"އަޅުގަނޑު ވާނީ ރައްޔިތުންގެ މީހަކަށް، އެއްވެސް މީހެއްގެ އަޅަކަށް ނުވާނަން" 2018 ވަނަ އަހަރު އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކޮށް ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ދެއްވި ފުރަތަމަ ތަގުރީރުގައި އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މިހެންނެވެ. އޭގެ ފަސް އަހަރު ފަހެވެ. ރޭ ބޭއްވި ޖަލްސާގައިވެސް ތަކުރާރު ކުރެއްވީ ހަމަ އެ ވާހަކައެވެ. އެކަމަކު އެ ދުވަހާ މިއަދާ ހާސް ތަފާތެވެ. އެ ދުވަހު އެމަނިކުފާނުގެ ފަހަތްޕުޅުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވިއެވެ. އެކަމަކު މިއަދު އެއީ ވަރުގަދަ ދެ ވާދަވެރިންނެވެ. އެމްޑީޕީން ރިޔާސީ އިންތިހާބަށް ނެރޭ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ އިންތިހާބު ކައިރިވާ ވަރަކަށް އެ ވާދަވެރިކަންވެސް ވަނީ ގަދައެވެ.

ނަޝީދުގެ ގެންދަވަނީ ފުލުފުލުގައި ބަހުގެ ހަމަލާތައް ރައީސަށް ފޮނުވަމުންނެވެ. ވިދާޅުވަނީ ރައީސް ރިއެކްޓް ނުކުރައްވާ ކަމަށެވެ. ނަޝީދު ވިދާޅުވި ވާހަކައަށް ރައީސް "ރިއެކްޓް" ނުކޮށް ހިފަހެއްޓީ ރޭގެ ޖަލްސާއަށެވެ. ޖަލްސާ ފެށިގެން ގޮސް ނިމެންދެން އެމަނިކުފާނު ގެންދެވީ ނަޝީދަށް ރައްދުދެއްވަމުންނެވެ. ބަހުގެ ވަރުގަދަ ހަމަލާތަކެވެ. ފޯރިއާއި ޖޯޝުގައެވެ. ވަރުގަދަ ރައްދުތަކެކެވެ. "ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމާއި މެދު ޝައްކެއް ނެތް. ބޮޑު ތަނުން ކާމިޔާބުކުރާނަން" ރޭގެ ޖަލްސާ ފައްޓަވަމުން އެމަނިކުފާނު ވިދާޅުވިއެވެ. އެމްޑީޕީ ހަރުގެއާ ޖެހިގެން އޮންނަ ކާނިވާ ސަރަހައްދުގައި ޕީޕީއެމްގެ ޖަލްސާއެއްވެސް ކުރިއަށް ދިޔައެވެ. އެ ޖަލްސާގެ އަޑުން ރައީސްގެ ވާހަކަ ކުރިއަށް ގެންދަން އުދަނގޫވެސް ވަޑައިގެންނެވިއެވެ. އެކަމަކު "ކިކް"އާއެކު އެމަނިކުފާނު ގެންދެވީ ވާހަކަ ދައްކަވަމުންނެވެ. މިއީ، ފަހުގެ ތާރީހެއްގައި މިހާ ޖޯޝާއެކު ރައީސް ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ. ރައީސްގެ ވާހަކަފުޅު ދެއްކެވި ރާގާއި އަޑާއި ހަރަކާތްތައް ވެސް ތަފާތެވެ. ރައީސް ޖޯޝާއެކު ދެއްކެވި ވާހަކަ އަޑުއަހަން ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު އެ ސަރަހައްދު އޮތީ ފުރާލާފައެވެ.

[caption id="attachment_45860" align="aligncenter" width="800"] އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން[/caption]

"މިއީ ދައްކަން ބޭނުންވާ ވާހަކައެއް ނޫން" ރޭގެ ޖަލްސާގެ މެދުތެރެއިން މިހެން ވިދާޅުވުމަށް ފަހު އިރުކޮޅަކަށް ވާހަކަ މަޑު ޖައްސާލިއެވެ. އެތަނަށް އެއްވެ ތިބި މީހުން "ރައީސް ވިދާޅުވެދެއްވާ ތިވާހަކަ" ބުނުމާއެކު އެމަނިކުފާނުގެ ފެށީ އެމްޑީޕީގެ ތެރެއިން ސަރުކާރަށް ނަފްރަތު އުފެއްދުމަށް މަސައްކަތްކުރާ ވާހަކައެވެ. ރައީސް ވިދާޅުވި ގޮތުގައި ވެރިކަން ފެށުނު ދުވަހުން ފަށައިގެން ސަރުކާރާ ދޭތެރޭގައި ނަފްރަތު އުފައްދަން މަދު ބަޔަކު އައީ މަސައްކަތްކުރަމުންނެވެ. އެއަށް ފަހު އެދިވަޑައިގެންނެވީ އެކަން ނުކުރެއްވުމަށެވެ.

