އިންޓަގްރޭޓެޑް އާބަން ޓޫރިޒަމް ޕްރޮޖެކްޓް އާބަން އައިލްގެ ބިޔަ ބޮޑު މަޝްރޫއުގެ ދަށުން 15 ގެސްޓު ހައުސް ތަރައްގީ ކުރުމަށް ހުޅުވާލައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އެ މަސައްކަތަށް އީއޯއައި ހުށަހެޅުން ހުޅުވާލެވިފައި ވަނީ 19 ޖަނަވަރީ 2023 ގެ 14:00 އާ ހަމައަށް ކަމަށެވެ.

އެ ކުންފުނިން ބުނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އާބަން އައިލްގެ އިންވެސްޓާ ޕޯޓަލް މެދުވެރިކޮށް އީއޯއައި ހުށަހެޅޭނެ ކަމަށެވެ.
އާބަން އައިލް އަކީ ހުޅުމާލޭގެ އެއްމެ އުތުރުން އޮންނަ ފަތުރުވެރިކަމަށް ހާއްސަ ކުރެވިފައިވާ ރަށެކެވެ. ހުޅުމާލެ އާއި އަދި ރާއްޖޭގެ އިގުތިސާދީ މައި ހަބާ އާބަން އައިލް ގުޅިފައި ވުމުން އެތަނުގެ ފަތުރުވެރި ކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ ކަމަށް އެ ކޯޕަރޭޝަން އިން ބުނެއެވެ.
ގާތްގަނޑަކަށް 23 ހެކްޓަރުގެ އެ ރަށުގައި ފަތުރުވެރިންނަށް ހާއްސަ ތަފާތު ގިނަ އެކޮމޮޑޭޝަން ފެސިލިޓީތަށް ހިމެނޭ ކަމަށް އެޗްޑީސީ އިން ބުނެއެވެ. އެގޮތުން ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންގެ އިތުރުން، ކުރުމުއްދަތަކަށް ނުވަތަ ޓްރާންސިޓްކޮން މަޑުކުރާ ފަތުރުވެރިންނަށާއި، ވިޔަފާރި ކަންކަމު އަންނަ ފަތުރުވެރިން، އަދި، ޑިޖިޓަލް ނޮމެޑްސް ފަދަ ދިގު މުއްދަތަކަށް މަޑުކުރަން ބޭނުންވާ ފަރާތްތަކަށްވެސް ބޭނުންވާ ފަދަ އެކޮމޮޑެޝަންތައް ހިމެނޭނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ.
މީގެ ތެރޭގައި ލަގްޒަރީ ވިލާ، ސާވިސް އެޕާޓްމަންޓް، ސިޓީ ހޮޓެލް، މިޑްސްކޭލް އަދި އަޕްސްކޭލް ހޮޓެލް އާއި ގެސްޓް ހައުސްތަކުގެ އިތުރުން ބްރޭންޑަޑް ރީޓެއިލް އަދި މަތީ ފަންތިއެއްގެ ރެސްޓޯރަންޓްތައް ވެސް ހުންނާނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ.
އެފަދަ ގިނަ ޑިވަލޮޕްމަންޓުތަކެއް ހިމެނިފައި ވުމުން، އާބަން އައިލް ވެގެން ދާނީ ދިވެހި އަދި ބޭރުގެ ވިޔަފާރިވެރިންނަށް ވެސް އިންވެސްޓު ކުރަން ރަނުގެ ފުރުސަތަކަށް ކަމަށް އެޗްޑީސީ އިން ހާމަކުރެއެވެ.
ވެލާނާ އިންޓަރނޭޝަލަން އެއާޕޯޓު، ހުޅުމާލެ، އަދި މާލެއާއި އާބަން އައިލް ގުޅިފައި ވުމުގެ އިތުރުން، އެތަނުގައި އެޗްޑީސީ އިން ގާއިމުކޮށްފައިވާ އަދި ކުރަމުންދާ އިންފްރާސްޓްރަކްޗާގެ ސަބަބުން އެތަނުގައި އިންވެސްޓް ކުރާ ފަރާތްތަކަށް ގިނަގުނަ މަންފާ ލިބިގެންދާނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.
