ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާތީ، އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އެ ގައުމުގެ ސަރުކާރުން ތެލުގެ އެކްސައިޒް ޑިއުޓީ ނުވަތަ ތެލުން ނަގާ ޑިއުޓީ އަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.

އިންޑިއާގެ ފިނޭންސް މިނިސްޓްރީން ނެރުނު ނޯޓިފިކޭޝަނެއްގައިވާ ގޮތުން، ޕެޓްރޯލާއި ޑީސަލުން ނަގާ "ސްޕެޝަލް އެޑިޝަނަލް އެކްސައިޒް ޑިއުޓީ" އިން ލީޓަރަކަށް 10 ރުޕީސް ވަނީ އުނިކޮށްފައެވެ. މި ބަދަލާއެކު ޑީސަލުން ނަގާ ޑިއުޓީ ސުމަކަށް ވެއްޓިފައިވާއިރު، ޕެޓްރޯލުން ނަގާ ޑިއުޓީ ވަނީ ލީޓަރަކަށް ތިން ރުޕީސްއަށް ދަށްވެފައެވެ.

މި ޑިއުޓީ ކުޑަކުރުމަކީ ސަރުކާރުގެ ތެޔޮ ކުންފުނިތަކަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ. ނަމަވެސް، މީގެ ސަބަބުން އާންމު ރައްޔިތުންނަށް ޕެޓްރޯލް ޝެޑްތަކުން ވިއްކާ އަގު ހެޔޮނުވާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ސަބަބަކީ ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުން ކުންފުނިތަކަށް ލިބޭ ބޮޑު ގެއްލުން މި ފިޔަވަޅުގެ ސަބަބުން ކުޑަވާނެތީއެވެ.

އެ ނިންމުމުގެ ސަބަބުން ކުރިއަށް އޮތް 15 ދުވަސް ތެރޭގައި ސަރުކާރުގެ އާމްދަނީން 5,500 ކްރޯޑް ރުޕީސް އުނިވާނެ ކަމަށް ލަފާކުރެވެއެވެ. މިއީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލުމުން އިންޑިއާގެ އިގްތިސާދަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދަނޑިވަޅަކީ ދުނިޔޭގެ ބާޒާރުގައި ބްރެންޓް ކުރޫޑްގެ އަގު ފީފާއެއް 116 ޑޮލަރަށްވުރެ މައްޗަށް އަރާފައިވާ ދަނޑިވަޅެކެވެ. މިއީ ފާއިތުވި ތިރީސް އަހަރު ތެރޭގައިވެސް ތެލުގެ އަގު މިހާ ބާރަށް އުފުލުނު ފުރަތަމަ ފަހަރެވެ.