އެމްޑީޕީން އެކަނި ނިކުމެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަފުޅަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ނަޝީދު މިފަދައިން ވިދާޅުވީ ގދ. ފަރެސްމާތޮޑާގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ސޯލިހް މި ވާހަކަފުޅު ދެއްކެވީ ރޭ ބޭއްވި މީކާއީލް ނަސީމްގެ ކެމްޕެއިން ޖަލްސާއެއްގައެވެ. އެ ޖަލްސާގައި ސޯލިހް ވިދާޅުވީ އެމްޑީޕީއަށް އެކަނި ނިކުމެ ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ.

މިކަމަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް އެއްވެސް ބޭފުޅަކު ދެކެވަޑައިގަނެގެން ނުވާނެ ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީއަކީ ވަރުގަދަ ޕާޓީއެއް ކަމަށާއި، ޕާޓީއަށް 100,000 އަށްވުރެ ގިނަ މެންބަރުން ހޯދޭނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބެއްގައި އެމްޑީޕީއަށް އެކަނި 160,000 އަށްވުރެ ގިނަ ވޯޓު ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޯލިޝަން ހެދުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، އިންތިހާބުގެ ފުރަތަމަ ބުރުގައި އެހެން ޕާޓީއެއްގެ އުނގަށްވެއްޓި އެމްޑީޕީގެ އާއްމު މެެންބަރުން ރުޅިއަރުވަން ނުޖެހޭނެ ކަމަށެވެ.

އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި ރިޔާސީ އިންތިހާބުގައި އެމްޑީޕީ އެކަނި ނިކުމެ ކާމިޔާބު ނުވާނެ ކަމަށް ބުނުނަކީ ޕާޓީއަށް ޕާޓީއަށް ބުނެވޭ ބަދުބަހެކެވެ.