ފިނޭންސް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ކަމަށް މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޒަމީރު މަގާމުން އިސްތިއުފާ ދެއްވެވީ އިއްޔެގެ ވަގުތެއްގައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ޒަމީރު ވިދާޅުވީ އެމަނިކުފާނު އިސްތިއުފާ ދެއްވެވީ ސިއްހީ ސަބަބުތަކަކާއި ގުޅިގެން ކަމަށެވެ.
އިސްތިއުފާ އަށް ފަހު ފުރަތަމަ ފަހަރަށް މީޑިއާގެ ކުރިފުޅުމަތީ ހުންނަވާ ޒަމީރު މިރޭ ވަނީ ވާހަކަދައްކަވާފައެވެ. ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ އިސްތިއުފާ ދެއްވުމުން ވަރަށް ގިނަ ބޭފުޅުން އޭނާއާ ގުޅުއްވި ކަމަށާއި ވަރަށް ގިނަ ސުވާލުތައް ވެސް ކުރެއްވި ކަމަށެވެ. އަދި ސުވާލުތައް ކުރެއްވި ބޭފުޅުންނަށް ޖަވާބުވެސް ދެއްވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުރަތަމަވެސް ވިދާޅުވީ އިސްތިއުފާ ދެއްވި ނަމަވެސް އޭނާ ހުރީ ރައީސް މުއިއްޒުގެ ސަރުކާރާއި ޕީއެންސީއާއެކު ކަމަށެވެ. ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި އެކަމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފިނޭންސް މިނިސްޓަރުގެ ޒިންމާ އަކީ ބޮޑު ޒިންމާއެއް ކަމަށެވެ. އަދި ދުނިޔޭގެ މިވަގުތު ހާލަތު ހުރީ ވެސް ފިނޭންސް މިނިސްޓަރުގެ ޒިންމާ އިތުރަށް ބޮޑުވާނެ ގޮތަށް ކަމަށާއި މިފަދަ ނާޒުކު ހާލަތެއްގައި އެ ޒިންމާތައް އަދާ ނުކުރެވޭނެކަން [ސިއްހީ ސަބަބުތަކާއި ގުޅިގެން] އެނގޭ އިރުވެސް މަގާމުގައި ހުންނެވުމަކީ ސަރުކާރަށާއި ޕާޓީއަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ޒަމީރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު މި ހުރީ ހަމަ ވަރަށް ގަދަކޮށް ރައީސް މުއިއްޒާއެކުގައި. އެމަނިކުފާނު އަޅުގަނޑާ ހަވާލު ކުރައްވާ މަސައްކަތް ކުރަން މި ޕާޓީ އާއި މި ފިކުރު ކުރިއެރުވުމަށްޓަކައި،" ޒަމީރު ވިދާޅުވިއެވެ.
މި ސަރުކާރުގައި ޒަމީރު އެންމެ ފުރަތަމަ ހުންނެވީ ފޮރިން މިނިސްޓަރުކަމުގެ މަގާމުގައެވެ. ފިނޭންސް މިނިސްޓަރުކަމަށް ޒަމީރު އައްޔަން ކުރެއްވީ 2024ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހުއެވެ.
ޒަމީރު އެ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ އެ މަގާމުން އޭނާ އިސްތިއުފާ ދެއްވަން އުޅޭ ކަމުގެ އަޑުތަކެއް ސޯޝަލް މީޑިއާގައި ދެކެވެމުން ދިޔަ ދަނޑިވަޅެއްގައެވެ.
މަޖިލިސް ނާއިބުކަން އެއްވެސް އިރެއްގައި ބޭނުމެއް ނޫން: ސަލީމް
މެންބަރު އަސްމާގެ ކިބައިން ރައީސް މައާފަށް އެދިވަޑައިގެންފި
މި ހުރީ ހަމަ ވަރަށް ގަދަކޮށް ރައީސް މުއިއްޒާއެކު: ޒަމީރު
ޝައްމާންގެ މައްޗަށް 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް
ފިނޭންސް މިނިސްޓަރުކަމަށް ޒަރީރު
ފިނޭންސް މިނިސްޓަރުކަމުން ޒަމީރު އިސްތިއުފާ ދެއްވައިފި