ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަކީ “އެކްސްކްލޫޒިވް ކްލަބަކަށް” ހަދަން ބޭނުންނުވާ ކަމަށް ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ ރޭ ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނު ޖަލްސާ ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވީ އެމްޑީޕީއާ މެދު ދެކިވަޑައިގަންނަވާ އެންމެ ބޮޑު އެއް ހުވަފެނަކީ އެ ޕާޓީ އަކީ ހުޅުވިފައިވާ ސިޔާސީ ވިސްނުމުގެ ޕާޓީއަކަށްވުން ކަމަށެވެ. ރާއްޖެއަށް ބޭނުންވާ ތަރައްގީ ގެނެވޭނެ ހަމައެކަނި ޕާޓީއަކީ އެމްޑީޕީކަމަށް ވިދާޅުވިއެވެ.
"އެކަމަކު ބޭނުމެއް ނޫން އެމްޑީޕީ އަކީ އެކްސްކުލޫޒިވް ކްލަބަކަށް ހަދަން. ބޭނުމެއް ނޫން އެމްޑީޕީ އަކީ ހަމައެކަނި އަސްލު މީހާއަށް އައިސް ހުރެވޭ ތަނަކަށް ހަދާކަށް،" ސަޕޯޓަރުންނާ އައްޑޫ ބަހުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވިއެވެ. ޝައުނާ ވިދާޅުވި ގޮތުން އެމްޑީޕީގެ ކޮންމެ މީހަކަށްވެސް ޕާޓީގެ ކަންތައްތަކުގައި ފާޑުވެސް ކިޔޭނެއެވެ. އަދި ކަންކަމުގައި ހިޔާލުވެސް ތަފާތުވެވޭނެ ކަމަށެވެ.
ރޭގެ ޖަލްސާގައި ޝައުނާ ވަނީ ރައީސް ސޯލިހާއެކު ކުރެވުނު މަސައްކަތްތަކުގެ ތަޖުރިބާ ހިއްސާކުރައްވާފައެވެ. އެންމެ ފުރަތަމަ ރައީސް ސޯލިހާއެކު ޝައުނާ މަސައްކަތް ކުރެއްވީ 2009 ވަނަ އަހަރުއެވެ. އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް މަސައްކަތްކުރުމުގެ ތެރެއިންނެވެ. އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރިކަމާއި ދެކޮޅަށް މަގުމަތީގެ ހަރަކާތްތަކުގައިވެސް އެކު މަސައްކަތް ކުރެވުނު ކަމަށްވެސް ވިދާޅުވިއެވެ. މި ސަރުކާރުގައި ރައީސް އޮފީހުގެ ޕޮލިސީ ސެކެރެޓަރީގެ މަގާމުވެސް އަދާކުރެއްވި ޝައުނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާއި ޕާޓީ ކުރިއަށް ގެންދިޔުމަށާއި ރާއްޖެ ކުރިއަށް ގެންދަންވެސް މި ވަގުތު މުހިއްމީ ރައީސް ފަދަ ލީޑަރެއް ކަމަށެވެ.
ސަބަބުތަކުގެ ތެރޭގައި ރައީސް އަކީ ސިޔާސީ ގޮތުން ހިޔާލު ތަފާތުވާ މީހުންނާއެކު މަސައްކަތް ކުރެއްވޭ ބޭފުޅަކަށްވާތީކަން ޝައުނާ ފާހަގަކުރެއްވިއެވެ. މުޅި ދައުލަތް އެއް މޭޒުދޮށަށް ގެނެސް ކުރިމަތިވާ މައްސަލަތައް ހައްލުކޮށް އެންމެންނާއެކު މަސައްކަތްކުރަން އެނގުމަކީ ގައުމުގެ ލީޑަރަށް އެންމެ މުހިއްމު އެއް ސިފަކަން ޝައުނާ ގަބޫލުކުރެއްވައެވެ. ޝައުނާ ވިދަޅުވީ އައްޑޫ ރައްޔިތުންނަށް ތަރައްގީ ލިބޭނީ ރައީސަށް ވޯޓުދީގެންނެވެ.