މަސައްކަތްތައް ބައްޓަން ކުރައްވާނީ ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ކަމަށް ދެވަނަ ދައުރަކަށް މިއަދު ހުވާކުރެއްވި މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މަގާމުގެ ހުވާ ކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މާލޭގައި ބިމުގެ ދަތިކަމާއި އާބާދީ އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށްޓަކައި، ކުރިމަގަށް އަމާޒުކޮށްގެން ހަރުދަނާ ޕްލޭންތަކެއް އެކުލަވާލަންޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ނިންމުމެއްވެސް ބިނާވާންޖެހޭނީ މިހާރުގެ ބޭނުންތަކާއި ކުރިމަގުގެ ރައްކާތެރިކަމުގެ މައްޗަށެވެ. މީގެ އިތުރުން، އިތުބާރު ހުރި މުނިސިޕަލް ހިދުމަތްތަކެއް ފޯރުކޮށްދިނުމަކީވެސް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ކުނި ނައްތާލުމާއި، މަގުތައް ބެލެހެއްޓުމާއި، މާރުކޭޓުތަކާއި އާސާރީ ބިނާތަކުގެ އިތުރުން ކުއްލި ހާލަތްތަކުގައި ދެވޭ ހިދުމަތްތަކަކީ އާންމުންގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަންކަން ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން، މި ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް ކެތްކުރެވޭ ފަދަ ސިޓީއަކަށް މާލެ ހެދުމަކީ މައިގަނޑު އަމާޒެއް ކަމުގައި އޭނާ ހާމަކުރެއްވިއެވެ.
ކައުންސިލްގެ މަސައްކަތްތައް ކުރިއަށްގެންދާއިރު މާލީ ގޮތުން ނަޒާހާތްތެރި އަދި ޒިންމާދާރު ބަޔަކަށް ވުމަށް އިސްކަންދޭނެ ކަމަށް މޭޔަރު ވިދާޅުވިއެވެ. ރައްޔިތުންގެ ފައިސާއަށް ޒިންމާދާރުވުމާއި، ހަގީގީ ހިސާބުތަކުގެ މައްޗަށް ބަޖެޓު އެކުލަވާލުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
އަދި އިންޓާނަލް އޮޑިޓަކީ އިސްލާހުވުމަށް ލިބޭ ފުރުސަތެއް ކަމަށާއި، ހަރަދުތައް ބޭނުންތެރި ގޮތުގައި ކުރުމަށް ބާރުއަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މާލީ އަހުލާގު ހިފެހެއްޓުމާއި، ދެފުށް ފެންނަ ގޮތަށް ކަންކަން ނިންމުމުގެ އިތުރުން، ކައުންސިލުން އިސްލާހުކުރަންޖެހޭ ކަންކަމުގައި ފަސްނުޖެހޭނެ ކަމުގެ ޔަގީންކަން އާޒިމް ދެއްވިއެވެ.
ރައްޔިތުންނާ ގާތުން މަސައްކަތްކުރުމުގެ ރޫހުގައި، ހުޅުމާލެއަކީވެސް ސިޓީ ކައުންސިލްގެ ބާރު ހިނގާ ތަނަކަށް ހަދައިދިނުމަށް އޭނާ ސަރުކާރުގައި އެދިވަޑައިގެންނެވިއެވެ. ގާނޫނީ ގޮތުން ސަރުކާރުން ކުރަންޖެހޭ މިކަން ފުރިހަމަކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އޭނާ ވަނީ އެދިވަޑައިގެންފައެވެ.
ތިން ރައީސުންގެ ފަރާތުން މަންދޫބުން ކަނޑައަޅައިފި
ގެގް އޯޑަރުގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
މަސައްކަތްތައް ބައްޓަން ކުރައްވާނީ ރައްޔިތުންގެ ލާބަ އާއި މަންފާ އަށް
އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރައްވައިފި
ގެއްލުނު ފަތުރުވެރިން ހޯދަން ފީނި ސިފައިންގެ މީހަކު ނިޔާވެއްޖެ
އަޅުގަނޑުމެންގެ ވެރިކަންތަކުގައި ގޯސްކޮށް ކަންކަން ކުރެވިފައި ހުންނާނެ