ގާނާގެ ވެރިރަށް އަކްރާގެ އޮޑޯކޯރޮކޯގެ ފިހާރައެއްގެ އެތެރެއެވެ. ވަށައިގެން ފެންނަނީ ހުސް ރެކްތަކެވެ. ފިހާރައިގެ ތެރޭ ހުރި މާޔޫސްކަމުގެ ތެރެއަށް ގެލިފައި ހުރި އަންހެނެކެވެ. އޮޑޫރޯ އަކީ އެކަނިވެރި މަޔެކެވެ. ދިރިއުޅުމުގެ ހަރަދު ބޮޑުކަމުން ފިހާރަ ރީސްޓޮކް ނުކުރެވޭތީ ބަންދުކުރަން ޖެހިދާނެ ކަމުގެ ބިރު ދެ ދަރިންގެ މަންމައަށް އެބައޮތެވެ.
"ވިޔަފާރި މިހާރު ހިންގަނީ ބޮޑު ގެއްލުމެއްގައި،" އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި އުމުރުން 38 އަހަރުގެ އޮޑޫރޯ ބުންޏެވެ. އޭނާގެ ފިހާރާއިގައި އާއްމުކޮށް ވިއްކަނީ ޖޫހާއި ބިސްކޯދު ގެ އިތުުރުން ލުއި ބުއިންތަކެވެ. އެއީ އިމްޕޯޓްކޮށްގެން ވިއްކާ އެއްޗެއްސެވެ. ގާނާގެ އިގްތިސާދީ ހީނަރުކަމުގެ ސަބަބުން އޭނާގެ ވިޔަފާރިއަށް ދަނީ ބޮޑު ހީނަރުކަމެއް ކުރިމަތިވަމުންނެވެ. "ތަކެތީގެ އަގުތައް އުފުލެމުން އެބަދޭ، އޭގެ އަސަރު ވަރަށް ބޮޑަށް އެބަކުރޭ" އޭނާ ބުންޏެވެ.
ވޯލްޑް ބޭންކުން އެފްރިކާގެ "އަލިގަދަ" ތަރިއެއްގެ ގޮތުގައި ސިފަކުރި ގާނާއަކީ 2019 ވަނަ އަހަރު ދުނިޔޭގެ އިގްތިސާދު އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އައި ގައުމެވެ. އެކަމަކު މިއަދު އެ ތަރި ދަނީ އޮއްސެމުންނެވެ. ގާނާއަކީ ކޮކޯ އާއި ރަން އެކްސްޕޯޓްކުރާ ގައުމެކެބެ. ފާއިތުވި އަހަރުތަކުގައި މާލީ ގޮތުން ކުރިމަތިވެފައިވާ އެންމެ ބޮޑު ކާރިސާއާ ކުރިމަތިލާން ޖެހިފައި މިވަނީ އިންފްލޭޝަން ރެކޯޑް އަދަދަކަށް 50.3 ޕަސެންޓުގައި އޮތުމުންނެވެ.
ގާނާގެ އިގްތިސާދީ ކާމިޔާބީތައް އެންމެ ބޮޑަށް ފެންނަން ފެށީ 2017 ވަނަ އަހަރުއެވެ. އެ އަހަރު ޖެނުއަރީ މަހު ރައީސް ނާނާ އަކުފޯ-އަޑޯގެ އާ ސަރުކާރު ވެރިކަމާ ހަވާލުވެވަޑައިގަތުމުންނެވެ. އެއާއެކު އިންފްލޭޝަން ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. 2016 ވަނަ އަހަރު އިންފްލޭޝަން 15.4 އިންސައްތަގައި ހުރިއިރު، 2019 ވަނަ އަހަރު ނިމުނުއިރު 7.9 އިންސައްތައަށް ދަށަށް ދިޔައެވެ. އަކޫފޯ-އެޑޯގެ ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ގާނާގެ ބަޖެޓް ޑެފިސިޓް އޮތީ ޖީޑީޕީގެ ގާތްގަނޑަކަށް 6.5 ޕަސެންޓްގައެވެ. 2019 ވަނަ އަހަރު ނިމުނުއިރު އެ ގައުމުގެ ބަޖެޓް ޑެފިސިޓް ވަނީ ޖީޑީޕީގެ ފަސް ޕަސެންޓަށް ވެއްޓިފައެވެ.
