އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ބޭނުމަށް އެޕާޓީގެ އާއްމު މެންބަރުންގެ ތެރެއިން 20،000 މެންބަރުން މީގެކުރިން ވަކިކުރި ކަމުގެ ތުހުމަތު ކުރައްވައިފިއެވެ.

އެ ތުހުމަތު ނަޝީދަށް ކުރެއްވީ އެޕާޓީގެ ކުރީގެ ޗެއާޕާސަން އަދި މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ)އެވެ. މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިޔަވަޅު އަޅާ ކޮމެޓީގައި މައްސަލަ އުފައްދައިގެން ނަޝީދު ބޭނުންވެގެން ފާއިތުވި 15 އަހަރުގެ ތެރޭގައި އެމްޑީޕީގެ އިސް ސަފުގައި މަސައްކަތްކުރި އެތައް ބަޔަކު ގަސްތުގައި ޕާޓީން ވަކިކުރި ކަމަށެވެ.

https://twitter.com/ReekoMoosa/status/1609775223477530624?s=20&t=wjWodftGEtCTI23Nl6zQVQ

"އަދި އެފަދަ މީހުންގެ އާއިލާތަށް ޕާޓީ ދޫކޮށް ދިއުމުން ޖުމްލަ 20،000 މީހުން ނަޝީދުގެ ބޭނުމަށް އެމްޑީޕީ އިން ވަކިކުރި،" އެމްޑީޕީ އިން ވަކި ކޮށްފައި ހުއްޓާ ދާދިފަހުން އަނެއްކާވެސް އެމްޑީޕީއާ ގުޅިވަޑައިގެން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާފައިވާ މޫސަ ވިދާޅުވިއެވެ.

މޫސަ މިފަދަ ތުހުމަތެއް ކުރައްވާފައި މިވަނީ އެމްޑީޕީގެ ދަފްތަރުން 39،000 މެންބަރުން ވަކި ކޮށްފައިވާ ކަމަށް ނަޝީދު އާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުން ވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

މިމަހުގެ 28ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ދެކޮޅަށް ނިކުމެވަޑައިގަންނަވާ ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި ވިދާޅުވީ ވަކިކުރި މެމްބަރުންގެ ތެރޭގައި އެ މަނިކުފާނުގެ އާއިލާ ބައެއް ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.

ނަޝީދާއި އެމަނިކުފާނު ފެކްޝަނުގެ ބޭފުޅުން ދައްކަވާ ވާހަކައަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ ރައްދު ދެއްވައި އެކަމުގެ ހަގީގަތް ހާމަ ކޮށްދެއްވައިފައެވެ.

އެގޮތުން ދާދިފަހުން ތާޖުއްދީން ސްކޫލުގައި ބޭއްވި އެޕާޓީގެ ގައުމީ މަޖިލިސް ބައްދަލުވުމެއްގައި ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ބާއްވާ އިންތިހާބުތަކުގައި އެހެން ޕާޓީތަކުގެ މެންބަރުން ވޯޓުލުމަކީ ގިނަ ބަޔަކު ކަންބޮޑުވާ ކަމެއް ކަމަށެވެ. ނަމަވެސް މިހާރު އެ ފުރުސަތު ބަންދުވެފައިވާކަން ފައްޔާޒު ފާހަގަކުރެއްވިއެވެ.

“އަޅުގަނޑުމެން ހަވާލުވުމުގެ ކުރިން ވެސް މިޕާޓީގެ އިންތިހާބުތަކާއި މެދު އަބަދުވެސް އުފެދިފައި އޮތް ކަންބޮޑުވުންތަކުގެ އެންމެ ބޮޑު މައްސަލައަކަށް ވެފައި އޮތީ ނޭނގޭ ލިސްޓުތަކެއް ވަކި ދިމާލަކުން އަބަދުވެސް އައިސް ވަނީ. މިހާރު އެ ބަޔަކަށް އެފުރުސަތެއް ނެތް” ފައްޔާޒު ވިދާޅުވިއެވެ.

އެހެން ވިދާޅުވެ ފައްޔާޒު ވަނީ 39،911 މީހުންނަށް ވެފައި އޮތް ގޮތް ސާފު ކޮށްދެއްވައިފައެވެ. އެގޮތުން ފައްޔާޒު ވިދާޅުވީ އެ މެންބަރުންނަކީ އިލެކްޝަންސްގެ ދަފްތަރުގައި ނެތް ބައެއް ކަމަށެވެ.