މާދަމަ ބާއްވާ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރައްވާނެ ކަމަށާއި، އިރުއޮއްސިގެން އަންނާނީ އުފާވެރި ދުވަހަކަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީން ވާދަކުރާ ކެނޑިޑޭޓަކު ހޮވަން ބާއްވާ އިންތިހާބުގެ ކެމްޕޭނު ނިންމުމަށް ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު އެމަނިކުފާނު ވާދަވެރިން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދެއްވި މެސެޖަކީ ޕްރައިމަރީ ނިމުމާއެކު އެކަތިގަނޑަކަށްވެގެން މަސައްކަތް ކުރުމަަށެވެ.
އެމަނިކުފާނާއެކު ބައިވެރިވެވަޑައިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ފަށައިގަތުމުގެ ދައުވަތު ރައީސް ދެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ހުރިހާ މެމްބަރުން އެކައްޗެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއްޖެނަމަ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބު ބޮޑުތަނުން ފަސޭހަކަމާއެކު ކާމިޔާބު ކުރެވޭނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރަކީ މުހިއްމު ވަގުތުކޮޅެއް ކަމަށާއި ސަޕޯޓަރުން ކުރައްވަން ޖެހޭ ކަމަކީ ވީހާވެސް އަވަހަކަށް ވޯޓުލުން ކަމަށެވެ.
"އަޅުގަނޑުމެންނަށް ވޯޓު ދޭނީ ކޮން ބައެއްކަން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ. ގިނަ ބުރާ މަސައްކަތްތަކެއް ކުރެއްވިއްޖެ އޭގެ ނަތިއްޖާވެސް ކޮންމެ ބޭފުޅެއްގެ އަތުގައި އޮންނާނެ. ދެން ކުރަންވި ކަމަކީ 24 ގަޑިއިރުގެ ތެރޭގައި މާދަމާ ނިކުމެ އަވަހަށް ފޮއްޓަށް ވޯޓު ވައްޓާލަންވީ. ވޯޓުލާން ތިބި އެންމެންވެސް ވޯޓުލާ ފޮށި ކައިރިއަށް ގެނެސް އެކަންކޮށް ނިންމާލަންވީ. ލިސްޓުގައި ފާހަގަ ޖެހި ނިމޭއިރު ނަތީއްޖާ އޮންނާނީ ތިބޭފުޅުން އަތުގައި މިއީ ޝައްކެއް އޮތްކަމެއް ނޫން" ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ޕްރައިމަރީގެ ނަތީއްޖާ ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ. "އިންތިހާބު ތާފަތުބޮޑުކޮށް މާދަމާރޭ އިއުލާން ކުރެވިގެންދާނެ" އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ.
ކެމްޕޭނުގައި ރަށަރަށް ކުރެއްވި ދަތުރުތަކުގެ ތަޖުރިބާ ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ ކޮންމެ ރަށަކުންވެސް ފެނިގެންދިޔަ މަންޒަރަކީ ތަރައްގީއާއެކު ކުރިއަށް ދިޔުން ކަމަށެވެ. އަދި ކުރަން ފަށާފައިވާ މަސައްކަތްތައް ނިންމާލުމަށް ގިނަ ރަށްރަށުން އެދެމުން އަންނަ ކަމަށާއި އެކަމަކު އެއީ ކުދި ކުދި ބަދަލުތައް ކަމަށް ވިދާޅުވިއެވެ.
"މާ ބޮޑު މަސައްކަތްތަކެއް ކުރަން އޮތް ތަނެއް މިހާރަކު ނުފެނޭ. ކުދިކުދި މަސައްކަތް ހުރީ. ބޭނުންވަނީ ނުހުޓިގޮސް ނިންމާލުން"
ރައީސް ވިދާޅުވީ ބޭނުންވަނީ ސުލްހައާ ހަމަޖެހުމާއި އަމާންކަން ކަމަށެވެ. އެ ދެކަންތަކާއި ނުލައި އެއްވެސް މީހަކަށް ދިރިއެއް ނޫޅެވޭނެ ކަމަށާއި ގައުމަކަށް ތަރައްގީއެއް ނުގެނެވޭނެ ކަމަށް ވިދާޅުވިއެވެ.
2013 އިން ފެށިގެން 2018 އެ ދޭތެރޭގައި ރާއްޖެ ތަހައްމަލު ކުރަމުން ދިޔަ ދަތި އެ ބިރުވެރިކަމާއި މެދު ވިސްނަން ޖެހޭ ކަމަށާއި މިއަދު ހަމަޖެހިގެން ތިބެވެނީ ބަޔަކު މަސައްކަތް ކޮށްގެންކަން ރައީސް ފާހަގަކުރެއްވިއެވެ. ދެ ވަނަ ފަހަރަށް އެކަހަލަ ދަތި އުދަގުލެއް ދެން އެކުލަވއިލާ ސަރުކާރެއްގައި ކުރިމަތިވިޔަ ނުދޭނެ ކަމުގެ ޔަގީންކަން ރަައީސް ދެއްވިއެވެ. "އަޅުގަނޑަށް ޔަގީން މާދަމާ އިރު އޮއްސިގެން އަންނާނީ އަނެއްކާވެސް ވަރަށް އުފާވެރި ދުވަހަކަށް" ވާހަކަ ނިންމަވާލައްވަމުން ރައީސް ސަޕޯޓަރުންނަށް އުއްމީދު ދެއްވިއެވެ.