ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަގާމުން އަހްމަދު ނާޒިމް ދުރު ކުރުމަށް އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅޭ ސަބަބު އެނގިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ނަޝީދުގެ ކެމްޕެއިން ޖަލްސާއެއް މިރޭ އާޓްފިޝަލް ބީޗުގައި އޮތެވެ. އެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ވެރިކަންކުރާ ޕީއެންސީން ނާޒިމަށް އޮތް އިތުބާރު ގެއްލެން މެދުވެރިވި ސަބަބު މިހާތަނަށްވެސް ސާފުކޮށްދީފައި ނުވާކަން ފާހަގަކުރެވެއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، މަޖިލީހުގެ 23 މެންބަރުން ނާޒިމާއެކު ސިޔާސީ ގޮތުން ފިޔަވަޅުތަކެއް އަޅައި، ޕާޓީ ބަދަލުކުރުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މަސައްކަތް ކުރާތީ އެކަންކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

ރައީސަކީ އުސޫލެއް ނެތް ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވައި، ނަޝީދު ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"އަޅުގަނޑަށް އެނގޭ އެއީ 23 މަޖިލީހުގެ މެންބަރުން ރޮނގު ހުރަސްކުރާތީވެއޭ، އާދެ، ނާޒިމާ އެކުގައި ރޮނގު ހުރަސްކުރާތީވެ، ޕާޓީ ބަދަލުކުރަން އުޅޭތީވެ، ރައީސުލްޖުމްހޫރިއްޔާއަށް އިތުބާރު ނެތް ކަމަށް ވޯޓު ނަންގަވަން އުޅުއްވާތީވެ،" ނަޝީދު ވިދާޅުވިއެވެ.

އޭރުގެ ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ ޕީޕީއެމް އުވާލުމުގެ ފަހަތުގައި ވަނީ ރައީސް މުއިއްޒުގެ އިރުޝާދު ކަމަށް ވެސް ނަޝީދު ތުހުމަތު ކުރެއްވިއެވެ. މީގެއިތުރުން، ކުރީގެ ރައީސް ޔާމީން އެކަހެރިކުރައްވައި، އެމަނިކުފާނުގެ އާއިލީ ބޭފުޅެއް ކަމަށްވާ މުޙައްމަދު ޣައްސާން މައުމޫންވެސް ދުރުކުރައްވާފައިވާ ކަމަށާއި، މިއީ ދިވެހިންނަށް އާ މަންޒަރެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ދިވެހި ރައްޔިތުންނަކީ ވަފާތެރިކަން ކުޑަ މީހުން ބަލައިގަންނާނެ ބައެއް ނޫން ކަމަށެވެ.

ރައީސް މުޢިއްޒަކީ ހަމައެކަނި އާއިލީ ގޮތުން ނޫން ކަމަށާއި، ސިޔާސީ ބޭފުޅުންނަށްވެސް އިޚްލާޞްތެރިކަމެއް ނެތް ބޭފުޅެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެފަދަ ބޭފުޅަކު ރާއްޖޭގެ ރައްޔިތުން ބަލައިނުގަންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެ މަގާމުން ދުރުކުރުމަށްޓަކައި، މަޖިލީހުގެ މެޖޯރިޓީ އޮތް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުން މަޖިލީހަށް ހުށަހެޅި މައްސަލާގައި މައިގަނޑު ދެ ތުހުމަތެއް ކޮށްފައިވެއެވެ. އެއީ މަގާމުގެ ބާރު ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމާއި، މަޖިލީހުގެ މަސްލަހަތު ނަގާލުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް ޒިންމާތަކުން ރެކިވަޑައިގަތުމުގެ ތުހުމަތެވެ.