ދުނިޔެ އިގްތިސޯދީ ގަޑުބަޑެއްގެ ތެރޭގައި އޮތް ނަމަވެސް 2025-26 ވަނަ މާލީ އަހަރު އިންޑިއާގެ އިގްތިސާދު ވަނީ 7.7 އިންސައްތައިގެ ވަރުގަދަ ކުރިއެރުމެއް ހޯދާފައި ކަމަށާއި، އެ ގައުމުގެ އިގްތިސާދީ ބިންގާ އޮތީ ނުހަނު ވަރުގަދަކޮށް ކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

އިއްޔެ ހަވީރު ދަމަންގައި ގާތްގަނޑަކަށް 2,970 ކްރޯޑް ރުޕީސްގެ ތަރައްގީގެ މަޝްރޫއުތަކެއް އިފްތިތާހު ކުރެއްވުމަށްފަހު، އެއްވެފައި އޮތް ބޮޑު ޖަމާއަތަކާ މުހާތަބު ކުރައްވައި ބޮޑުވަޒީރު ވިދާޅުވީ، ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިގްތިސާދުތަކުގެ ތެރޭގައި އިންޑިއާ އަދިވެސް ހިމެނޭ ކަމަށެވެ.

އަދި އުމްރާނީ ތަރައްގީ ފުޅާކުރުމާއި ފަގީރުންނަށް އަމާޒުކޮށްގެން ހިންގާ ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ މަޝްރޫއުތަކަށް އިސްކަންދީގެން، ގައުމުގެ އިސްލާހީ ދުވެލި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވިއެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ހަކަތައިގެ ދާއިރާއިން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ދުނިޔެ މިހާރު މިސްރާބު ޖަހާފައިވަނީ ތިމާވެއްޓާ ރައްޓެހި "ގްރީން" މުސްތަގުބަލަކަށް ކަމަށާއި، އިންޑިއާއިން އިގްތިސާދީ ކުރިއެރުމާއި ތިމާވެށި ހިމާޔަތްކުރުން އެއްހަމައެއްގައި ހިފަހައްޓައިގެން މި މަސައްކަތުގައި އިސްދައުރެއް އަދާކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މީގެ ކުރިން، މޯދީ ވަނީ ސޫރަތުގައި 18 ހާސް ކްރޯޑަށް ވުރެ ގިނަ ރުޕީސްގެ އެކި އުމްރާނީ މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވާފައެވެ. އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބޮޑުވަޒީރު ފާހަގަކުރެއްވި ގޮތުގައި، އިންޑިއާގެ ޖުމްލަ 250 ގިގަވޮޓްގެ އިއާދަކުރަނިވި ހަކަތައިގެ ގާބިލުކަމުގެ ތެރެއިން 50 ގިގަވޮޓް ހިއްސާކުރަނީ ހަމައެކަނި ގުޖުރާތުންނެވެ. މިއީ ގައުމުގެ ގްރީން އެނާޖީގެ ފަސްބައިކުޅަ އެއްބައެވެ.

އަދި ހަކަތައިގެ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައި، ސޯލާ އެނާޖީ (އިރުގެ ހަކަތަ) އިން ގްރީން ހައިޑްރޮޖަން އަދި ގްރީން އެމޯނިއާއަށް ބަދަލުވުމުގައި ގުޖުރާތުން ބޮޑު ދައުރެއް އަދާކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ސޫރަތަށް އައިސްފައިވާ ބަދަލުތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން ބޮޑުވަޒީރު ވަނީ އެ ސިޓީގެ ރައްޔިތުންގެ ހިތްވަރަށާއި، އެ ރަށް "ގްރީން ސިޓީ" އަކަށް ބަދަލުވުމަށް ކުރި މަސައްކަތަށް ތައުރީފު ކުރައްވާފައެވެ. އަދި ފާއިތުވި 12 އަހަރުގެ ތެރޭގައި ބޮޑު ހަރަކާތަކަށް ބަދަލުވެފައިވާ ސޫރަތުގެ "ސާކިއުލާ ވޯޓާ އިކޮނޮމީ" މޮޑެލްއަށާއި، ކުންޏަކީ މުއްސަނދިކަމަކަށް ހެދުމުގެ (Waste to Wealth) އިސްނެގުމަށް އެމަނިކުފާނު ސާބަސް ދެއްވިއެވެ.