ބަރަހަނާ ވީޑީއޯ ބެލުމުން ދިރިއުޅުން ހަލާކުކޮށްލައެވެ. އަގީދާ އާއި ގާބިލުކަން ކޮށިކޮށްލައެވެ. ނަފްސާނީ ދުޅަހެޔޮކަމާއި، ތިމާގެ ގުޅުންތައް އަދި ދިރިއުޅުމުގެ މަގްސަދުތައްވެސް ކޮށިކޮށްލައެވެ. ލޯބި ހުށަހަޅަން، ބިރުގަނެ ފަސްޖެހޭ ގޮތްވެސް ބައެއް ފަހަރު ދިމާވެއެވެ.
މިއީ ދީނުގައި ހަރާމް ކުރައްވާފައިވާ ފާފައެކެވެ. ޖިންސީ ނަހަމަގުޅުމުން، ދުރުހެލިވެ، ތިބުމަކީ ދިރިއުޅުން ތާހިރުވާނެ ކަމެކެވެ. އެފަދަ ކުށްތައް ކުރަމުންދާ މީހުންނަކީ މުޖުތަމައުގައި އަގެއް ނެތި މަލާމާތް ރައްދުވާނެ ބައެކެވެ.
މިއީ ހައްތާހާވެސް ބަރަހަނާ ވީޑިއޯގެ ސަބަބުން ކުރިމަތިވެދާނެ ކަންކަމެެވެ. ދިރާސާތަކާއި މަޝްހޫރު ސައިކޮލޮޖިސްޓުން ހާމަކޮށްފައިވާ ވާހަކަތަކެވެ.
އެފަދަ ވީޑިއޯތަކުގެ ސަބަބުން ތިމާގެ އަމިއްލަ ނަފްސަށް ކުރާ ކަމެއް ނުވިސްނޭ ފަދަ ގެއްލުމެއް ލިބެއެވެ. ފިރިހެނެއްގެ އެންމެ ބޮޑު އެއް މުދަލަކީ ޖިންސީ ހަކަތައެވެ. އެހެން މީހުން ޖިންސީ ގުޅުން ހިންގާތަން ބެލުމަކީ ކުރެވޭ އެންމެ ބޮޑު ގޯހެވެ.
"ބަރަހަނާ ވީޑިއޯތައް ބެލުމަކީ އެއްވެސް ގޮތަކަށް ރަނގަޅު ވިސްނުމެއް ނޫން. އެއަކުން އެއްވެސް މީހަކަށް އެހީއެއް ނުވާނާ" ބަރަހަނާ ވީޑިއޯތައް ބެލުމާ ގުޅޭ ގޮތުން ކެނެޑާގެ މަޝްްހޫރު ސައިކޮލޮޖިސްޓް ޖޯޑަން ބާންޓް ޕީޓަސަން ވިދާޅުވަނީ މިހެންނެވެ. ޕީޓަސަން ގަބޫލުކުރާ ގޮތުގައި އެ ވީޑިއޯތައް ބެލުމަކީ ހަގީގީ ބޮޑު މައްސަލައެކެވެ. މި ޒަމާނުގެ މުޖުތަމައުގައި އޮތް ވަރަށް ބޮޑު މައްސަލައެއް ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.
އޭނާ ދެކޭގޮތުގައި "ޕޯން" އެޑިކްޝަން އަކީ ވަރަށް ފަސޭހައިން ވަދެވޭ، ބާރުގަދަ އަދި ހަލާކުކޮށްލެވޭ ވަރުގެ އެއްޗެކެވެ. ޕީޓަސަން ސިފަކުރާ ގޮތުގައި އެއީ ލަދުވެތި ކަމެކެވެ. "ގިނައިން ބަރަހަނާ ވިޑީއޯ ބަލާ ފިރިހެނުންނަކީ އަންހެނުންނަށް އޮންނަ ޝައުގުވެރިކަން ގެއްލޭ މީހުންނެވެ. މިއީ ނިކަމެތި ކަމެއް،" ޔޫޓިބްގައި އާއްމުކުރި ވީޑިއޯއެއްގައި ޕީޓަސަން ވިދާޅުވިއެވެ.
އޭނާ ފާހަގަކުރައްވާ ގޮތުގައި ބަރަހަނާ ވީޑިއޯތަކުގެ ސަބަބުން ފިރިހެނުން އަންހެނުންނާ ދެކޮޅަށް ކުރާ ޖިންސީ ގޯނާ އާއި ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ ކަންކަން ދަށަށްދާ ކަމަށެވެ.
"އޭގެ ސަބަބުން ޖިންސީ ކުށްތައް މަދުވި ނަމަވެސް، ޖިންސީ ނުކުޅެދުންތެރިކަން (މިސާލަކަށް ނުކުޅެދުންތެރިކަން، ޕްރިމެޗޫއާ އެޖެކްލޭޝަން (ޕީއީ)، އިރެކްޓައިލް ޑިސްފަންކްޝަން (އީޑީ)، ގޯސް ޖިންސީ ޑްރައިވް އަދި/ނުވަތަ ޕާފޯމަންސް އެންޒައިޓީ)، އެކުވެރިކަން ގެއްލުމާއި، ރޮމޭންޓިކް ގުޅުންތައް ރޫޅި، އާއިލީ ޑައިނަމިކްސް ދަށްވުން، ވަޒީފާ ގެއްލުމާއި ދަރަނި ފަދަ އެހެން ދާއިރާތަކުން ވެސް އޭގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއް ލިބިދާނެ،" ޕީޓަސަން ކިޔައިދިނެވެ. ޕީޓަސަން ގަބޫލުކުރާ ގޮތުގައި "ޕޯން ޔޫސް" މަގުބޫލުވަނީ އެއީ އާ، ތަފާތު އަދި ހިތްގައިމު ކަމަކަށް ވާތީއެވެ. އެއީ "ފެންޓަސީ" އެކެވެ.
ޕޯން އެޑިކްޝަން ފަރުވާގައި އާންމުގޮތެއްގައި ހިމެނެނީ މަލްޓި-ޓްރީޓްމަންޓް އެޕްރޯޗެކެވެ. މިސާލަކަށް އެޑިކްޝަން ކައުންސެލިން، ކޮގްނިޓިވް-ބިހޭވިއާލް ތެރަޕީ (ސީބީޓީ)، އެކްސްޕޯޒާ އެންޑް ރެސްޕޮންސް ޕްރިވެންޝަން (އީއާރްޕީ) ތެރަޕީ، އެކްސެޕްޓޭޝަން އެންޑް ކޮމިޓްމަންޓް ތެރަޕީ (އޭސީޓީ)ގެ އިތުރުން ޓްރޯމާ ކައުންސެލިން، އިންޑިވިޖުއަލް ކައުންސެލިން، ފެމިލީ ތެރަޕީ، ގްރޫޕް ތެރަޕީއެވެ.