދާނެ ކަމަށް،” ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ސާލިހާ އެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި އެމަނިކުފާނަށް ފެންނަނި "ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީގެ ގޮފިތަކެއް ހުރިހާ ރަށެއްގައި ވެސް ހެދުމަށް ކަމަށެވެ. އަދި ޕާޓީގެ ދަފްތަރުން އުނިކުރި ކަމަށް ބުނާ 39،000 މެމްބަރުންނަށް އަލުން އެމްޑީޕީއާ ގުޅި، އެ މީހުންނާ އެކު "އަޅުގަނޑުމެންނަށް ފެންނަ ގޮތް" ނިންމެވުމަށެވެ.

ނަޝީދު ވިދާޅުވީ "ފިކުރެއްގެ ދިރުން"ގެ ފަރާތުން ތާއިދު ކުރާ ކެންޑިޑޭޓު ކަނޑައަޅާނީ ފަހުން ކަމަށެވެ. އަދި އެ ކެންޑިޑޭޓް ކަނޑައެޅުމުގައި ޝަރުތެއްގެ ގޮތުގައި ނަޝީދު ހުށަހެޅުއްވީ ބަރުލަމާނީއަށް ތާއިދު ކުރާނަމަ، އެ ކެންޑިޑޭޓަކަށް ތާއިދު ކުރުމަށެވެ.

ސާޅީސްހާހަށް ވުރެ ގިނަ މެމްބަރުން ވޯޓުލި އިންތިހާބުގައި ނަޝީދަށް ލިބިވަޑައިގެންނެވީ 15،612 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 39 ޕަސެންޓެވެ. ރައީސް ސާލިހު ވަނީ 24،572 ވޯޓު ހޯއްދަވައި މުޅި އިންތިހާބުގެ 61 ޕަސެންޓް ހޯއްދަވާފައެވެ.