"ރައްޔިތުންގެ ކުރިމަތީގައި އަޅުގަނޑުމެންނަށް މެދު ނަފްރަތު އުފެއްދުމަށްޓަކައި ޕާޓީ ތެރެއިން މަދު ބަޔަކު ނަމަވެސް ކުރަމުން އައީ. މިއަދު ދަންނަވާނީ އެކަން ހުއްޓާލައްވާށޭ" އެއަށް އެމަނިކުފާނު ވިދާޅުވީ މިހާތަނަށް އައީ "އެ ބޭފުޅުން ވިދާޅުވާ ރިއެކްޓް" ނުކޮށް ކަމަށެވެ.

ނަޝީދުގެ އިންތިހާބީ ނާކާމިޔާބީތަކުގެ ވާހަކަ ރައީސް ރޭ ވިދާޅުވެދެއްވިއެވެ. 2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގަންނެވީ ކޯލިޝަނަކުން ކަމަށާއި އެ ވެރިކަމުގައި ކޯލިޝަން ރޫޅާލެއްވި ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން 2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ ކޯލިޝަން ހަދާނެ ބައިވެރިއަކު ނުލިބުނު ކަމަށެވެ. އިންތިހާބުގެ ފުރަތަމަ ބުރުން 48 ޕަސެންޓް ލިބިވަޑައިގެންނެވި ނަމަވެސް، ދެ ވަނަ ބުރުން އެފަދަ ކޯލިޝަން ހަދާނެ ބައިވެރިއަކު ނުލިބުނު ކަމަށެވެ.

ރައީސް ވިދާޅުވީ އެމްޑީޕީ ޕްރައިމަރީ ބޮޑުތަކުން ކާމިޔާބުކޮށް، މިއަހަރުގެ ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ކުރައްވާނެ ކަމަށެވެ.
ރައީސްގެ ރައްދު: ފާޑުކިޔަންވީ އޮޅުވާނުލާ
ރައީސް ވިދާޅުވީ ބައެއް ކަންތައްތަކުގައި "ރެސްޕޯންޑް" ކުރަން އެބަ ޖެހޭ ކަމަށެވެ. ހަގީގަތް ހާމަކޮށްދޭން ޖެހޭ ކަމަށެވެ. އެއަށް ފަހު ނަން ނުގެންނަވާ އެމަނިކުފާނު ރައްދު ދެއްވަން ފެއްޓެވީ އެކި ޕްލެޓް ފޯމްތަކުގައި ނަޝީދު ދައްކަވާފައިވާ ވާހަކަތަކަށެވެ. ކޮވިޑާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކަށެވެ. ސަރުކާރުގެ ލޯނުތަކާއި ގުޅުވައި ނަޝީދު ދެއްކެވި ވާހަކަތަކެވެ. އަދި މި ފަހުން ފުވައްމުލަކުގައި ބޭއްވި ޖަލްސާއެއްގައި ވިދާޅުވި ވާހަކަތަކަށެވެ.

އެމަނިކުފާނު ވިދާޅުވީ ކޮވިޑްގެ ވަބާއާއެކު ރާއްޖެ ބަނޑަށް ޖެހިދާނެ ކަމަށާއި ކާޑު ހުސްވެދާނެ ކަމަށް އެއް ބަޔަކު ވިދާޅުވަމުން އައި ކަމަށެވެ. ފާއިތުވި ދެ އަހަރު ދުވަސް ހޭދަކުރީ އެ ވާހަކަތައް އަޑުއިވިއިވި ކަމަށް ވިދާޅުވިއެވެ. އެއަށް ފަހު ރައީސް ކުރެއްވީ ސުވާލުތަކެކެވެ.

[caption id="attachment_40131" align="aligncenter" width="1280"] އެމްޑީޕީ އިން ބޭއްވި އެޕާޓީގެ ކޮންގްރެސްގެ ތެރެއިން: ފޮޓޯ / ހަތާވީސް[/caption]

"އަޅުގަނޑުމެންގެ ކޮވިޑް ކޮންޓްރޯލްކުރެވިގެން އެ ދިޔަ ގޮތުން ރައްޔިތަކު ބަނޑަށް ޖެހިގެން ހުރިތޯ؟ އަސާސީ ހިދުމަތެއް ނުލިބެގެން ހުރިތީ؟" ރައްދު ދެއްވަމުން ވިދާޅުވިއެވެ.

ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ސަރުކާރުން ނަގާފައިވާ ލޯނުތައް އަނބުރާ ދައްކަން ޖެނުއަރީ މަހު އެކަނިވެސް 79 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ. އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ކޮންމެ މަހަކު ދައްކަން ޖެހެނީ 45 މިލިއަންއާ 50 މިލިއަން ޑޮލަރު ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދައުލަތަށް ނަގާފައި ހުރި ދަރަނީގެ ތެރެއިން ޑައިރެކްޓް ބަޖެޓަށް ނަގާފައި ހުރި ދަރަނީގެ ތެރެއިން މި ހިނގާ ޖެނުއަރީ މަހު ދައްކަން ޖެހެނީ 29 މިލިއަން ޑޮލަރު ކަމަށެވެ. އަދި އަންނަ މަހު ދައްކަން ޖެހެނީ 14 މިލިއަން ޑޮލަރުއެވެ. މާޗު މަހު ދައްކަން ޖެހެނީ 28 މިލިއަން ޑޮލަރު ކަމަށެވެ.

