މެދުއިރުމަތީގައި ފެށިފައިވާ ވަރުގަދަ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި ދަތުރުފަތުރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، މިއަދު އެކަނިވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަން އޮތް 14 ފްލައިޓެއް ކެންސަލްވާނެއެވެ.

މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި، ރާއްޖޭގެ މަޝްހޫރު ޓްރެވަލް އެޖެންސީ "އިނަ މޯލްޑިވްސް" ގެ މެނޭޖިން ޑައިރެކްޓަރ މުހައްމަދު ފިރާގު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުއްލިއަކަށް ފްލައިޓްތައް ކެންސަލްވުމުން ދޭހަވަނީ ރާއްޖޭގެ މިހާރުގެ ހާލަތު އޮތް ނާޒުކު މިންވަރު ކަމަށެވެ. އަދި ބޭރުގެ ހާދިސާތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އަންނަ ލޮޅުންތައް ވަރަށް އަވަހަށް ފެންނަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފިރާގު ވިދާޅުވީ ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރަށް ބަރޯސާވެފައިވާ ގައުމެއްގެ ހައިސިއްޔަތުން، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ބައްޓަންކުރަންވާނީ ކުއްލި ބޮޑެތި ކާރިސާތަކަށް ތައްޔާރުވެފައިވާ، "ރެސިލިއަންޓް" ނުވަތަ ކެތްތެރި ނިޒާމެއްގެ ދަށުން ކަމަށެވެ.

އެފަދަ ހާލަތްތަކަކީ ވަގުތީ ކަމެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، ދިގު މުއްދަތުގެ ސްޓްރެޓީޖިކް ޕްލޭންތަކުގެ ތެރޭގައި މިފަދަ ކަންކަން ހިމަނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، މި ދަނޑިވަޅުގައި ސަރުކާރާއި، ސިނާއީ ބައިވެރިންނާއި، ޕްރައިވެޓް ސެކްޓަރ އަދި އާންމު ރައްޔިތުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފިރާގު ފާހަގަކުރެއްވިއެވެ.

"ތެދުވެރި މުއާމަލާތްތަކާއި، ފަންނީ ގުޅުންތަކާއި، އެންމެންގެ އެއްބާރުލުން މިފަދަ ވަގުތެއްގައި ނުހަނު ބޭނުންތެރި،" ފިރާގު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ހިމާޔަތްކޮށް، ރާއްޖެއަށް އޮތް އިތުބާރު ދެމެހެއްޓޭނީ ހާމަކަން ބޮޑު ގޮތެއްގައި ޒިންމާދާރުކަމާއެކު އެންމެން އެކަތިގަނޑަކަށް ވެގެން ކަމަށެވެ.

މެދުއިރުމަތީގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން، ޔޫރަޕުންނާއި މެދުއިރުމަތީގެ ގައުމުތަކުން ރާއްޖެއަށް އަންނަން ހުރި ގިނަ ފްލައިޓްތަކެއް ވަނީ ހުއްޓުމަކަށް އައިސްފައެވެ.