މާލެ ސަރަހައްދުގައި ދިމާވެފައިވާ ޕާކިން މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރާއި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ހުޅުމާލެ އިން ހެވީ ވެހިކަލް ޕެއިޑް ޕާކިން ޖާގަ ބީލަމުގެ އުސޫލުން ދޫކުރުމަށް ހަމަޖެހިއްޖެއެވެ.
އެޗްޑީސީ އިން މިއަދު ބުނީ ހުޅުމާލެގައި ގާއިމުކޮށްފައިވާ ހެވީ ވެހިކަލް ޕާކިން ޒޯނުން މުދާ އުފުލާ ބަރު އުޅަނދުފަހަރު ޕާކު ކުރާނެ ޖުމުލަ 19 ޖާގަ ބީލަމުގެ އުސޫލުން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު އިއުލާނު ކޮށްފައިވާ ކަމަށެވެ
އެގޮތުން، ކުއްޔަށް ދޫކުރަން ހަމަޖެހިފައިވާ ޕާކިން ޒޯނަކީ ހުޅުމާލެ އެމްޕީއެލް ސަރަހައްދު ކައިރީގައި އޮންނަ ހެވީ ވެހިކަލް ޕާކިން ޒޯނެވެ. ކުއްޔަށް ދޫކުރެވޭ ޕާކިން ޖާގަތަކުގެ ތެރޭގައި ހިމެނެނީ 40 ފޫޓު ޓްރެއިލާގެ 3 ޖާގައާއި، 20 ފޫޓު ޓްރެއިލަރުގެ 2 ޖާގައާއި، ޑަމްޕްޓްރަކް ނުވަތަ ލޮރީފަދަ އުޅަދުތަކަށް ހާއްސަ ކުރެވިފައިވާ 10 ޖާގައާއި، އަދި ކްރޭން ޕާކު ކުރުމަށް ކަނޑައެޅިފައިވާ 4 ޖާގައެވެ.
އެންމެ މަތިން އަގު ހުށަހަޅާ ފަރާތްތަކުގެ ތަރުތީބުން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ އެ ޕާކިން ޖާގަތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް މަހަކު 12.01 ރުފިޔާ އަށެވެ. އަދި ޖާގަތައް ކުއްޔަށް ދޫކުރަން ހަމަޖެހިފައިވަނީ 2 އަހަރު ދުވަހުގެ މުއްދަތަކަށެވެ. މީގެ އިތުރުން، އެ ޖާގަތަކަށް ކުއްޔަށް ދޫކުރެވެނީ ހަމައެކަނި މުދާ އުފުލާ ބަރު އުޅަނދުފަހަރު ޕާކިން ބޭނުމަށެވެ. މީގެ އިތުރުން އެ ޖާގަތަކުގައި ޕާކު ކުރެވޭނީ ހަމައެކަނި 100 ޕަސެންޓު ދިވެހި ވިޔަފާރިއެއްގެ ނަމުގައި، މާލޭ ސަރަހައްދުގައި ދުއްވުމަށް ރަޖިސްޓަރީ ކުރެވިފައިވާ، ހުޅުމާލޭގެ ސިނާއީ މަސައްކަތުގައި ބޭނުންކުރާ ބަރު އުޅަނދަށެވެ.
އެޗްޑީސީ އިން މިއަދު ބުނީ އެ ބީލަމާ ބެހޭ އިތުރު މައުލޫމާތު (ހުޅުމާލެއިން ހެވީ ވެހިކަލް ޕާކިން ޖާގަ ބީލަމުގެ އުސޫލުން ދޫކުރުމާއި ގުޅޭ (hdc.com.mv)) ލިންކް އިން ލިބެން ހުންނާނެ ކަމަށެވެ.
ޕާކިންގައި ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް އެޗްޑީސީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އެގޮތުން، މިދިޔަ އަހަރުގެ އެޕްރީލް މަހު އެޗްޑީސީން ވަނީ ޕެއިޑް ޕާކިން ޒޯންތަކުން ބީލަމުގެ އުސޫލުން 2 ޒޯނަކަށް ބަހާލައިގެން 70 ކާރު ޕާކް ކުރާނެ ޖާގަ ދޫކޮށްފައެވެ. އަދި ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރާތްކުރާ ފަރާތްތަކަށް އުޅަނދުތައް ޕާކްކުރުމުގައި މިހާރު ދިމާވަމުންދާ ދަތިތަކާއި، މަގުތަކުގެ މަތީގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް މަދުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިދިޔަ މާޗް މަހު ވަނީ ހުޅުމާލެގައި ޕާކިން ބިލްޑިންގެއް ގާއިމްކުރުމަށް ދަމާސް ކޮމްޕެނީ އާއި ހަވާލުކުރެވިފައެވެ.