[caption id="attachment_45959" align="aligncenter" width="770"] ގާނާގެ ފައިސާގެ ވެލިއު ވަނީ ވަރަށް ބޮޑަށް ދަށްވެފައި[/caption]
"2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވުނު ކުރިއެރުމަކީ ހަގީގަތުގައި ތެލުގެ ދާއިރާއިން އަންނަ ކުރިއެރުމެއް،" އަކްރާގެ ޕޮލިސީ އިނީޝިއޭޓިވް ފޯ އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިކޮނޮމިސްޓެއް ކަމަށްވާ ޑެނިއަލް އަނީމް އަމަރްޓޭ އަލް ޖަޒީރާއަށް ވިދާޅުވިއެވެ.
"އިގްތިސާދު ކުރިއަރަމުން ދާތީ ވަރަށް އުފާވި، އެކަމަކު އިގްތިސާދުގެ އެހެން ދާއިރާތަކުން ވެސް ކުރިއެރުން ދައްކުވައިދޭނެ ސްޓްރެޓެޖީތަކެއް އެކުލަވާލެވިފައެއް ނުވޭ،" އޭނާ ވިދާޅުވިއެވެ. "މިސާލަކަށް އަޅުގަނޑުމެން ދަނޑުވެރިކަމުގެ ދާއިރާއަށް އިހުމާލުވި، އެ ދާއިރާއަށް މާނަހުރި ވެލިއު އެޑެޑް އިންވެސްޓްމަންޓެއް ނުކުރެވުނީ" ޑެނިއަލް ވިދާޅުވިއެވެ.
އދ.ގެ ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަނުން ބުނާ ގޮތުގައި ގާނާގެ ޖީޑީޕީގެ 21 އިންސައްތަ ހިއްސާކުރަނީ ދަނޑުވެރިކަމެވެ. ގައުމަށް ބޭނުންވާ ކާބޯތަކެތީގެ 90 އިންސައްތައަށްވުރެ ގިނަ އިން ފޯރުކޮށްދެނީވެސް ދަނޑުވެރިކަމުންނެވެ.
ހާލުގައި ޖެހިފައި
ހުޅަނގު އެފްރިކާ ބައްރަށް ނިސްބަތްވާ ގާނާ އޮތީ ވަރަށް ބޮޑު ކާރިސާއެއްގައިކަން އެ ގައުމުގެ ރައީސް ވަނީ ދާދި ފަހުން ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެ ހާލަތު ވެއްޓުނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި އާއި ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުންނެވެ.
ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން ސަރުކާރުން ބައެއް ނިންމުންތައް ނިންމި އިރު، ނިޒާމުގައި ހުރި ބަލިކަށިކަން އެންމެ ފަހުން ހާމަވެގެން ދިޔައީ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
މިސާލަކަށް އަކޫފޯ-އަޑޯގެ ކެމްޕޭން ވައުދު ފުއްދުމަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން ވެރިކަމާ ހަވާލުވިތާ ނުވަ މަސް ފަހުން ޕަބްލިކް ހައި ސްކޫލްތަކުގައި ހިލޭ ކިޔެވުމުގެ ޕްރޮގްރާމެއް ފެށިއެވެ. އަދި ޕްރައިމަރީ އަދި ސެކަންޑަރީ ލެވެލްގެ ދަރިވަރުންނަށް ހިލޭ ކެއުމުގެ އިންތިޒާމް ވެސް ވަނީ ހަމަޖެއްސިއެވެ.
