ކުރީގެ ރައީސް މުހައްމަދު ނަޝީދަށްޓަކައި ކަނޑަށް އެރެންވެސް ހުންނެވީ ތައްޔާރަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދާ ވާދަކުރައްވާ ތަފާތު ތަފާތު ބޮޑު ނަތީޖާއަކުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހު ވަނީ އިއްޔެ ކާމިޔާބު ކުރައްވާފައެވެ. ސައުވީސްހާހަށް ވުރެ ގިނަ ވޯޓާ އެކު 61 ޕަސެންޓުން ރައީސް ވަނީ ޕްރައިމަރީ ކާމިޔާބު ކުރައްވާފައެވެ.

ރާއްޖޭގައި ރަޖިސްޓްރީ ވެސް ކޮށްފައިނުވާ، ނޫހެއްގައި ލިޔެފައިވާ ހެޑްލައިނެއްގެ ސްކްރީން ޝޮޓެއް ޓްވިޓާގައި ހިއްސާކުރައްވާ މުސްތަފާ ވިދާޅުވީ ނަޝީދު ނިންމަވާ ކޮންމެ ނިންމުމެއް ބަލައިގަންނާނެ ކަމަށެވެ.

"އެމަނިކުފާނު (ނަޝީދު) ކަނޑަށް އެރިވަޑައިގަތަސް ފަހަތުން ކަނޑަށް އެރޭ ފުރަތަމަ ބައިގެ މީހުންގެ ތެރޭގައި ވުމަކީ އަޅުގަނޑުގެ އަޒުމެއް،" މުސްތަފާ ވިދާޅުވިއެވެ.

https://twitter.com/thimarafushi/status/1619649534480760837?s=46&t=boxVaD8WOT4EZbyHEkd9QA

ޕްރައިމަރީގެ ނަތިއްޖާ ގަބޫލުކުރަން ނަޝީދުގެ ޓީމުން ވަނީ ދެކޮޅު ހައްދަވާފައެވެ. އެމަނިކުފާނަށް ލިބިވަޑައިގެންނެވީ 39 އިންސައްތަ ވޯޓެވެ. ނަޝީދުގެ ކެމްޕޭނު ޓީމުން ވިދާޅުވާ ގޮތުގައި އިންތިހާބުގެ ނަތިއްޖާ ވަނީ އޮޅުވާލާފައެވެ. ނަމަވެސް ނަޝީދާއެކު އޮތް ވާދަވެރިކަން ނިމުނީކަމަށް އިންތިހާބު ކާމިޔާބީ ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި އެކުގައި މަސައްކަތްކުރުމުގެ ދައުވަތު އެމަނިކުފާނު ވަނީ ނަޝީދަށް އަރުއްވާފައެވެ. އެކަމަކު މި ދައުވަތު ނަޝީދު ގަބޫލުކުރި ކަމެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.