މިދިޔަ އޭޕްރީލް މަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުން ކާމިޔާބީ ހޯއްދެވި ކައުންސިލަރުން މިއަދު މަގާމުގެ ހުވާ ކުރައްވައިފިއެވެ. މި ރަސްމިއްޔާތު މިއަދު ބާއްވާފައިވަނީ ކުރީގެ ކައުންސިލަރުންގެ ފަސް އަހަރުގެ ދައުރު މިއަދަށް ހަމަވާތީއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކައުންސިލަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އާ މެންބަރުން އިގުރާރުގައި ސޮއިކުރުމުގެ ހަރަކާތްތައް ކުރިއަށްދިޔައެވެ. މާލޭގައި މި ރަސްމިއްޔާތު ބޭއްވުނީ ސޯޝަލް ސެންޓަރުގައެވެ.

މާލޭގެ މޭޔަރުކަމަށް ދެވަނަ ދައުރަކަށް ހޮވިވަޑައިގެންނެވި އާދަމް އާޒިމާއި، ކައުންސިލަށް އަލަށް އިންތިހާބުވި 17 މެންބަރުންނަށް ހުވާލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު ހުސައިން ޝަނީޒް އަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންވެސް ވަނީ އެބޭފުޅުންގެ އިގްރާރުގައި ސޮއިކުރައްވާފައެވެ.

ކުރީގެ ކައުންސިލަރުންނާއި ބޭރު ގައުމުތަކުގެ ސަފީރުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، ކައުންސިލުން ނިންމާ ނިންމުންތަކުގެ އަސަރު މާލެއަށްވުރެ ބޮޑަށް މުޅި ރާއްޖެއަށް ފޯރާނެ ކަމަށެވެ. އެހެންކަމުން އެ ނިންމުންތަކަކީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ހަރުދަނާކުރުމުގައި ދެފުށް ފެންނަ ނަމޫނާ މަސައްކަތްތަކަކަށް ވާންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.