2017 ވަނަ އަހަރު، ވެރިކަން ކުރާ ނިއު ޕެޓްރިއޮޓިކް ޕާޓީން ވަނީ 15 "ނުތަނަވަސް ޓެކްސް" އުވާލާފައެވެ. އޭގެ ތެރޭގައި މާލީ ހިދުމަތާއި ރިއަލް އެސްޓޭޓާއި ސިލެކްޓެޑް އިމްޕޯޓް ބޭހުން ނަގާ 17.5 ޕަސެންޓް ވެލިއު އެޑެޑް ޓެކްސް ހިމެނެއެވެ. އަދި ސްޕެއާ ކާރުގެ ބައިތަކުން ނަގާ އިމްޕޯޓް ޑިއުޓީ ވެސް ކުޑަކުރިއެވެ. އެއް ޕަސެންޓް ސްޕެޝަލް އިމްޕޯޓް ލެވީ އާއި ޑޮމެސްޓިކް އެއާލައިން ޓިކެޓުން ނަގާ 17.5 ޕަސެންޓް ވެޓް އުވާލި އެވެ.
މިކަމުގެ ސަބަބުން ސަރުކާރުގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވިއެވެ. 2017 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އަކޫފޯ-އެޑޯގެ ސަރުކާރުން ވަނީ "ބޭންކިން ސެކްޓާ ކްލީންއަޕް" ގެ ނަމުގައި 2.1 ބިލިއަން ޑޮލަރަށް ވުރެ ބޮޑު ހޭދައެއް ކޮށްފައެވެ.
މަރުކަޒީ ބޭންކުން ބުނީ ބައެއް ބޭންކުތައް އިންސޮލްވެންޓްކޮށް ލައިފް ސަޕޯޓްގައި އޮޕަރޭޓް ކުރަމުން އަންނަ ކަމަށެވެ. އެކަމުގެ ސަބަބުން ޑިޕޮސިޓަރުންގެ މަސްލަހަތު ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ. "ސާފު" ކުރުމުގެ ސަބަބުން ބޭންކުތަކުގެ އަދަދު 33 އިން 23 އަށް ދަށްވެފައިވާއިރު ސޭވިންގްސް އަދި ލޯން ކުންފުނިތައް ފަދަ އެހެނިހެން 340 އަށް ވުރެ ގިނަ މާލީ އިދާރާތަކުގެ ލައިސަންސް ވަނީ ބާތިލްކޮށްފަ އެވެ.
ބަލިމަޑުކަމާއި، ދަރަނި
2020 ވަނަ އަހަރު އާމްދަނީ ބޮޑުތަނުން ދަށަށް ދިޔައެވެ. ސަރުކާރުގެ ހަރަދުތައް އިތުރުވިއެވެ. އެއީ މައިގަނޑު ގޮތެއްގައި ކޮވިޑާ ގުޅުން ހުރި ކަންތައްތަކެކެވެ. އެއީ ރައްޔިތުންނަށް ހިލޭ ފެނާއި ކަރަންޓު ފޯރުކޮށްދިނުމާއި، ތިން ހަފުތާގެ ލޮކްޑައުންގައި 470،000 ގޭބިސީތަކަށް ކެއުން ފޯރުކޮށްދިނުމަށް 9.4 މިލިއަން ޑޮލަރު ހޭދަކުރިއެވެ
އިންތިހާބީ އެހެން ވައުދުތައް ފުއްދުމަށް ޕްރެޝަރު ބޮޑުވަމުން ސަރުކާރަށް ދިޔައެވެ. މަގުހެދުމާއި، ސްކޫލްތަކާއި މާރުކޭޓުތައް ހެދުމަށެވެ. ދަރަނި ބޮޑުވެފައިވާ އިޤްތިޞާދެއް ދޫކޮށްލަން ސަރުކާރަށް މަޖުބޫރުކުރުވިއެވެ. މަރުކަޒީ ބޭންކުން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދަރަނި ހުރީ 48.9 ބިލިއަން ޑޮލަރަށެވެ. އެއީ ޖީޑީޕީގެ 76 ޕަސެންޓެވެ.
