ހިޔާލު ތަފާތުވުންތަކާ އެކުގައިވެސް، ގައުމީ މަސްހަލަތަށް ބުރޫ އެރިޔަނުދީ، ސުލްހައިގެ މަގު އިހްތިޔާރު ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.

މީލާދީ އާ އަހަރާއި ގުޅިގެން ރައީސް ފޮނުއްވި ހިތާބެއްގައި ވިދާޅުވީ ގައުމީ ތަރައްގީގެ ދުވެލި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންގޮސްދޭ މައިގަނޑު ބަހާއަކީ، ތަރައްގީގެ މަސައްކަތްތަކަށް ފަހި މާހައުލެއް މުޖްތަމައުގައި ގާއިމުވެފައި އޮތުން ކަމަށެވެ. އެފަދަ މާހައުލެއް ގާއިމުވަނީ، މުޖްތަމައުގެ އެންމެހައި ފަރުދުންގެ މެދުގައި ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ގާއިމުވެފައި އޮވެގެން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންކަމުން، މި ފެށުނު އައު އަހަރުގެ އަޒުމެއްކަމުގައި އަޅުގަނޑުމެން ކޮންމެ މީހަކުމެ ކަނޑައަޅަންވީ، ކޮންމެ ކަމެއްގައި ވެސް، ސުލްހަމަސަލަސްކަމާއި ހަމަޖެހުމާއި އެއްބައިވަންތަކަން އިސްކުރުމެވެ. ބައިބައިވުމާއި ދެބަސްވުމާއި ދެކޮޅުވެރިކަމަށް ނޫނެކޭ ބުނުމެވެ. ހިޔާލު ތަފާތުވުންތަކާ އެކުގައިވެސް، ގައުމީ މަސްހަލަތަށް ބުރޫ އެރިޔަނުދީ، ސުލްހައިގެ މަގު އިހްތިޔާރު ކުރުމެވެ،" ރައީސް ވިދާޅުވިއެވެ.

މި ފެށުނު އަހަރަކީ، ފައްކާވަމުން އަންނަ ދިވެހި ޑިމޮކްރެސީގެ ސިޔާސީ ހަޔާތުގައިވެސް މުހިންމު ހަރަކާތްތަކަކަށް އަލިވިލުނު އަހަރެއްކަން ރައީސްގެ ހިތާބުގައި ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވި ގޮތުގައި މިއަދު ދިވެހިން ތިބީ ޑިމޮކްރެސީގެ ވެސް ހެޔޮ ނުބައި ވަކިވާ މިންވަރަށް ސިޔާސީ ގޮތުން ތަސައްރަފު ފުދިފައިކަމުން، ގައުމުގެ އެންމެ މަތީ މަސްލަހަތު ރައްކާތެރިކުރެވޭނެ ގޮތަށް ސިޔާސީ ހަރަކާތްތައް ހިންގުމަކީ، ކުރިމަގުގެ ޖީލުތަކަށް އަދު ތިބީން ދައްކަން އޮތް އެންމެ ރީތި ނަމޫނާ ކަމަށެވެ.

ހަމައެފަދައިން ގައުމުގެ ސިޔާސީ އަދި އިޖްތިމާއީ މިސްރާބު ކަސިޔާރުވިޔަ ނުދިނުމަށްޓަކައި ވެސް، ސިޔާސީ ފަރާތްތަކުގެ ކޮނޑުގައި އެޅިފައިވާ އެންމެ މަތީ ޒިންމާއަކީ، ގައުމުގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަމަށް ބުރޫ ނާރާނެ ފަދަ ގޮތަކަށް، ޑިމޮކްރެސީގެ ހަރަކާތްތައް ކުރިއަށް ގެންދިއުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.