ރިޔާސީ އިންތިހާބުގައި ވާދަކުރަން ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ކެނޑިޑޭޓަކު ނެރުމަށް ބޭއްވި އެތެރޭގެ އިންތިހާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީއާއެކު ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއެކު ދެމެދު އޮތް ވާދަވެރިކަން ނިމުނީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ނަޝީދާ ވާދަކުރައްވާ ތަފާތު ތަފާތު ބޮޑު ނަތީޖާއަކުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހު ވަނީ ކާމިޔާބު ކުރައްވާފައެވެ. ސައުވީސްހާހަށް ވުރެ ގިނަ ޥޯޓާ އެކު 61 ޕަސެންޓުން ރައީސް ޥަނީ ޕްރައިމަރީ ކާމިޔާބު ކުރައްވާފައެވެ.

އެކަމަކު އިންތިހާބުގައި އޮޅުވާލުންތަކެއް ހިމެނޭ ކަމަށާއި ނަތީއްޖާ ގަބޫލުނުކުރައްވާނެ ކަމަށް ނަޝީދު ގެންދަވަނީ ވިދާޅުވަމުންނެވެ. ނަޝީދަށް ޅިބިވަޑައިގެންނެވީ 39 ޕަސެންންޓް ވޯޓެވެ.

ކާމިޔާބީ ފާހަގަކުރަން އެމްޑީޕީ މައި ހަރުގެގައި ބޭއްވި އެއްވުމުގައި ރައީސް ސޯލިހު ވިދާޅުވީ ޕްރައިމަރީގައި އެމްޑީޕީން ދެއްކީ ޑިމޮކްރަސީގެ ފުރިހަމަ ނަމޫނާ އެއް ކަމަަށެވެ. ރާއްޖެއަށް ސިޔާސީ ޕާޓީ ތައަރަފްކޮށް ވާދަވެރި ސިޔާސީ ހަރަކާތް ފެށީ އެމްޑީޕީން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައީސް ނަޝީދުގެ ފަރާތުން ދައްކުވައިދިން ނަމޫނާއަށް ވެސް ރައީސް ޝުކުރު އަދާކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ގޮތުގައި އަދި މަސައްކަތް "މި ފެށުނީ" އެވެ.

"މި ވަގުތު ކުރަންވީ ކަމަކީ ޕާޓީ އެކީގައި ނިކުމެ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރަން މަސައްކަތްކުރުން. ވާދަވެރިންނަށް ގޮވާލަން ބޭނުންވަނީ ވާދަވެރިކަން ނިމުނިއްޔޭ. އެކަން ނިމުނިއްޔޭ. ދެން ނުކުންނަންވީ އެކތިގަނޑެއް ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑިޕީ އަށް ކާމިޔާބުކުރަން،" ސަޕޯޓަރުންނާ މުހާތަބު ކުރައްވާ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ވާދަވެރި އިންތިހާބުގައި ފެންނަން ބޭނުންނުވާ ކަންތައްތައް ހިނގާފައި ހުރެދާނެ ކަމަށެވެ.

"ގޮވާލަނީ ހުރިހާ އެންމެން ވަޑައިގެން އަޅުގަނޑުމެންނާ އެކި ނިކުމެ ވަޑައިގެން އެމްޑީޕީން މި ކުރާ މަސައްކަތުގައި ބައިވެރިވެވަޑައިގެންނެވުމަށް،" ރައީސް ތަކުރާރު ކުރެއްވިއެވެ. ރައީސް ދެކިވަޑައިގަންނަވާ ގޮތުގައި ޕްރައިމަރީއަށް ވުރެ މާ ބޮޑަށް ފަސޭހައިން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެއެވެ.

"މިއީ ޝައްކު އޮތް ކަމެއް ނޫން. އެތެރޭގައި މި ހިނގި ވާދަވެރި މަސައްކަތަކަށް ވާތީ އަޅުގަނޑުމެންނަށް ބައެއް ފަހަރު މަޑުޖައްސާލަން ޖެހުނު އެއީ އެކުވެރިން އެކީގައި އުޅެފައި އެއް ވިސްނުމެއްގައި ތިބި ބަޔަކަށް ވާތީވެ. ނަމަވެސް ދެން އޮތް މަރުހަލާގައި މާ ފަސޭހަވާނެ އެއީ ޔަގީންކަމެއް،" ވިދާޅުވިއެވެ.

ކެމްޕޭނު ކުރުމުގައި ބުރަކޮށް އުޅުނު ހުރިހާ ފަރާތްތަކަށް ރައީސް ވަނީ ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

"ވަކި ދުވަހެއް، ވަކި ވަގުތެއް، ވަކި ގަޑިއެއް، ފަތިހެއް، ދަންވަރެއްް، ހެނދުނެއް، ހަވީރެއް ބެލުމެއް ނެތި ކެއުމެއް ބުއިމެއްނެތި ތިޔަބޭފުޅުން ކުރެއްވި މަސައްކަތް އިހުލާސްތެރިކަމާއެކު ފާހަގަކުރަން. ތިޔާ ހުރިހާ ބޭފުޅުންގެ ވެސް އޮތީ އެއް މަގުސަދެއް. އެ މަގްސަދަކީ އެމްޑީޕިއާއެކު ކުރިއަށް ދިއުން،" ރައީސް ވިދާޅުވިއެވެ.