މިދިޔަ ނޮވެމްބަރު މަހު ފިނޭންސް މިނިސްޓަރު ކެން އޮފޯރީ-އާޓާ ޕާލަމެންޓަށް ހުށަހެޅުއްވި 2023 ވަނަ އަހަރުގެ ބަޖެޓް ސްޓޭޓްމަންޓުގައިވާ ގޮތުން ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 39.15 މިލިއަން ފީފާގެ ތެޔޮ ގާނާއިން އުފެއްދި އެވެ. އެފްރިކާގައިއަށް ވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމަށް އާމްދަނީގެ ގޮތުގައި 873.25 މިލިއަން ޑޮލަރު ލިބުނެވެ.
ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ތެޔޮ އުފައްދާ މިންވަރު ދަށްވި ނަމަވެސް، ޕަބްލިކް އިންޓްރެސްޓް އެންޑް އެކައުންޓަބިލިޓީ ކޮމިޓީގެ ރިޕޯޓެއްގައި ވާގޮތުން ތެލުގެ އަގުއުފުލިގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ސަރުކާރުން ހީކުރި ވަރަށް ވުރެ ބޮޑު އާމްދަނީއެއް ވަނީ ލިބިފައެވެ.
ގޮންޖެހުންތަކާއެކުވެސް ސަރުކާރުން އުއްމީދު ކުރަމުން ދިޔައީ ބަލިމަޑުކަމަށްފަހު އިގްތިސާދު އަލުން އެނބުރި އަންނާނެ ކަމަށެވެ. ނަމަވެސް ރަޝިޔާއާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ގާނާގެ އިގްތިސާދީ ރިކަވަރީ ވަނީ ފުނޑުފުނޑުވެފައެވެ. 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް އެ ގައުމުގެ ފައިސާ ކަމަށްވާ ސީޑީގެ އަގުގެ 50 ޕަސެންޓަށް ވުރެ ބޮޑު ގެއްލުމެއް ވަނީ ލިބިފައެވެ. އެ ގައުމުގެ ދަރަނި މިހާރު ވަނީ ހަ ބިލިއަނަށް އަރާފައެވެ.
ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް މަސައްކަތްތެރިންނާއި ވިޔަފާރިވެރިން އިހުތިޖާޖު ކުރީ އަގު ބޮޑުކުރުމުން ކަރަންޓުގެ އަގު 27 ޕަސެންޓް އަދި ފެނުގެ އަގު 22 ޕަސެންޓް ބޮޑުވުމުންނެވެ. އެކްޓިވިސްޓުންނާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކުން ވެސް ދަނީ ސަރުކާރުގެ މާލިއްޔަތު އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރަމުންނެވެ.
އިންވެސްޓަރުންގެ އިތުބާރު ކުޑަވެއްޖެ
ސަރުކާރަށް ލިކުއިޑިޓީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުމުން އިންވެސްޓަރުންނަށް އިގްތިސާދަށް އޮތް އިތުބާރު ގެއްލެން ފެށިއެވެ. މިދިޔަ މެއި މަހު މިނިސްޓަރު އޮފޯރީ-އާޓާ ވަނީ މަގުބޫލު ނޫން އީ-ލެވީއެއް ތައާރަފުކޮށް، އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ހުރިހާ އިލެކްޓްރޯނިކް އަދި މާޗަންޓް ޕޭމަންޓާއި ބޭންކް ޓްރާންސްފާ އަދި ރެމިޓެންސް އިން 1.5 ޕަސެންޓް ޓެކްސް ނަގައިފައެވެ.
މި އިގްތިސާދީ ތޫފާނުގެ ތެރޭގައި މޫޑީސް ފަދަ ކްރެޑިޓް ރޭޓިން ކުންފުނިތަކުން ގާނާ ޖަންކް ސްޓޭޓަސްއަށް ދަށްކޮށް، އިތުރު އިންވެސްޓަރުން ދުރަށް ޖެހުނެވެ. މިދަނޑިވަޅުގައި ގާނާއަށް މަޖުބޫރުވީ މިދިޔަ ޖުލައި މަހުގެ ތެރޭގައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަށް ރިލީފް ހޯދުމަށް އެނބުރި ދިއުމަށެވެ.