ކުރީގެ ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު 25 އަހަރުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމް އިއްވާފައެވެ.

އޭނާގެ މައްޗަށް މި ހުކުމް އައީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބިދޭސީއަކު މިނިވަންކުރުމަށްފަހު، އެ މީހާގެ އަތުން ފަސް ލައްކަ ރުފިޔާ ފޭރިގަތުމުގައި ބައިވެރިވި މައްސަލައިގައެވެ. ދައުލަތުން ބުނާ ގޮތުގައި އެ ފައިސާ ޝަމްއާންގެ ގެއަށް ގެންގޮސްފައިވަނީ އިމިގްރޭޝަންގެ މުވައްޒަފުންތަކެކެވެ.

މި މައްސަލައިގައި ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އެއީ މަނީ ލޯންޑްރިންގެ ކުށަށް 15 އަހަރު، ފޭރުމުގައި ބައިވެރިވުމުގެ ކުށަށް 8 އަހަރު، އަދި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށަށް 2 އަހަރުގެ ޖަލު ހުކުމެވެ. މީގެ ކުރިން ބަންދުގައި ހޭދަކުރި ނުވަ މަހާއި ދިހަ ދުވަސް މި ހުކުމުން އުނިކުރެވޭނެއެވެ.

ޖަލު އަދަބުގެ އިތުރުން، ފަސް ލައްކަ ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށާއި، ބިދޭސީ މީހާގެ އަތުން ފޭރުނު ފަސް ލައްކަ ރުފިޔާ ތިން މަސް ދުވަހުގެ ތެރޭގައި އަނބުރާ ދިނުމަށް ވެސް ޝަމްއާންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ. މީގެ އިތުރުން އޭނާގެ ގެއިން ފެނުނު ފައިސާގެ ތެރެއިން 125,000 ރުފިޔާ ދައުލަތަށް ނެގުމަށް ވެސް ހުކުމުގައިވެއެވެ.

މި މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިހުސާން ފާހަގަކުރެއްވި ގޮތުގައި، ޝަމްއާނަށް ބޮޑު އަދަބެއް ދޭން ޖެހުނީ އިމިގްރޭޝަންގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ބިދޭސީންނަށް ހިމާޔަތް ދިނުމުގެ ބަދަލުގައި އަމިއްލަ މަންފާއަށް މަސައްކަތްކޮށް، މުއައްސަސާގެ އަގު ވައްޓާލާފައިވާތީއެވެ.

ދައުލަތުން ވެސް އެދިފައިވަނީ، މީގެ ކުރިން ފެނަކައިގެ ކުރީގެ އެމްޑީގެ މައްސަލައިގައި އަމަލުކުރި އުސޫލުން، ދައުލަތުގެ އިސް މަގާމުތަކުގައި ތިބެ ކުށްކުރާ ފަރާތްތަކަށް އެންމެ ބޮޑު އަދަބު ދިނުމަށެވެ.

ޝަމްއާންގެ ފަރާތުން އަދަބު ލުއިކޮށްދިނުމަށާއި، ޖަލު ހުކުމުގެ ބަދަލުގައި ޖޫރިމަނާ ނުވަތަ ގޭބަންދުގެ އަދަބެއް ދިނުމަށް އެދުނު ނަމަވެސް، ކޯޓުން ނިންމީ ދައުލަތުން އެދުނު ގޮތަށް ބޮޑެތި އަދަބުތަކެއް ކަނޑައެޅުމަށެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދައުލަތުން ހުށަހެޅި ހެކިތަކަށް ބަލާއިރު ބިދޭސީއެއްގެ އަތުން ފައިސާ ފޭރުމުގައި ޝަމްއާން ބައިވެރިވިކަން ކަށަވަރުވެއެވެ. މީގެ އިތުރުން، އޭނާގެ ރަސްމީ މަގާމުގެ މަސްއޫލިއްޔަތުތައް ނުބައި ނިޔަތެއްގައި ބޭނުންކޮށްފައިވާކަން ވެސް ޝަރީއަތަށް ވަނީ ސާބިތުވެފައެވެ.

ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެ ބިދޭސީ މީހާ ހިފެހެއްޓުމަށްފަހު އަލުން މިނިވަންކުރުމުގައި ޝަމްއާން އަމަލުކޮށްފައިވަނީ ވަކި ފަރާތަކަށް ނާޖައިޒު މަންފާއެއް ހޯދައިދިނުމަށެވެ. އަދި ކުށްކޮށްގެން ހޯދި އެ ފައިސާ އަކީ ގާނޫނާ ހިލާފަށް ހޯދި އެއްޗެއްކަން އެނގިހުރެ، ޝަމްއާން އެ ފައިސާއާ ހަވާލުވެ، އަމިއްލަ ބޭނުންތަކަށް ބޭނުންކޮށްފައިވާކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ވަނީ ސާބިތުވެފައެވެ.

ދައުލަތުގެ ތުހުމަތުތަކަށް ބަލާއިރު، ބިދޭސީ މީހާގެ އަތުން އަތުލި ފަސް ލައްކަ ރުފިޔާގެ ތެރެއިން ހަތަރު ލައްކަ ރުފިޔާ ޝަމްއާން ނަގާފައިވެއެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 150,000 ރުފިޔާ އާއި 110,000 އަށް ވުރެ ގިނަ ރުފިޔާ އޭނާގެ ނަމުގައި ހުރި ދެ ލޯނެއް ދެއްކުމަށް ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށް ދައުލަތުން ބުނެއެވެ.

ދައުވާގައި އިތުރަށް ބުނެފައިވަނީ، ފައިސާތަކާއެކު ހައްޔަރުކުރި ބިދޭސީ މީހާ ޝަމްއާންގެ އެންގުމަކަށް ދަންވަރުގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ. އަދި އިމިގްރޭޝަންގެ އޮފިސަރުން އެ ބިދޭސީ މީހާ އަތުން ފައިސާ އަތުލުމަށްފަހު، އެ ހިފައިގެން ސީދާ ޝަމްއާން ދިރިއުޅޭ ގެއަށް ދިޔަ ކަމަށް ވެސް ދައުލަތުން ބުނެފައިވެއެވެ.