އިއްޔެ ޓްވިޓާގައި އާއްމުވި ވީޑިއޯތަކުން ފެންނަ ގޮތުން ބްރެޒިލްގެ ގާނޫނު ހަދާ މަޖިލީސް އޮތީ ހިސޯރުކޮށްފައެވެ. ސުޕްރީމް ކޯޓުވެސް އޮތީ ހިސޯރުކޮށްފައެވެ. ވެރިރަށް ބްރެސިލިއާގެ ރަސްމީ އޮފީސްތަކުގެ ބިއްލޫރި ތަޅާލަމުންދާ މަންޒަރުވެސް ފެނެއެވެ. އަދި ބައެއް އޮފީސްތަކުގައި އަލިފާންވެސް ރޯކުރިއެވެ.
ބްރެސިލިއާގައި ހަމަނުޖެހުން ހިންގި މީހުންނަކީ ކޮން ބައެއް؟
އެއީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ އަތުން ކުޑަ ތަފާތަކުން ބަލިވި ހަރުކަށި ފިކުރުގެ ސިޔާސީ ލީޑަރު ޖައިރް ބޮލްސޮނާރޯއަށް ތާއީދުކުރާ މީހުންނެވެ. ބޮލްސޮނާރު އަބަދުވެސް ވިދާޅުވާ ވާހަކައެއް އޮވެއެވެ. އެއީ ބްރެޒިލްގެ އިންތިހާބީ ނިޒާމު އޮޅުވާލާފައި އޮންނަ ވާހަކައެވެ. އަދި އެމަނިކުފާނު ވެރިކަމުން ދުރުކުރަން މަސައްކަތްކުރާ ކަމަށްވެސް ކުރީގެ ރައީސް ބޮލްސޮނާރު ގެންދެވީ ވިދާޅުވަމުންނެވެ.

[caption id="attachment_46043" align="aligncenter" width="900"] ކުރީގެެ ރައީސް ބޮލްސޮނާރޯ (ކ) އާއި ރައީސް ލޫލާ[/caption]

މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ބޭއްވި "ރަންއޮފް" އިންތިހާބުގައި ލޫލާ އަތުން ބަލިވެވަޑައިގަތް ފަހުން ބޮލްސޮނާރު ހުންނަވަނީ ހިމޭނުންނެވެ. އެއްވެސް އެއްޗެއް ވިދާޅު ނުވެއެވެ. އެކަމަކު ސަޕޯޓަރުންގެ މެދުގައި އޮތީ ނުތަނަވަސްކަން އުފެދިފައެވެ. ސަބަބަކީ އިންތިހާބު ވަގަށް ނަގާފައިވާ ކަމަށް ބުނެ އެކި ގޮތް ގޮތަށް އަޑު ފެތުރެމުންދާތީއެވެ.

ލޫލާ، ކާމިޔާބީ ލިބުނުކަން އިއުލާނު ކުރެއްވުމާއެކު ބޮލްސޮނާރުގެ ސަޕޯޓަރުން ގެންދިޔައީ ހަމަނުޖެހުން ހިންގަމުންނެވެ. ފުލުހުންނާ އެތައް ފަހަރަކު ހަމަނުޖެހުން ހިންގައި ރަސްމީ ވެހިކަލްތަކުގައި ރޯވެސް ކޮށްލިއެވެ. މިހާރުގެ ރައީސް ލޫލާއަށް ވެރިކަމާއި ހަވާލުވެވަޑައިނުގަނެވޭނެ ކަމަށް ބުނެ ސަޕޯޓަރުން ދިޔައީ އަޑުއުފުލަމުންނެވެ. އަދި އެކަމަށް ހުރަސް އަޅަން އެމީހުން ދިޔައީ އަސްކަރިއްޔާއަށް ގޮވާލަމުންނެވެ. ލޫލާ، މަގާމުގެ ހުވާ ކުރެއްވުމާއެކު އިދިކޮޅު ސަޕޯޓަރުން ދިޔައީ ބޮޑު މުޒާހަރާއަކަށް މީހުން އެއްކުރުމަށް އޮންލައިންކޮށް ކެމްޕޭނެއް ކުރަމުންނެވެ.

