"އަޅުގަނޑުމެންގެ އިދިކޮޅު ޕާޓީތަކަށް ފެންނާނެ އެމްޑީޕީގެ ހަރަކާތް ކުރިއަށްދާތަން. ކެނޑިޑޭޓު ނަންބަރު ދޭއް" މައިކު ހިފަހައްޓައިގެން ހުރެ ނަށަމުން ރީކޯ ވިދާޅުވަމުން ގެންދެވިއެވެ. ރީކޯގެ އަޑުދަށުން އެއްވެ ތިބި ސަޕޯޓަރުން ދިޔައީ " ދޭއް ދޭއް" ގޮވަމުންނެވެ. އަތްތިލަ ބަޑި ޖަހަމުންނެވެ. މިއީ މިފަހަކަށް އައިސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ފެންނަން މަންޒަރެކެވެ.

ރައީސް ސޯލިހު ރަށްރަށަށް ކުރައްވާ ކެމްޕޭނު ދަތުރުތަކުގައި އެމަނިކުފާނަށް ތާއިދުކުރައްވާ އެމްޑީޕީ މެމްބަރުން ލައްވާ ފޯރިނެގުމުގައި ރިކޯ އުޅުއްވަނީ ވަރަށް އަވަދިނެތިކޮށެވެ. ރިކޯގެ "ޝޯ" އާއްމުކޮށް އޮންނަނީ ކޮންމެ ކޮންމެ ރަށެއްގެވެސް ޕާޓީގެ ހަރުގެތަކާއި ކަންމަތީ ބައްދަލުވުންތަކުގައެވެ.

"ނަރުދަމާތައް އަޅަނީ، ކޭބަލްތައް އަޅަނީ، އިންޖީނުގެތައް އަޅަނީ" ރައީސް ސޯލިހުގެ ކެމްޕޭނު ލަވައިގެ އަޑު ދަށުން ވާހަކަ ދައްކަވަމުން ފުވައްމުލަކުގައި، ރީކޯ ވިދާޅުވިއެވެ. ކޮންމެ ޖުމްލައަކަށް ފަހު ރީކޯ ގޮވާލަނީ ސަޕޯޓަރުންނަށެވެ. އޭނާއެކު ފޯރިނަގަންށެވެ.

ރީކޯގެ މި ފޯރިއަކީ އެމްޑީޕީ މެމްބަރުންނަށް އާ ފޯރިއެއް ނޫނެވެ. އޭނާ އަކީ އެއް ދުވަސްވަރެއްގައި އެމްޑީޕީގެ މުޒާހަރާތަކުގައި ނަގާ ކިޔާ އެކަކެވެ. ކޮންމެ މުޒާހަރާއަކުންވެސް ރީކޯ އޭރު ފެންނާނެއެވެ. ނަމަވެސް އެމްޑީޕީން ރީކޯގެ އަޑު ކެނޑުނީ 2017 ވަނަ އަހަރުއެވެ. ޕީޕީއެމްއާ ގުޅިވަޑައިގަތުމުންނެވެ. ޕީޕީއެމްގެ ވެރިކަން ނިމުނު ފަހުން ޕާޓީގެ ހަރަކާތްތަކުން ރީކޯ ފެނުން ހުއްޓުނެވެ. މަޖިލީހުގެ ނައިބް ރައީސްކަންވެސް ކުރެއްވި ރީކޯ އޭގެ ފަހުން ހުންނެވީ ސިޔާސީ ކަންތައްތަކާއި ދުރުގައެވެ. އެހެން އުޅުއްވުމަށް ފަހު އަލުން އެމްޑީޕީއާ ގުޅުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އޭގެ ފަހުން މިހާރު ގެންދަވަނީ އަމަލީކޮށް ޕާޓީގެ ކަންތައްތަކުގައި އުޅުއްވަމުންނެވެ.