އިންޑިއާގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ވަނީ އެ ގައުމަށް ދަތުރުކުރާ ހުރިހާ ފަރާތްތަކުން ސެލްފް ޑެކްލަރޭޝަން ފޯމެއް ފުރަންޖެހޭ ގޮތަށް އުސޫލުތައް ބަދަލުކޮށްފިއެވެ.
އެ ފިޔަވަޅަކީ ކޮންގޯގައި ހަލުވިކަމާއެކު ފެތުރެމުންދާ އިބޯލާ ވައިރަހާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން، އެއާލައިންތަކުން އަމަލުކުރުމަށް އެކުލަވާލި ހާއްސަ އުސޫލެއްގެ (އެސްއޯޕީ) ދަށުން ނިންމި ނިންމުމެކެވެ.
އަލަށް އެކުލަވާލި އުސޫލުގެ ދަށުން، ފްލައިޓްތަކުގެ ތެރޭގައި ބައްޔާ ގުޅޭ މައުލޫމާތު ދިނުމާއި، ދަތުރުވެރިންގެ ސިއްހީ ހާލަތު އަމިއްލައަށް ބަޔާންކުރާ ފޯމު ފުރުން މިހާރު ވަނީ ލާޒިމްކޮށްފަ އެވެ. މިކަމުގެ މައިގަނޑު މަގުސަދަކީ ބަލީގެ ނުރައްކާ އޮތް މީހުން އަވަހަށް ދެނެގަނެ، އިންޑިއާގެ އެއާޕޯޓުތަކުގައި ބަލިތައް މޮނިޓާކުރުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރުމެވެ.
މި ބަދަލާ ގުޅިގެން ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ވަނީ ދަތުރުވެރިންނަށް މިކަން އަންގައި ސަމާލުވާން އެދިފަ އެވެ. އެގޮތުން ސެލްފް ޑެކްލަރޭޝަން ފޯމު މޯލްޑިވިއަންގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި، ފޯމު ފުރުމަށްފަހު އިންޑިއާގެ ހެލްތު އަދި އިމިގްރޭޝަން ކައުންޓަރަށް ހުށަހަޅަންޖެހޭނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ. އިންޑިއާއަށް އެތެރެވާ ކޮންމެ މީހަކުވެސް މި ފޯމު ހުށަހެޅުން މަޖުބޫރެވެ.
އިންޑިއާގެ އާ އުސޫލުގައިވާ ގޮތުން، ފްލައިޓް ތެރޭގައި ބަލީގެ އަލާމާތްތަކަށް ހޭލުންތެރިކުރުވައި، އެފަދަ ކަމެއް ފާހަގަވެއްޖެނަމަ ރިޕޯޓްކުރަން ޖެހެ އެވެ.
ހާއްސަކޮށް އިބޯލާ ފެތުރިފައިވާ ސަރަހައްދުތަކުން އަންނަ މީހުން އެމީހުންގެ ދަތުރުގެ ތަފްސީލާއި ސިއްހީ މައުލޫމާތު ހިއްސާކުރަން ޖެހޭއިރު، އެއާޕޯޓްތަކުގައި ތާމަލް ސްކޭނަރު ބޭނުންކޮށްގެން ފަސިންޖަރުންގެ ހުން ހުރިތޯ ބަލާނެ އެވެ. މިހާތަނަށް އިންޑިއާއިން ބައްޔަށް ޝައްކުކުރެވުނު މީހުންގެ ނަތީޖާ ނެގެޓިވްވި ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެމީހުން ތިބީ ކަރަންޓީނުގަ އެވެ.
ސިއްހީ މާހިރުން އިންޒާރު ދޭ ގޮތުގައި މިހާރު ފެތުރެމުންދާ އިބޯލާގެ މި ބާވަތަށް ހާއްސަ ވެކްސިނެއް އަދި ނެތެވެ. މިހާތަނަށް 263 މީހުން މަރުވެފައިވާއިރު، އޭގެ ތެރެއިން 128 މަރު ސީދާ މި ވައިރަހާ ގުޅިފައިވާކަން ވަނީ ކަށަވަރުވެފަ އެވެ.
މި ބަލި ފެތުރެނީ ބަލިޖެހިފައިވާ މީހެއްގެ ހަށިގަނޑުން ބޭރުވާ ދިޔަވަރެއް ނުވަތަ ލޭގެ ޒަރީއާއިންނެވެ. ބަލީގެ އަލާމާތްތައް ފެންނަން 21 ދުވަސް ނަގާފާނެ ނަމަވެސް، ބަލި އަރާނީ ހަމައެކަނި އަލާމާތްތައް ފެންނަ މީހުންގެ ފަރާތުންނެވެ.
މާލެ ސަރުކާރުން އަންގައިގެން އައްޑޫގައި ސިފައިން ދިދަ ނުނެގި
ސަވާހިލި، އައްޑޫ އިހްތިސާސްއިން ވަކިކުރުމަކީ ތަރައްޤީއަށް ހުރަސްއެޅުން
ވަކިކުރި މުވައްޒަފުންގެ ހައްގުގައި ކުރެންދޫގައި ސިލްސިލާ މުޒާހަރާ
އެލްޖީއޭ ބޯޑު ބައްދަލުވުންތައް ލައިވްކުރަން އެމްޑީޕީން ހުށަހަޅައިފި
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އަމްޖަދު އައްޔަންކޮށްފި
ސަރުކާރުން އުޅެނީ 14،000 ވުރެ ގިނަ މުވައްޒަފުން ވަކިކުރަން: ފައްޔާޒު