އާދިއްތަ ދުވަހު މެންދުރު ފަހު ސަޕޯޓަރުން ފުރަތަމަ ހިނގާލާފައި ދިޔައީ ބްރެސިލިއާގެ ޕްރާކާ ޑޮސް ޓްރެސް ޕޮޑެރެސް ނުވަތަ ތްރީ ޕަވާސް ސްކޮއާއާ ހަމައަށެވެ. މި ސަރަހައްދަކީ އެ ގައުމުގެ ތިން ބާރުގެ އިމާރާތްތައް ހުންނަ ސަރަހައްދެވެ. މުޒާހަރާގެ މައި ގްރޫޕް، ގާތްގަނޑަކަށްއަށް ކިލޯމީޓަރު ހިނގާލުމަށް ފަހު މިސްރާބު ޖެހީ ސަރުކާރުގެ ގިނަ މިނިސްޓްރީތައް ހުންނަ އިމާރާތަށެވެ. އެ މީހުންގެ ހިނގާލުމަށް ފުލުހުންނާއި ސަލާމަތީ ބާރުތަކުން ހުރަހެއް ނާޅައެވެ.
މުޒާހަރާގެ ބައިވެރިން ސްކޮއާގައި ކުރީ ކޮން ކަމެއް ހެއްޔެވެ؟
ނޫސް އެޖެންސީ އޭޕީން ބުނެފައިވާ ގޮތަށް ސަޕޯޓަރުން ވަނީ އިމާރާތަށް ވަނދެ ހަމަނުޖެހުން ހިންގާފައެވެ. އޭގެ ތެރޭގައި ގާނޫނު ހަދަ މަޖިލީހާ ރައީސް އޮފީސްވެސް ހިމެނެއެވެ. އެއް ބަޔަކު އެރީ ފުރާޅުމަތިންނެވެ. މުޒާހަރާގެ ބައެއް މީހުން ބިއްލޫރިތައް ތަޅާލިއިރު އަނެއް ބަޔަކު ސެނެޓްގެ ޗެމްބަރަށް ވަދެ ގޮނޑިތަކަށް ފުންމާލައި ސްލައިޑްގެ ގޮތުގައި ބެންޗްތައް ބޭނުންކުރަމުން ދިޔަ މަންޒަރު ވީޑިއޯތަކުން ފެނެއެވެ. އިމާރާތުގެ އެތެެެރެއަށް ވަތް މީހުން ވަނީ އެތެރޭގައި ހުރި ތަކެއްޗަށް ގެއްލުންދީ ބައެއް ސާމާނުތައް ގެންގޮސްފައެވެ. އެމީހުން ހަޅޭއްލަވަަމުން ދިޔައީީ އެމީހުންގެ ގައުމު ގެންދަނީ ކަމަށް ބުނެއެވެ.

https://twitter.com/UrbanNathalia/status/1612150826809839619

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މުޒާހަރާގެ ބައިވެރިންނާ ދިމާލަށް ފުލުހުން ވަނީ ރަބަރު ބުލެޓާއި ޕެޕާ ސްޕްރޭ އަދި ކަރުނަ ގޭސް ބޭނުންކޮށްފައެވެ. ނިއުޔޯކް ޓައިމްސް އިން ރިޕޯޓް ކޮށްފައިވާ ގޮތުން ހަމަނުޖެހުން ކޮންޓްރޯލްކޮށް އިމާރާތްތައް ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދިޔައީ އަސްކަރިއްޔާގެ އެހީގައެވެ.

https://twitter.com/DiretoDaAmerica/status/1612558428735688705
ސަރުކާރުން ބުނީ ކީކޭ؟
ބްރެސިލިއާގެ ސިވިލް ފުލުހުން ބުނީ މިހާތަނަށް 1200 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެކަމުގައި ޝާމިލްވާ އެހެން މީހުން ހޯދާނެ ކަމަށް އޮފިޝަލުން ވައުދުވެފައެވެ. ކަމަށެވެ. ޖަސްޓިސް މިނިސްޓަރު ފްލެވިއޯ ޑިނޯ ވިދާޅުވީ ސަރުކާރުން "ޓެރަރިސްޓް ހަމަލާތަކުގެ" މައުލޫމާތު ހޯދަމުންދާ ކަމަށެވެ.

ހާދިސާއާ ގުޅޭ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ލޫލާ ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި އެކަމުގައި ހިމެނޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

https://twitter.com/nytimes/status/1612505752207298584

"މިކަން ކުރި މި ހުރިހާ މީހުން ހޯދާ، އަދަބު ދޭނެ. ޑިމޮކްރަސީއަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދޭ އެއްޗެއްކަން އެބޭފުޅުންނަށް އެނގޭނެ، ނަމަވެސް ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އުފެއްދި މުއައްސަސާތަކަށް ރައްޔިތުން އިހުތިރާމް ކުރަން ޖެހޭނެ" އެމަނިކުފާނު ވިދާޅުވިއެވެ. ހަމަނުޖެހުންތަކުގެ ފަހަތުގައި ފައިސާގެ އެއްވެސް މުއާމަލާތެއް ހިނގާފައިވާނަމަ އެކަން ކުރި ބަޔަކު ހޯދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ހާދިސާ ހިނގިއިރު ބޮލްސޮނާރު ހުންނެވީ ގައުމުން ބޭރުގައި، އެމެރިކާގައެވެ.