ހަނގުރާމައާ ގުޅިގެން މަސްދަޅު އުފެއްދުމަށް ހިނގާ ހަރަދު ވަރަށް ބޮޑަށް މައްޗަށް ދިއުމާއި ގުޅިގެން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އުފައްދާ ތެޔޮ މަސްދަޅުގެ އަގު ބޮޑު ކުރުމަށްފަހު އޭގެ އަގު މާ ގިނަ ވަގުތެއް ނުވަނީސް އަލުން ކުޑަ ކޮށްފައި ވަނީ ފާޑުކިޔުންތައް އަމާޒުވެގެނެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މަސްދަޅުގެ އަގު ބޮޑުކުރީ މިމަހުގެ ހަވަނަ ދުވަހުއެވެ. އެއާއެކު މީގެކުރިން 17.50ރ އަށް ވިއްކަމުން އައި ތެޔޮ މަސްދަޅެއް މިފްކޯ އިން ވިއްކަން ނިންމާފައި އޮތީ 18.30ރ އަށެވެ. މީގެކުރިން މަސްދަޅު ކޭހެއް ވިއްކަމުން އައީ 760ރ އަށެވެ. އަގަށް މި އައި ބަދަލާއެކު ދެން ކޭހެއްގެ އަގު ޖެހޭނީ 800ރ އަށް ކަމަށް މިފްކޯ އިން ބުންޏެވެ.

ނަމަވެސް އޭގެ މާގިނައިރުތަކެއް ނުވަނީސް މިފްކޯގެ އެ ނިންމުން ބަދަލުކުރިއެވެ. އެ ކުންފުނިން ބުނީ މިފްކޯއިން ބުނީ ރައްޔިތުންގެ ދިރިއުޅުމުގެ އަގަށް ރިޢާޔަތްކޮށް، މިރެއިން ފެށިގެން މިފްކޯގެ މަސްފިހާރަތަކުން ކުރިއެކޭވެސް އެއްގޮތަށް ތެޔޮމަސްދަޅެއް 17.50ރ. އަށް އަދި ތެޔޮމަސްދަޅު ކޭހެއް 760ރ. އަށް ލިބޭނެ ކަމަށެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ މަސްދަޅުގެ އަގު ތިރިކުރީ އާއްމުންގެ ފާޑު ކިޔުންތައް އަމާޒުވުމުންތޯ އިކޮނޮމިކް މިނިސްޓަރު ސައީދުއާ ސުވާލުކޮށްފައެވެ. މިނިސްޓަރު ސައީދު ވިދާޅުވީ މިފްކޯ އިން މަސްދަޅުގެ އަގަށް ބަދަލު ގެނައިއިރު ސަރުކާރަށް އެކަން އެނގިފައި ނެތް ކަމަށެވެ.

ސައީދު ވިދާޅުވީ މިފަދަ ހާލަތެއްގައި ސަރުކާރުގެ ކަމާގުޅުންހުރި އެއްވެސް ކުންފުންޏަކުން ކަމެއް ކުރާ ނަމަ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެކަމުގެ މައުލޫމާތުތައް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.

"ރައީސްގެ އޮބްޖެކްޓިވްއެއް ނޫން ރާއްޖޭން އެއްވެސް އެއްޗެއް ހުސްވުމަކީވެސް. އެއްވެސް އެއްޗެއް ލިބުން ދަތިވުމަކީ ވެސް. އަދި އެއްވެސް އެއްޗެއްގެ އަގު ބޮޑުވެގެން ދިއުމަކީ ވެސް،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މަސްދަޅުގެ އަގު ބޮޑުކޮށްފިކަން އޭނާއަށް އެނގިވަޑައިގެންނެވި ހިސާބުން ފެށިގެން އެކަމަށް އެޓެންޑުވެ ވާހަކަދައްކަމުން ގެންގޮސްފައިވާނެ ކަމަށެވެ.