އާބަން އައިލްގައި ހިމެނޭ ޔޫޓިލިޓީ ނެޓްވޯކް، އޯޕަން އެކްސެސް ނެޓުވޯކަކާއެކުވާ ސްމާޓް އިންފްރާސްޓްރަކްޗަރެއެއް، އެޗްޑީސީ އިން މިވަގުތު ގާއިމު ކުރަމުންދާއިރު، ވަރަށް ބޮޑަށް ތިމާވެއްޓާ ރައްޓެހި ގޮތަކަށް މުޅި ޕްރޮޖެކްޓު ތަރައްގީ ކުރުމަށް އެކުންފުނިން އިސްކަންދޭނެ ކަމަށްވެސް ބުންޏެވެ. އަދި އިންވެސްޓަރުންނަށް ލީސް މޮޑެލް، އަދި ޖޮއިންޓް-ވެންޗާ މޮޑެލްގެ އިތުރުން އެހެނިހެން މޮޑެލް ތަކަށްވެސް ޕްރޮޕޯސަލް ހުށަހެޅޭނެހެން ވަރަށް ލުއި ގޮތްތަކެއް އެޗްޑީސީން ވަނީ ރާވާފައެވެ.
އެ ކޯޕަރޭޝަން އިން ބުނީ އެ ޕްރޮޖެކްޓުގެ ސަބަބުން ދިވެހިރާއްޖޭގެ އިގުތިސޯތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. ފަތުރުވެރިކަމުގެ ސިނާއަތާއި ރިއަލް އެސްޓޭޓު ސިނާއަތުގައި ހިމެނޭ ދިވެހި ވިޔަފާރިތަކަށް ކުރިއެރުން ލިބުމުގެ އިތުރުން މީގެ ސަބަބުން އެ ސަރަހައްދުގައި އޮޕަރޭޓުކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަލަށް ވިޔަފާރީގެ މައިދާނަށް ވަންނަ ފަރާތްތަކަށް ވެސް ފަހި ފުރުސަތު ތަކެއް ލިބިގެންދާނެ ކަމީ ޔަގީން ކަމެއް ކަމަށް އެޗްޑީސީ އިން ބުނެއެވެ.
މީގެ އިތުރުން ހުޅުމާލޭގެ ގެސްޓު ހައުސްތަކަށްވެސް އާބަން އައިލްއަށް އަންނަ ކޮމާޝަލް، އެފް.އެން.ބީ، ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ފެސިލިޓީތަކުގެ ސަބަބުން އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށްވެސް އެ ކޯޕަރޭޝަން އިން ބުންޏެވެ.
ފަތުރުވެރި ކަމުގެ އިންޓަގްރޭޓަޑް އެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތްތައް ހިނގައިގަތުމުން މުޅި ދިވެހި އިގުތިސޯދަށް އަދި ހާއްސަކޮށް މާލޭ ސަރަހައްދަށް ސީދާ ގޮތުންނާ ނުސީދާގޮތުން އެތަކެއް މަންފާއެއް ލިބިގެންދާނެ ކަމަށްވެސް އެޗްޑީސީ އިން ބުނެއެވެ.
އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއާއި އަދި ގުޅުންހުރި ގިނަ ދާއިރާތަކަކުން އެތައްބައިވަރު ވަޒީފާގެ ފުރުސަތުތަކެއް ތަނަވަސްވެގެންދާނެ ކަމަށާއި އާބަން އައިލްގެ ސަބަބުން ދިވެހި ފަތުރުވެރިކަމުގެ ސިނާއަތަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނުވައި، އިގުތިސޯދީ އެތައް ކުރިއެރުންތަކެއް ލިބި، އަދި މިތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް ހިތްގައިމު ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ.