އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ހިންގާފައިވާ ހިޔާނާތާއި ގުޅިގެން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ރައީސް ޔާމީނަށް ކޮށްފައިވާ ދައުވާ ސާބިތު ކުރުމަށްޓަކައި ޕެންޑޯރާ ޕޭޕާސްގައި ހުރި މައުލޫމާތުތައް ހުށަހެޅުމަށް ދައުލަތުން ނިންމައިފިއެވެ.

އެ މައްސަލާގައި ޕެންޑޯރާ ޕޭޕާސް ލީކުވީ 2021ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހުއެވެ.

ފުއްގިރު ކުއްޔަށް ދިނުމުގައި ހިޔާނާތުގެ ކަންކަން ހުރި ކަމަށް ތުހުމަތުކޮށް ދައުލަތުން ވަނީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޔާމީންގެ މައްޗަށް ދައުވާ ކޮށްފައެވެ. އެއީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގެ ދައުވާއެވެ.

ގިނަ ދުވަސްތަކަކަށްފަހު ބޭއްވި ފުއްގިރި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވެސް އަދި ދިފާއުން ވެސް އާ ހެކިތަކެއް ހުށަހެޅިއެވެ. އެގޮތުން ދައުލަތުން ހުށަހެޅި ހެކީގެ ތެރޭގައި ޕެންޑޯރާ ޕޭޕާސް ހިމެނެއެވެ. ދިފާއުން ވެސް ވަނީ އެފަރާތްތަކުން ހުށަހަޅަން ބޭނުންވާ ހެކިތައް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް އެދިފައެވެ.

މި މައްސަލަ މީގެކުރިން ބައްލަވަމުން ގެންދެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލެވެ. ނަމަވެސް މިހާރު އެ މައްސަލަ ބައްލަވަމުން ގެންދަވަނީ ގާޒީ އަލީ ނަދީމްއެވެ. މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ގާޒީ ނަދީމަކީ މީގެކުރިން އަހްމަދު އަދީބުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅަކަށް ވާތީ މައްސަލައިން ތަނާޒުލުވެވަޑައިގަތުމަށް އެދިފައެވެ.

ޕެންޑޯރާ ޕޭޕާސް އިން ހާމަ ކޮށްފައިވާ ގޮތުގައި އެމްއެމްޕީއާރްސީގެ ތެރެއިން ފުއްގިރި ކުއްޔަށް ދީފައިވަނީ އެއްވެސް ބިޑަކާ ނުލައެވެ. އެރަށް ކުއްޔަށް ދީފައި ވަނީ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ނަމަކަށް ކިޔާ ދުބާއީގެ ކުންފުންޏަކަށެވެ. އެ ރަށް ކުއްޔަށް ދިނުމުގައި ހިޔާނާތުގެ ކަންކަން ހިނގާފައިވާ ކަމަށް ޕެންޑޯރާ ޕޭޕާސްގައިވެއެވެ. އަދި އެކަމުގެ ފަހަތުގައި ތިބީ އިންޑިއާގެ ނުފޫޒު ގަދަ ވިޔަފާރިވެރިންތަކެކެވެ.

ފުއްގިރި ކުއްޔަށް ދީފައި ވަނީ 2015ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެރަށް ކުއްޔަށް ދީފައި ވަނީ 1.55 މިލިއަން ޑޮލަރަށެވެ. އެރަށް ކުއްޔަށް ދިން ދުބާއީގެ ކްލެސިކް ސިޓީ އަކީ އިންޑިއާގެ ޕްރޮޕަޓީ ޑިވެލޮޕަރެއް ކަމަށްވާ އަވީނާޝް ބޮސާލޭގެ އާއިލީ ވިޔަފާރިއަކާއި ލޮޖިސްޓިކްސް ވިޔަފާރި ކުރާ އަމިތު ކުމާރު ނަމަކަށް ކިޔާ މީހެއްގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވެއެވެ.

އެ މައްސަލާގައި ޕީޖީ އިން ވަނީ ރައީސް ޔާމީން ނުފޫޒު ބޭނުން ކޮށްގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެން އެ ފައިސާ ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފަ ކޮށްފައިވާ ކަމަށް ބުނެފައެވެ.

ޕެންޑޯރާ ޕޭޕާސްގައި ބުނެފައިވާ ގޮތުގައި އެފައިސާ ރައީސް ޔާމީނަށް ފޯރުކޮށްދީފައި ވަނީ ބްރިޓިޝް ވާޖިން އައިލެންޑްސްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށްވާ އޭ އެންޑް އޭ ހޯލްޑިންސް ގްރޫޕް ލިމިޓެޑުން، ޔާމީންގެ ގާތް ބޭފުޅަކަށް ކަމަށެވެ. އެހެންކަމުން ޕެންޑޯރާ ޕޭޕާސްގައިވާ މި މައުލޫމާތާއި ދައުލަތުން އުފުލި ދައުވާގައި ބުނެފައިވާ ވާހަކަތައް ދިމާވައެވެ.

ފުއްގިރީގެ މައްސަލާގައި ޕެންޑޯރާ ޕޭޕާސްގައި ބުނެފައިވާ އިންޑިއާގެ ޕްރޮޕަޓީ ޑިވެލޮޕަރު އަވީނާޝްގެ މައްސަލަތަކެއް މިހާރުވެސް އިންޑިއާގައި އަންނަނީ ތަހުގީގު ކުރަމުންނެވެ. އެއީ މަނީ ލޯންޑަރިން އަދި ފޮރިން އެކްސްޗޭންޖް ގާނޫނާ ހިލާފްވި މައްސަލަތަކެއް ކަމަށްވެއެވެ.