އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނައީ އަވަހާރަކޮށްލުމާ ގުޅިގެން، އީރާނުގެ އިސްލާމީ އިންގިލާބީ ގާޑް ކޯޕްސް އިން "ތާރީހުގައި" ދޭނެ އެންމެ ވަރުގަދަ އަސްކަރީ އޮޕަރޭޝަން ފަށަން ތައްޔާރުވެއްޖެއެވެ.
އީރާނުގެ ރަސްމީ މަސްދަރުތަކުން މިއަދު އިއުލާންކުރި ގޮތުގައި، "އިރުކޮޅެއްގެ ތެރޭގައި" ފަށާ މި ވަރުގަދަ އޮޕަރޭޝަން އަމާޒުކުރާނީ އިސްރާއީލުގެ އިސްތިއުމާރީ ބިންތަކަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ. މިއީ ޚާމަނައީ އަވަހާރަކޮށްލުމުގެ ބަދަލުހިފުމުގެ ގޮތުން ދޭ ހަމަލާތަކެއް ކަމަށާއި، މިއީ މުޅި ސަރަހައްދުން "ޓެރަރިސްޓް" ބާރުތައް ފޮހެލުމަށް ކުރާ މަސައްކަތެއްގެ ފެށުން ކަމަށް އީރާނުން ބުނެއެވެ.
މި ހަނގުރާމައިގެ މަސްރަޙަށް ބަލާއިރު، މިހާތަނަށް ހިނގާފައިވާ ކުރިމަތިލުންތަކުގައި އީރާނުން އެކަނިވެސް 200 އަށްވުރެ ގިނަ މީހުން މަރުވެ، 740 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އޭގެ ތެރޭގައި އީރާނުގެ އިސް އަސްކަރީ ކޮމާންޑަރުންނާއި އާންމު ރައްޔިތުން ހިމެނެއެވެ. އިސްރާއީލުން ވެސް ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެފައިވާ އިރު، މުޅި މެދުއިރުމަތި މިހާރު އޮތީ ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވެއްޓުމުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ.
މި ހާލަތު އެންމެ ބޮޑަށް ގޯސްވެގެން ދިޔައީ އިސްރާއީލުން ތެހެރާންގައި ހުންނަ ޚާމަނައީގެ ސިއްރު ބިންގަރާހަށް ދިން ވަރުގަދަ ވައިގެ ހަމަލާއެއްގައި އޭނާ އަވަހާރަވުމާ ގުޅިގެންނެވެ. ޚާމަނައީ އަވަހާރަވުމަކީ އީރާނުގެ ވެރިކަމުގެ ނިޒާމަށް ލިބުނު އެންމެ ބޮޑު ލޮޅުން ކަމަށްވާއިރު، އީރާނުގެ އަސްކަރިއްޔާއިން ދަނީ މިއީ ދުނިޔެ ދުށް އެންމެ ނުރައްކާތެރި ބަދަލުހިފުމަށް ހަދާނެ ކަމަށް ބުނެ އިންޒާރު ދެމުންނެވެ.
މެދުއިރުމަތީގެ ގައުމުތަކުން މިހާރު ވަނީ އެމީހުންގެ ވައިގެ ސަރަހައްދުތައް ބަންދުކޮށްފައެވެ. ދުބާއީއާއި ގަތަރު ފަދަ މައި ދަތުރުފަތުރުގެ މަރުކަޒުތައް ހުއްޓުމަކަށް އައިސްފައިވާއިރު، މުޅި ދުނިޔޭގެ ނަޒަރު މިހާރު ހުރީ އީރާނުން ދެން ފޮނުވާލާނެ މިސައިލް ހަމަލާތަކަށެވެ. އެމެރިކާގެ އަސްކަރިއްޔާއިން ވެސް ދަނީ އެ ސަރަހައްދުގައި ހުރި އެ ގައުމުގެ މަރުކަޒުތައް ދިފާއުކުރުމަށް ކުއްލި ފިޔަވަޅުތައް އަޅަމުންނެވެ.
މިއަދު އެކަނިވެސް ރާއްޖެ އަންނަން އޮތް 14 ފްލައިޓެއް ކެންސަލްވާނެ
އީރާނުން "ތާރީހީ" ވަރުގަދަ ހަމަލާއެއް ދޭނެކަން އިއުލާންކޮށްފި
އާޔަތުﷲ އަލީ ޚާމަނައީ: ހުޅަނގުގެ ބާރުތަކަށް ގުޑުވާނުލެވުނު ލީޑަރެއް
ޚާމަނައީ އަވަހާރަވިކަން އީރާނުގެ މީޑިއާތަކުން އިއުލާންކޮށްފި
ޚާމަނައީ އަވަހާރަވިކަން އީރާނުން ކަށަވަރެއް ނުކޮށްދޭ: ރިޕޯޓް
މޭޔަރު ގޮވާލީ މި ދަނޑިވަޅުގައި ދައުލަތުން ކުރާ އިސްރާފު ހުއްޓާލަން