ގާނޫނުއަސާސީގައި މައްސަލަތައް އެބަހުރި ކަމަށާއި އެކަންކަން އިސްލާހު ކުރުމަށް ގާނޫނުއަސާސީ އަށް އިތުރު އިސްލާހުތައް ހުށަހަޅުއްވާނެ ކަމަށް ބަންޑާރަ ނާއިބު އަހްމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އުޝާމް ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީގައި މައްސަލަތަކެއް އެބަހުރިކަމާއި، އެކަންކަން އިސްލާހު ކުރަންޖެހޭކަން އެއީ އެންމެންވެސް ގަބޫލުކުރާ ހަގީގަތެއް ކަމަށެވެ. އަދި އެކަންކަން ހައްލުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ގާނޫނުއަސާސީއަށް ތިން އިސްލާހެއް ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގާނޫނުއަސާސީ އަށް ހުށަހަޅާ ތިން އިސްލާހު:

  • ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުން
  • ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުން
  • ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ މައްސަލައަށް ހައްލެއް ގެނައުން

އުޝާމް ވިދާޅުވީ އެ އިސްލާހުތަކުގެ ތެރެއިން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުގެ މަސައްކަތް މިވަގުތު ކުރިއަށް ގެންދަނީ ކީއްވެގެންތޯ ކުރެވޭ ސުވާލުގެ ޖަވާބަކީ ވެސް ވަރަށް ސާފު ޖަވާބެއް ކަމަށެވެ.

ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ އިސްލާހުތަކުގެ ތެރެއިން، އެ އިސްލާހަކީ އެއަށް އަމަލުކުރަން ފެށުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސީދާ ގާނޫނުއަސާސީން ލާޒިމްކުރާ އިސްލާހެއް ކަމަށެވެ. އަދި ގާނޫނުއަސާސީ އަށް ދެން ގެންނަންޖެހޭ އިސްލާހުތަކަކީ އެއަށް އަމަލުކުރުމަށްޓަކާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގާނޫނުއަސާސީ ލާޒިމްކުރާ އިސްލާހުތަކެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"ލޯކަލް ކައުންސިލް އިންތިހާބަށްޓަކައި މުޅި ދިވެހިރާއްޖެ ތައްޔާރުވަމުންދާ ވަގުތު، މި ފެންނަ ނުފެންނަ ވޯޓާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުލުން އެކުއެކީގައި ބޭއްވުމަކީ، މުޅި ރާއްޖޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހިނގާނެ ހަރަދުން އެތައް މިލިއަން ރުފިޔާއެއް ސަލާމަތްކުރެވޭނެ ކަމެއް. މުޅި ރާއްޖޭގައި މިފަދަ ވޯޓެއް ވަކިން ބާއްވާނަމަ އެންމެ ކުޑަމިނުން 80 ވަރަކަށް މިލިއަން ރުފިޔާ ހޭދަވާނެ. ކައުންސިލް އިންތިހާބާއެކު މިވޯޓު ބާއްވާނަމަ އެތައް ގުނައެއް ޚަރަދު ކުޑަވެ، ދައުލަތުގެ ބަޖެޓަށް ލުއިވާނެ،" ބަންޑާރަ ނާއިބު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ޕޯސްޓުގައި ގާނޫނުއަސާސީ އަށް ދެން ގެންނަން ބޭނުންވާ އިސްލާހުތައް ވެސް މާލަސްތަކެއް ނުވެ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެއެވެ. އަދި މިހާރު ހިނގަމުން ދަނީ އެކަމުގެ އެންމެ ފަހުގެ މަޝްވަރާތައް ކަމަށް އުޝާމް ވިދާޅުވިއެވެ.