މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިހާތަނަށް އަތުލައިގަތްފައިވާ އެއްވެސް މަސްތުވާތަކެއްޗެއް، އެ އިދާރާގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލިފައި ނުވާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ބިދޭސީއަކު ފުލުހުންނާއި ހަވާލުކުރިއިރު އޭނާ މަސްތުވާތަކެތި ގެނައި ކަމަށް ބެލެވޭ ލަގެޖު ގެއްލުނު މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެއީ ގާތްގަނޑަކަށް 46 ކިލޯގެ މަސްތުވާތަކެތި ކަމަށްވެއެވެ.
ފުލުހުން މިއަދު ބުނީ މިމަހުގެ އަށްވަނަ ދުވަހު ރާއްޖެ އައި މީހެއްގެ ލަގެޖުގައި މަސްތުވާތަކެތި ހުރި ކަމަށް ތުހުމަތު ކުރެވިގެން މޯލްޑިވްސް ކަސްޓަމްސް އިން އޭނާ ފުލުހުންނާއި ހަވާލުކުރި ކަމަށެވެ. އެހެންނަމަވެސް އޭނާގެ ލަގެޖު ހަވާލު ކޮށްފައި ނުވާ ކަމަށް ބުންޏެވެ.
ފުލުހުން ބުނީ އޭނާ ރާއްޖެ އައިއިރު 30 ކިލޯގެ ލަގެޖެއް ގެނައި ކަމަށާއި ލަގެޖު ގެންދިޔަ މީހެއް ނޭނގޭ ކަމަށް ހައްޔަރުކުރި މީހާ ބުނި ކަމަށެވެ. މިހާތަނަށް އެ ލަގެޖު ހުރިތޯ ބެލުމަށް އެއާޕޯޓުގެ ސީސީޓީވީ ފުޓޭޖުތައް ބެލުމުން އެ ލަގެޖު ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ބުނީ ބައެއް މުހިއްމު ދިމާތަކުގައި ސިީސީޓީވީ ނުހުންނަ ކަމަށެވެ.
ކަސްޓަމްސް އިން އެކަމާއި ގުޅިގެން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ އިދާރާ އަށް ލިބޭ އިންޓެލިޖެންސް މައުލޫމާތުންނާއި ކަސްޓަމްސްގެ ސަވައިލެންސް ނިޒާމުގެ ތެރެއިން ޝައްކު ކުރެވިގެން ބަލާ ފާސްކޮށް އަތުލެވޭ މަސްތުވާތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރުމަށްފަހު އެތަކެއްޗާއި، އެކަމުގައި ޝާމިލުވާ ފަރާތްތައް ވަގުތުން ފުލުހުންނާއި ހަވާލު ކުރާ ކަމަށެވެ.
އަދި ބުނީ މިހާތަނަށް އަތުލައިގަނެވުނު އެއްވެސް ބާވަތެއްގެ މަސްތުވާތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލިފައި ނުވާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ކަސްޓަމްއަށް ލިބޭ މައުލޫމާތުގެ މައްޗަށް ބުރަވެ ބަލާ ފާސްކުރާ ކޮންމެ ފަހަރަކީ މަސްތުވާތަކެތި ފެންނަ ފަހަރަށް ނުވާ ކަމަށް އެ އިދާރާ އިން ބުނެއެވެ. އެހެންނަމަވެސް ބަލާ ފާސްކުރުމުގައި ކަސްޓަމްގެ މުވައްޒަފުން ކޮންމެ ދުވަހަކުވެސް ބުރަ މަސައްކަތްތަކެއް ކުރާ ކަމަށްވެސް ކަސްޓަމްސްގެ ބަޔާނުގައިވެއެވެ.
އެ އިދާރާ އިން ބުނީ 2022 ވަނަ އަހަރަކީ ކަސްޓަމްސްގެ ތާރީހުގައިވެސް އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގެންފައިވާ އަހަރު ކަމަށެވެ. އެހެންކަމުން ކަސްޓަމްސްގެ ގާނޫނީ ޒިންމާއަށް ހުރަސް އެޅޭ ގޮތަށް އެއްވެސް ފަރާތަކުން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.