"އެހެންވީމާ އޮޅުވާލައިގެން ސިޔާސީ މަންފާ ހޯދަން މި ކަހަލަ ކަންކަން ކުރުމަކީ ދެރަކަމެއް. އޭގެ އާހިރު ނަތިއްޖާ އަކީ ނުތަވަސްކަމާއި ބިރުވެރިކަން އުފެދި ދިރިއުޅުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލާ އެކަމާ ދެތޭރެ ވިސްނަން ފަށާނެ. އެހެން ނުހެއްދެވުމަށް ވާދަވެރި ކެނޑިޑޭޓަށް އިލްތިމާސްކުރަން. ފާޑުކިޔަންވީ. އޮޅުވާނުލާ ހަގީގަތް ހާމަކުރަންވީ" ނަޝީދަށް އިލްތިމާސް ކުރެއްވިއެވެ.
ރައީސްގެ ސުވާލު: މަސްވެރިކަމަށް ކީއްތޯ ކުރެއްވީ؟
"މަސްވެރިކަމުގެ ވާހަކަ ވިދަޅުވާއިރު ކީކޭތޯ އެ ވިދާޅުވަނީ. ވެލިއު އެޑްކޮށްގެނޭ ރާއްޖޭގެ މަސް ބޮޑު އަގުގައެ ވިއްކޭނީ. ކީއްތޯ ކުރެއްވީ؟ ފެލިވަރު ފެކްޓްރީ 50 ޓަނަށް ބަންދު ކުރެވޭތަނެއް 15 ޕަސެންޓަށް ކުޑަކުރެވީ ނޫންތޯ. ދެން ކޮން ވެލިއު އެޑެއްތޯ ކުރެވޭނީ" ނަޝީދު މަސްވެރިކަމާއި ގުޅޭ ގޮތުން ދައްކަވާ ވާހަކައާ ބެހޭ ގޮތުން ރައީސްގެ ވާހަކަ ފެއްޓެވީ މިހިސާބުންނެވެ. 2018 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް މަހުގެ އަގު ބޮޑުކުރެއްވިއެވެ. އެކަމަކު އޭރުވެސް އޮތީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވިއެވެ. ރައީސް ވިދާޅުވި ގޮތުގައި އެ ފައިސާ ދައްކަން ޖެހުނީ މި ސަރުކާރަށެވެ. "އެގޮތުން މަސްވެރިންނަށް ދައްކަން ޖެހޭ 39 މިލިއަން ރުފިޔާ ސަރުކާރުގެ ފުރަތަމަ ދެ މަސް ތެރޭގައި ދައްކާފައިވެއެވެ.

[caption id="attachment_45842" align="aligncenter" width="1280"] ކެމްޕެއިން ހަރުގެ ޖަލްސާގައި ރައީސް ސޯލިހު ރޭ ވާހަކަދައްކަވަނީ --[/caption]

"އެހުރިހާ ވާހަކަ އެ ސަރުކާރުން ދެއްކިއިރު ސިނާޔަތް ކުރިއަރުވަން ކުރިކަމެއް ދައްކަބަލަ. 26 ރުފިޔާއަށް މަސް ކިލޯއެއް ގަނެފައި 290 ޑޮލަރު ގެއްލުމުގައި ވިއްކުން ފިޔަވާ" އެމަނިކުފާނު ވިދާޅުވިއެވެ. ކުރިއަށް އޮތް ދެ މަސް ތެރޭގައި ޔޫކޭއަށް އެތެރެކުރާ މަހުގެ ޑިއުޓީ ކަނޑާލާނެ ކަމަށް އިނގިރޭސި ސަރުކާރުން ބުނެފައިވާ ކަމަށް ނަޝީދު މިފަހުން ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ. އެކަމަކު ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުން ޓެކްސް ކަނޑާލަން މި ސަރުކާރުން މަޝްވާރާ ކުރައްވަމުން ގެންދަވާތާ ދުވަސްތަކެއް ވެއްޖެއެވެ.

އަދި އެކަން ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ސަރުކާރުން ވަނީ ބުނެފައެވެ. "އެކަން ކޮށް ނިންމާ ހިސާބުން އެ ވިދާޅުވަނީ މި އަންނަ މަހުގައި އެކަން ވާނެޔޭ" ނަޝީދުގެ ޓްވީޓަކަށް ސަމާސަ ރާގަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވިއެވެ. ޖަލްސާގެ ކުރީ ގޮނޑިބަރީގައި ހުންނެވި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އިޝާރާތް ކުރައްވާ ރައީސް ކުރެއްވީ ހެއްވާ ސުވާލެކެވެ. "ކޮންކަމެއްތޯ ޝާހިދު ކުރެއްވީ" އެމަނިކުފާނު ވިދާޅުވިއެވެ.