އިންޑިއާގެ މަޝްހޫރު އިންޖިނިއަރިން އަދި ކޮންސްޓްރަކްޝަން ކުންފުނި، އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑަށް ތާރީހޯ ބޮޑު މަޝްރޫއެއް އަނެއްކާވެސް ލިބިއްޖެއެވެ.

އެގައުމުގެ މަހާރާޝްތުރާގައި އަލަށް ތަރައްގީކުރާ "ވަދްވާން ޕޯޓް" ގައި 10.14 ކިލޯމީޓަރުގެ ދިގު ބްރޭކްވޯޓަރެއް (ބޮޑުތޮށި) ބިނާކުރުމުގެ މަސައްކަތް "ވަދްވާން ޕޯޓް ޕްރޮޖެކްޓް ލިމިޓެޑް" އިން އިއްޔެ ވަނީ އެފްކޮންސްއާ ހަވާލުކޮށްފައެވެ.

މި ބިޔަ މަޝްރޫއުގެ ޖުމްލަ އަގަކީ 5,301 ކްރޯޑް ރުޕީސް (ގާތްގަނޑަކަށް 632 މިލިއަން އެމެރިކާ ޑޮލަރު) އެވެ. މި މަޝްރޫއު ނިމުމުން، މިއީ މުޅި ދުނިޔޭގައިވެސް ބިނާކުރެވޭ ދެވަނައަށް އެންމެ ދިގު ބްރޭކްވޯޓަރަށް ވެގެންދާނެއެވެ.

އެފްކޮންސްގެ އެގްޒެކެޓިވް ޗެއާމަން ކްރިޝްނަމުރުތީ ސުބްރަމާނިއަން ވިދާޅުވީ، އެ މަޝްރޫއު ލިބުމަކީ ކަނޑުގެ ބިޔަ އިންފްރާސްޓްރަކްޗާ މަޝްރޫއުތައް ހިންގުމުގައި އެފްކޮންސްއަށް އޮތް ތަޖުރިބާ ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި އެއީ ދުނިޔޭގެ މެރިޓައިމް ހަބަކަށް ވުމަށް އިންޑިއާއިން ކުރާ ދަތުރުގައި ވަރަށް މުހިންމު މަޝްރޫއަކަށް ވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އެސް ޕަރަމަސިވަން ވިދާޅުވި ގޮތުގައި، ދުނިޔޭގެ ފެންވަރުގެ އެފަދަ ލޭންޑްމާކް މަޝްރޫއެއް ކާމިޔާބުވުމަކީ ފަހުރުވެރިވާ ކަމެކެވެ. އަދި އެއީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ "ވިކްސިތު ބާރަތު" (ތަރައްގީވެފައިވާ އިންޑިއާ) ގެ ތަސައްވުރަށް ވެސް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް ވެސް ވިދާޅުވިއެވެ.

އެފްކޮންސްއަކީ އިންޑިއާގެ އިތުރުން ބައިނަލްއަގުވާމީ މައިދާނުގައިވެސް ކަނޑާ ގުޅުންހުރި ބޮޑެތި މަޝްރޫއުތައް ހިންގާފައިވާ ކުންފުންޏެކެވެ. އޭގެ ތެރޭގައި އޮމާންގެ ސުހާރު ޕޯޓްގެ ބަލްކް ޖެޓީއާއި، ގޭބޯންގެ ނިއު އޮވެންޑޯ އިންޓަރނޭޝަނަލް ޕޯޓްގެ މަސައްކަތް ހިމެނެއެވެ. ގޭބޯންގެ މަޝްރޫއަކީ ހުޅަނގު އެފްރިކާގައި އެންމެ އަވަހަށް (18 މަސްދުވަސް ތެރޭގައި) ނިންމި ކަނޑުގެ މަޝްރޫއުގެ ގޮތުގައި ފާހަގަކުރެވިފައިވާ ތަނެކެވެ. މީގެއިތުރުން ކުވެއިތުގެ ސަލްފަރ ޖެޓީވެސް އެފްކޮންސްއިން ވަނީ ހަދާފައެވެ.

އެމެރިކާގެ މަޝްހޫރު "އިންޖިނިއަރިން ނިއުސް-ރެކޯޑް" އިން ބުނެފައިވާ ގޮތުގައި، އެފްކޮންސްއަކީ ކަނޑާއި ބަނދަރު ހެދުމުގެ ދާއިރާއިން ދުނިޔޭގައި 8 ވަނައަށް އެންމެ ބޮޑު ކޮންޓްރެކްޓަރެވެ.

އަލަށް ހަދާ ވަދްވާން ޕޯޓަކީ އިންޑިއާގެ އެންމެ ބޮޑު ޕަބްލިކް ޕޯޓަށް ވުމުގެ އިތުރުން، ދުނިޔޭގެ އެންމެ ބޮޑު ކޮންޓޭނަރު ބަނދަރުތަކުގެ ތެރޭގައި ހިމެނިގެންދާނެ ތަނެކެވެ. މި ބަނދަރު ފުރިހަމަވުމުން އަހަރަކު 23.2 މިލިއަން "ޓީއީޔޫ" ގެ ކޮންޓޭނަރު ހޭންޑްލް ކުރުމުގެ ގާބިލުކަން ލިބިގެންދާނެއެވެ.

އެފްކޮންސަކީ ރާއްޖޭގައި މިހާރު ކުރިޔަށް ގެންދާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖު ހެދުމުގެ މަސައްކަތްވެސް ކުރިޔަށް ގެންދާ ކުންފުންޏެވެ.