ހަނގުރާމައިގެ އެއްވެސް ބޭނުމަކަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ސަރުކާރުން ނުދޭނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް ވިދާޅުވެއްޖެއެވެ.

އިސްރާއީލާއި އެމެރިކާ ގުޅިގެން މިދިޔަ މަހުގެ 28ވަނަ ދުވަހުން ފެށިގެން އަންނަނީ އީރާނަށް ހަމަލާ ދެމުންނެވެ. އަދި ރައްދުގައި އީރާނުން ވެސް އަންނަނީ ހަމަލާ ދެމުންނެވެ. ރައްދުގައި އީރާނުން ހަމަލާ ދޭއިރު އެގައުމުން އަންނަނީ ހުންނަ އަރަބި ގައުމުތަކުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާ ދެމުންނެވެ.

މި ހަނގުރާމައާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަނގުރާމަ ފެށުނު ދުވަހު ހާއްސަ ކޮމެޓީއެއް އުފައްދައިފައެވެ. މިއަދު އެ ކޮމެޓީން ވަނީ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކޮށްފާނެ އަސަރުތަކާއި އަދި ހަނގުރާމައާ ގުޅިގެން ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކާއި ގުޅޭ ގޮތުން ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ހިއްސާ ކޮށްފައެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ހަލީލް ވިދާޅުވީ ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެދުމުން އެކަމަށް އިންކާރު ކޮށްފައިވާ ކަމަށެވެ. ސަރުކާރުން އިސްކަން ދޭނީ ރާއްޖޭގެ ހަމަޖެހުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރާއްޖޭގެ ވައިގެ ސަރަހައްދުން އެއްވެސް ގައުމަކަށް، އެއްވެސް ގައުމަކަށް ހަމަލާދިނުމަށް ބޭނުންކުރެވިފައި ނުވާނެ ކަން އަޅުގަނޑު ހަމަ ދަންނަވާލަން. އަދި އެފަދަ އަންނަ ރިކުއެސްޓުތައް ވެސް އަޅުގަނޑުމެން ރިޖެކްޓު ކުރަމުންދާ ކަން ތިބޭފުޅުންގެ މައުލޫމާތަށްޓަކާ ދަންނަވާލަން،" ހަލީލް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށް ކަމަށެވެ.