އެމްޑީޕީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވި، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތަމްސީލު ކުރެއްވުމަށް، އޮބްޒާވަރެއްގެ ގޮތުގައި ޕީޕީއެމް މީހެއް ހަރަކާތްތެރިވިކަން ފަޅާއަރައިފިއެވެ.

އެކަން ފަޅާއެރީ ގދ. ރަތަފަންދޫގައި ވޯޓު ފޮށިކައިރީގައި ހުރި ދެ މީހަކު ހައްޔަރުކުރި ކަމަށް ބުނެ، މަޖިލީހުގެ ނައިބު ރައީސް އީވާ ކުރެއްވި ޓްވީޓަކުންނެވެ. އީވާ ކުރެއްވި ޓްވީޓުގައި ހައްޔަރު ކުރި ކަމަށް ބުނާ ދެ މީހުންގެ އައިޑީކާޑުގެ ފޮޓޯ ހިމަނާފައިވެއެވެ. އެތަނުން ނަޝީދުގެ އޮބްޒާވަރެއްގެ ގޮތުގައި ހުރި އީމާން މުހައްމަދަކީ ޕީޕީއެމްގައި ރަޖިސްޓްރީކޮށްފައިވާ މެމްބަރެއްކަން އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން ދައްކައެވެ.

https://twitter.com/ibreys/status/1619718278724882432?s=20&t=ms3DNnEy9ASdR_nWziYw3g

އެކަމާ ގުޅިގެން، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން، އަދި އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު (އިބުރޭ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަތަފަންދޫ ފޮށި ކައިރީގައި ނަޝީދުގެ މަންދޫބެއްގެ ގޮތުގައި އެމްޑީޕީގެ މެމްބަރެއް ބެހެއްޓިދާނެ ކަމަށާއި ނަމަވެސް އެމްޑީޕީ ނޫން މީހަކު ފޮށި ކައިރީގައި ނުބެހެއްޓޭނެކަން ވެސް އަންގާފައިވާނެ ކަަމަށެވެ.

ޕްރައިމަރީގެ ކެމްޕޭނު ތެރޭގައި ރަށްރަށަށް ނަޝީދު ވަޑައިގެންނެވުމުން އެމަނިކުފާނަށް ޕީޕީއެމްގެ މެމްބަރުން ވަނީ މަރުހަބާ ވެސް ކިޔާފައެވެ. އަދި ޕީޕީއެމްގައި އުޅުނު މީހުން، ރައީސް ނަޝީދުގެ ކެމްޕެއިންގެ ޝިއާރު، "ފިކުރެއްގެ ދިރުން" ޖަހާފައިވާ ރީނދޫ ޓީޝާޓު ލައިގެން ސަފުތަކަށް ވެސް އަރައި ތިއްބެވެ.

https://twitter.com/blathyf/status/1617925900275953667?s=20&t=PFcD4764FKLlzjVvqIIpCQ

ނަޝީދާ ވާދަކުރައްވާ ތަފާތު ތަފާތު ބޮޑު ނަތީޖާއަކުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހު ވަނީ އިއްޔެ ކާމިޔާބު ކުރައްވާފައެވެ.

ސާޅީސްހާހަށް ވުރެ ގިނަ މެމްބަރުން ވޯޓުލި އިންތިހާބުގައި ނަޝީދަށް ލިބިވަޑައިގެންނެވީ 15،612 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 39 ޕަސެންޓެވެ. ރައީސް ސާލިހު ވަނީ 61 ޕަސެންޓު ވޯޓާއެކު، ތަފާތު ބޮޑުކޮށް ރިޔާސީ ޓިކެޓް ކަށަވަރު ކުރައްވާފައެވެ.

ޕްރައިމަރީގެ ނަތިއްޖާ ގަބޫލުކުރަން ނަޝީދުގެ ޓީމުން ވަނީ ދެކޮޅު ހައްދަވާފައެވެ. އެމަނިކުފާނަށް ލިބިވަޑައިގެންނެވީ 39 އިންސައްތަ ވޯޓެވެ. ނަޝީދުގެ ކެމްޕޭނު ޓީމުން ވިދާޅުވާ ގޮތުގައި އިންތިހާބުގެ ނަތިއްޖާ ވަނީ އޮޅުވާލާފައެވެ. ނަމަވެސް ނަޝީދާއެކު އޮތް ވާދަވެރިކަން ނިމުނީކަމަށް އިންތިހާބު ކާމިޔާބީ ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި އެކުގައި މަސައްކަތްކުރުމުގެ ދައުވަތު އެމަނިކުފާނު ވަނީ ނަޝީދަށް އަރުއްވާފައެވެ. އެކަމަކު މި ދައުވަތު ނަޝީދު ގަބޫލުކުރި ކަމެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