ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑުގެ ބައްދަލުވުންތައް އާންމުކޮށް ފެންނާނެހެން ލައިވް ކުރުމަށް އިދިކޮޅު އެމްޑީޕީން މިއަދު އެ ބޯޑަށް ހުށަހަޅައިފިއެވެ. މި ހުށަހެޅުން ހުށަހަޅާފައި ވަނީ އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ ފަރާތުން އެލްޖީއޭގެ ބޯޑާ އެކު މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.

އެލްޖީއޭގައި ބޭއްވި މި ބައްދަލުވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްޑީޕީ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ، އެލްޖީއޭގެ ނިންމުންތަކުގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުމަށްޓަކައި ބޯޑު ބައްދަލުވުންތައް ލައިވްކުރުން މުހިއްމު ކަމަށެވެ. މީގެ އިތުރުން އަތޮޅު ކައުންސިލްތައް އުވާލަމުންދާ ދިއުމާ މެދު ވެސް އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަލީ ނިޔާޒު ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލުމަކީ ހަރަދު ކުޑަކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ނޫން ކަމަށެވެ. "އެ ބޭފުޅުން މިހާރު އެ މަސައްކަތް ކުރައްވަނީ ގާނޫނުގައި އެ ބޭފުޅުންނަށް ދީފައި އެބަ އޮތް މެންޑޭޓެއް، އެލްޖީއޭގެ ބްރާންޗުތައް އަތޮޅުތަކުގައި އުފައްދަން. އޭގެއިން ހަރަދެއް ކުޑައެއް ނުވޭ،" ނިޔާޒު ވިދާޅުވިއެވެ.

ކައުންސިލްތަކުގެ ބާރުތައް އަތުލާތީ ކަންބޮޑުވުންމި ބައްދަލުވުމުގައި އެމްޑީޕީން ވަނީ ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމު ގެއްލިފައިވާ ކަމަށް އެލްޖީއޭއިން ނިންމި ނިންމުމާއި، ހދ. ހިރިމަރަދޫ ފަޅުކޮށްފައިވާ މައްސަލައިގައި ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. މާލެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވިދާޅުވީ ރައްޔިތުންނަށް ދީފައިވާ ބާރުތައް އަތުލަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ.

އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީން އެލްޖީއޭއާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު، ނޫސްވެރިންނަށް މައުލޫމާތު ދެނީ-- ފޮޓޯ/ ހަތާވީސް

ޝަމާއު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ފ. އަތޮޅު ކައުންސިލްގެ ބިމެއް، ހަމައެކަނި ނިލަންދޫއަށް ދިނުމަށް ނިންމި ނިންމުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެކެވެ. "އަޅުގަނޑުމެންނަށް އައިސް ބައްދަލު ކުރަންޖެހުނު އެންމެ މުހިއްމު އެއް ސަބަބަކީ ރައްޔިތުންގެ މުދަލެއް، ހަމަ ހުރެފަ ރައްޔިތުންގެ އަތުން އަތުލާފަ އެހެން ބަޔަކަށް ދެވޭނެތޯ؟ ކޮން ހަމައަކުންތޯ؟ ކޮން ގާނޫނަކުންތޯ؟" ޝަމާއު ސުވާލު އުފެއްދެވިއެވެ.

މިއަދުގެ ބައްދަލުވުމުގައި އެމްޑީޕީ ލާމަރުކަޒީ ކޮމިޓީގެ މެންބަރުންނާއި އެލްޖީއޭ ބޯޑުގެ މެންބަރުން ބައިވެރިވެ، ލާމަރުކަޒީ ނިޒާމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.

އަލީ ނިޔާޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް، އެލްޖީއޭއާ ހިއްސާކުރަން ބޭނުންވި ކަމަށާއި ނަމަވެސް ވަގުތު ހަމަވެގެން ބައްދަލުވުން ނިންމާލަންޖެހުނީ ކަމަށެވެ. ދެން އޮންނަ ބައްދަލުވުމެއްގައި އެ މަޝްވަރާތައް ހިއްސާކުރައްވާނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.