އިންޑިއާގައި އިރުގެ ހަކަތަ (ސޯލާ ޕަވަރ) އާއި ތެޔޮ ސާފުކުރާ ދާއިރާ ހަލުވިކަމާއެކު ފުޅާވަމުންދިއުމާ ގުޅިގެން، މި އަހަރު (2026) އެ ގައުމުން ހަކަތައިގެ ދާއިރާއަށް ކުރާ މުޅި އިންވެސްޓްމަންޓް ރެކޯޑް މިންވަރަކަށް އިތުރުވެ 170 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ބައިނަލްއަގުވާމީ ހަކަތައާ ބެހޭ ޖަމިއްޔާ، އިންޓަނޭޝަނަލް އެނަޖީ އެޖެންސީ (އައިއީއޭ) އިން ބުނެފިއެވެ.
އައިއީއޭ އިން ނެރުނު "ވޯލްޑް އެނަޖީ އިންވެސްޓްމަންޓް 2026" ރިޕޯޓުގައިވާ ގޮތުން، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އިންޑިއާއިން ހަކަތައިގެ ދާއިރާއަށް ކުރާ ހޭދަ އަހަރަކު އެވްރެޖްކޮށް 11 އިންސައްތަ ވަނީ އިތުރުވެފައެވެ.
މީގެ ތެރެއިންވެސް އެންމެ ބޮޑު ކުރިއެރުމެއް އައިސްފައިވަނީ ސޯލާ ފޮޓޯވޮލްޓައިކް (ޕީވީ) މަޝްރޫއުތަކުންނެވެ. މި ދާއިރާގެ އިންވެސްޓްމަންޓްތައް އަހަރަކު 25 އިންސައްތަ ކުރިއަރަމުންދާއިރު، ތެޔޮ ސާފުކުރުމުގެ ދާއިރާ އަށް ކުރާ ހޭދަ ދަނީ އަހަރަކު 23 އިންސައްތަ އިތުރުވަމުންނެވެ.
ކަނޑައެޅި ލަނޑުދަނޑި 5 އަހަރު ކުރިން ހާސިލްކުރުން
އިންޑިއާއިން ތިމާވެއްޓާ ރައްޓެހި ވަސީލަތްތަކުން 50 އިންސައްތަ ހަކަތަ އުފެއްދުމަށް އަމާޒު ހިފާފައި އޮތް ނަމަވެސް، ސޯލާ މަޝްރޫއުތަކަށް ކުރި ބޮޑު ހޭދައާއެކު މި ލަނޑުދަނޑި ވަނީ ކަނޑައެޅި މުއްދަތަށްވުރެ ފަސް އަހަރު ކުރިން، ހާސިލްކޮށްފައެވެ. މިހާރު އިންޑިއާގެ ޖުމްލަ ހަކަތަ އުފައްދާ ކެޕޭސިޓީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނައީ ސޯލާ އާއި ވައިގެ ހަކަތައެވެ.
ރިޕޯޓުގައިވާ ގޮތުން، އިންޑިއާއިން މިހާރު ތެލާއި ބޯގަސް ފަދަ ތިމާވެއްޓަށް ގެއްލުންދޭ ވަސީލަތްތަކަށް ހޭދަކުރާ ކޮންމެ 1 ޑޮލަރަކަށް، ތިމާވެއްޓާ ރައްޓެހި އިއާދަކުރަނިވި ހަކަތައަށާއި ނިއުކްލިއާ ހަކަތައަށް 3 ޑޮލަރު ހޭދަކުރެއެވެ. މިއީ މީގެ ފަސް އަހަރު ކުރިއާ އަޅާބަލާއިރު ދެގުނަ އިތުރުވުމެކެވެ.
ގްރިޑް ވިއުގަ ވަރުގަދަކުރުމާއި ބެޓެރީ ސްޓޯރޭޖް
އިއާދަކުރަނިވި ހަކަތަ އިތުރުވަމުންދާތީ، ކަރަންޓު ކެނޑުމުގެ މައްސަލަތަކުން ސަލާމަތްވުމަށްޓަކައި އިންޑިއާގެ ނޭޝަނަލް ގްރިޑް (މައި ކަރަންޓު ވިއުގަ) ޒަމާނީ ކުރުމަށާއި ބޮޑެތި ބެޓެރީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމްކުރުމަށް މި އަހަރު 26 ބިލިއަން ޑޮލަރު ހޭދަކުރާނެއެވެ.
އިންޑިއާ ސަރުކާރުގެ "ގްރީން އެނަޖީ ކޮރިޑޯ" މަޝްރޫއުގެ ދަށުން މިހާތަނަށް 3،000 އަށްވުރެ ގިނަ ކިލޯމީޓަރުގެ އާ ޓްރާންސްމިޝަން ލައިން ވަނީ އަޅާފައެވެ.
އިންޑިއާގެ އަމާޒަކީ 2030 ވަނަ އަހަރު އަންނަންވާއިރަށް ތިމާވެއްޓާ ރައްޓެހި ވަސީލަތްތަކުން 500 ގިގާވޮޓްގެ ހަކަތަ އުފެއްދުމެވެ. އަދި ތެޔޮ ސާފުކުރުމުގެ ކެޕޭސިޓީ އަހަރަކު 310 މިލިއަން މެޓްރިކް ޓަނަށްވުރެ މައްޗަށް ޖެއްސުމެވެ.
އެމްޑީޕީއަށް ޖޯޝާ ފޯރި ގެނެސްދެވޭނީ އަޅުގަނޑަށް: ނަޝީދު
އިންޑިއާއިން ހަކަތައިގެ ދާއިރާއަށް ކުރާ ހޭދަ 170 ބިލިއަން ޑޮރަލަށް
އިންޑިއާއަށް ދާއިރު ސެލްފް ޑެކްލަރޭޝަން ފޯމް ހުށަހަޅަންޖެހޭނެ
ނާޒިމް ވަކިކުރުމުގެ މައްސަލަ އާދިއްތަ ދުވަހަށް ތާވަލުކޮށްފި
އީދުގެ އުފާ ފާހަގަކުރާއިރު މީހުންނަށް ފުރައްސާރަ ނުކުރަން ގޮވާލައިފި