ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން، މި ސަރުކާރުގެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނާއި ގުޅޭ ގޮތުން ދައްކަވާފައިވާ ވާހަކަތަކަކީ ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ކަމަށް އިހުސާން ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ޝައްމާން 25 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައެވެ.
އޭނާގެ މައްޗަށް މި ހުކުމް އައީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބިދޭސީއަކު މިނިވަންކުރުމަށްފަހު، އެ މީހާގެ އަތުން ފަސް ލައްކަ ރުފިޔާ ފޭރިގަތުމުގައި ބައިވެރިވި މައްސަލައިގައެވެ. ދައުލަތުން ބުނާ ގޮތުގައި އެ ފައިސާ ޝަމްއާންގެ ގެއަށް ގެންގޮސްފައިވަނީ އިމިގްރޭޝަންގެ މުވައްޒަފުންތަކެކެވެ.
މި މައްސަލައިގައި ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އެއީ މަނީ ލޯންޑްރިންގެ ކުށަށް 15 އަހަރު، ފޭރުމުގައި ބައިވެރިވުމުގެ ކުށަށް 8 އަހަރު، އަދި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށަށް 2 އަހަރުގެ ޖަލު ހުކުމެވެ. މީގެ ކުރިން ބަންދުގައި ހޭދަކުރި ނުވަ މަހާއި ދިހަ ދުވަސް މި ހުކުމުން އުނިކުރެވޭނެއެވެ.
ޝައްމާން އިއްޔެ ކޯޓުގައި ވަނީ އޭނާއަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވާ ގިނަ ވާހަކަތަކެއް ދައްކަވާފައެވެ. އެގޮތުން އޭނާ ފްރޭމް ކޮށްފައިވާ ކަމަށާއި އެ ހުރިހާ ކަމެއްގެ އަޑީގައި ހުރީ މިނިސްޓަރު އިހުސާން ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އެކްސްގައި ވެސް އޭނާ މި ވާހަކަތައް ދެއްކެވިއެވެ. އެގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދިވެހިރާއްޖޭގެ މައި ދޮރޮއަށި (ބޯޑަރ ކޮންޓްރޯލް ސިސްޓަމް) މިނިސްޓަރު އިހުސާން ބޭނުންވާ ވަކި ބަޔަކަށް ވިއްކާލާފައިވާ ކަމަށް ތުހުމަތު ކުރެއްވިއެވެ. މިކަން ހުއްޓުވުމަށް މަސައްކަތް ކުރުމުން އަދި އެކަމާ ދެކޮޅު ހެދުމުގެ ސަބަބުން އެކި ފަހަރު މަތިން ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު ގުޅުއްވި ކަމަށް ޝައްމާން ވިދާޅުވެފައިވެއެވެ.
"އެމައްސަލައިގައި އެންމެ ފަހުން އަޅުގަނޑަށް ގުޅިދުވަހު ’މިކަން އިތުރު ގޮތަކަށް ބަދަލެއް ނުވާނެ’ ކަމަށް ބުނެ ކޯފާ އިސްކުރައްވާ އަޅުގަނޑަށް އިންޒާރު ދެއްވި. ބޯޑަރ ކޮންޓްރޯލް ސިސްޓަމް ވިއްކާލުމަކީ މިނިސްޓަރ އިހުސާން އަދި އެޓަރނީ ޖެނެރަލް އުޝާމް އިސްވެތިބެ ހިންގާ ބޮޑު ޖަރީމާއެއް. މިކަމާއި ގުޅޭ ހެކި، ފުލުހުން އަތުގައި އަދިވެސް އޮތް އަޅުގަނޑުގެ ފޯންގައި ހުންނާނެ. މި މަސައްކަތް ސިއްރިއްޔާތުގައި ދަނީ ހިނގަމުން،" ޝައްމާން ވިދާޅުވިއެވެ.
އެ ވާހަކަތަކަށް މިނިސްޓަރު އިހުސާން މިއަދު ވަނީ އެކްސްގައި ރައްދު ދެއްވަވާ ޕޯސްޓެއް ކުރައްވައިފައެވެ.
އެގޮތުން ވިދާޅުވީ ޝަމްއާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް ކަމަށާއި އެ ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެތް ނުވަތަ ޤަރީނާއެއް ނެތް އިރު، އޭނާ އެހަދަނީ ދޮގުކަން ކުރިންވެސް މީޑިޔާގައި އެއީ ދޮގުކަން ދަންނަވާފައި ވާނެ ކަމަށެވެ.
ޝަމްއާން ފްރޭމްކޮށްފައިވާކަމަށް ބުނާ ވާހަކައަކީވެސް އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫންކަން މިމައްސަލާގައި ފުލުހުން ހޯދާފައިވާ ހެކިތަކުން ސާފު ވާނެ ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި ައެ މައްސަލާގައި ކަންހިނގާފައިވާ ގޮތް ތަފްސީލުކޮށް ރައްޔިތުންނަށް ސާފުކޮށްދިނުމަށް ފުލުހުންގެ މުއައްސަސާގައި އެދިފައި ވާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި
އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ބޭނުންތެރި ކަމެއް