ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި "ދަރުމަވަންތަ" މަނަވަރު، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ދިވެހި ސިފައިންނާ ރަސްމީކޮށް ހަވާލުކޮށްދެއްވައިފިއެވެ.
ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި، މަނަވަރު ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ އެޑްމިރަލް ކާދިރު ޔިލްޑްޒް ވަނީ ޤައުމީ ދިފާޢީ ބާރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާ ހަވާލުކޮށްދެއްވާފައެވެ. ރަސްމިއްޔާތަށް ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދެންނެވީ ދިފާޢީ ވަޒީރު މުޙައްމަދު ޢައްސާން މައުމޫނާއި މޭޖަރ ޖެނެރަލް ހިލްމީއެވެ.
މި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ މަނަވަރުގެ ނަން ކަޝްފުކުރައްވައި، މަނަވަރުގެ ޚިދުމަތް ފެށުމުގެ ލިޔުމާއި ދިވެހިރާއްޖޭގެ ޤައުމީ ދިދަ ހަވާލުކޮށްދެއްވާފައެވެ. އަދި މަނަވަރާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދެއްކުމަށްފަހު، ރައީސް މުއިއްޒު ވަނީ މަނަވަރު ބައްލަވާލައްވައި މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
މަނަވަރުގެ ޓެކްނިކަލް މަޢުލޫމާތު1981 ވަނަ އަހަރުގެ މެއި މަހު ތުރުކީ ނޭވީގެ ޚިދުމަތަށް ނެރުނު މި މަނަވަރަކީ 58.1 މީޓަރުގެ ދިގު އުޅަނދެކެވެ. 45 ފަޅުވެރިންނާއެކު ދަތުރުކުރެވޭ މި އުޅަނދަށް ގަޑިއަކު 70 ކިލޯމީޓަރުގެ ސްޕީޑުގައި ދަތުރުކުރެވޭނެއެވެ.
ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި އެންމެ ބޮޑު އުޅަނދު
މީގެ 44 އަހަރު ކުރިން ފެށިގެން ތުރުކީން ބޭނުންކުރަމުން އައި މި މަނަވަރަކީ ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި އަސްކަރިއްޔާއަށް އިތުރުކުރެވުނު އެންމެ ބޮޑު އުޅަނދެވެ. މި މަނަވަރު ލިބުމަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން އަދާކުރަންޖެހޭ ދައުރު އިތުރަށް ފުޅާކުރުމަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.